142 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި ޕޯޗުގަލްގެ ޒުވާން ފޯވާޑު ޔާއޯ ފެލިކްސް އެތުލެޓިކޯއަށް ކުޅުނު ފުރަތަމަ މެޗުން އަނިޔާވެއްޖެއެވެ.
އުމުރުން 19 އަހަރުގެ ފެލިކްސް އެތުލެޓިކޯއަށް ކުޅުނު ފުރަތަމަ މެޗު އިއްޔެ ކުޅުނުއިރު، ސްޕެއިންގެ ނުމަންސިއާ ދެކޮޅަށް ކުޅުނު ރަޙްމަތްތެރިލަމުގެ މިމެޗުގައި އޭނާއަށް އަނިޔާވެފައިވަނީ ކުޅެން ނުކުތްތާ 28 ވަނަ މިނަޓްގައެވެ.
ފެލިކްސް ބަދަލުކޮށްފައިވަނީ އުނަގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. ބެލެވޭ ގޮތުގައި ފެލިކްސް ލިބުނު މިއަނިޔާ އެހާ ސީރިއަސް ހެނެއް ހިއެއްނުވެއެވެ.
ފެލިކްސް ކުޅުނު މި 28 މިނަޓްގައިވެސް އޭނާގެ ފަރާތުން ތަފާތު މޮޅުކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. އަދި ލަނޑުޖަހާނެ ފުރުޞަތެއް ތަނަވަސްކޮށްދީ ހިތްގައިމު ބޯޅައެއް ޑިއެގޯ ކޯސްޓާއަށް ދީފައިވެއެވެ.
ނުމަންސިއާއާއި ދެކޮޅަށް ކުޅުނު މިމެޗު އެތުލެޓިކޯ ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފަހު 21 މިނަޓްގައި އެތުލެޓިކޯގެ ލަނޑުތައް ފެނިގެންދިޔައިރު މިލަނޑުތައް އެކްލަބަށް ޖަހައިދިނީ ވިޓޯލޯ، ސަޕޯންޖިކް އަދި ފެލިޕެ އަގަސްޓޯއެވެ.
ގްރިޒްމަން ނެތްތައް ފޫބައްދަން އެތުލެޓިކޯއިން ގެނައި ފެލިކްސްވަނީ މިދިޔަ ސީޒަންގައި ބެންފީކާގައި މޮޅު ކުޅުމެއް ދައްކާފައެވެ. ބެންފީކާއަށް ކުޅެދިން 43 މެޗުން 20 ލަނޑު ކާމިޔާބުކޮށްދިން ފެލިކްސްއަށް ހޯދުމަށް އެތުލެޓިކޯއިންވަނީ 142 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއްދައްކާފައެވެ. މިއާއެކު އޭނާ ވެފައިވަނީ ފުޓްބޯޅައިގެ ފަސް ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާއަށެވެ.



