އަހަންނަށް ކިޔަނީ ނިހާލްއެވެ. އުމުރުން މިހާރު ތިރީހާއި ގާތްކުރަނީއެވެ. އިސްކޮޅުން ދިގެވެ. ފިރިހެންވަންތަކޮށް ހުރުމައްޓަކައި ތުނބުޅިއާއި މަތިމަސްވެސް ކޮންމެވެސް ވަރަކަށް އަބަދުވެސް ބަހައްޓަމެވެ. ބަރު އަޑެކެވެ. މުށިކުލައިގެ ކަޅިއަކީ އެންމެ ގިނަ އަންހެން ކުދިންނަށް އަހަރެންގެ އެންމެ ކަމުދާ ސިފައެވެ. ހަމުގެ ކުލަ އެންމެ ދޮން ނޫނަސް ކަޅޭ ބުނާވަރެއް ނުވެއެވެ. އަބަދުވެސް ރީތިކޮށް ހެދުން އެޅުމަށް އިސްކަމެއް ދެމެވެ. އަހަންނަކީ މާ އަނގަގަދަ މީހެއް ނޫނެވެ. ބޭކާރު ވާހަކަ ދެއްކުމަކީ އަހަރެން އެއްވެސް އިރެއްގައި ކުރާހިތްވި ކަމެއް ނޫނެވެ. އެކަނި ވިޔަފާރިއެއް ބަލަހައްޓަމެވެ. ގިނަ ވަގުތު ހޭދަކުރެވެނީ އެކަމުގައެވެ. ނަތީޖާއަކަށްވީ އަންހެން ކުދިންނާއި ތަންކޮޅެއް ދުރުދުރުން އުޅެވުމެވެ. އެމީހުން ތުއިވެ ދައްކާހާ " ޑްރާމާ " ތަކަށް ވަގުތު ހުސްނުކުރެވުމެވެ.
ދިރިއުޅުމައްޓަކައި އަހަރެން ދެކެމުންއައީ ވަރަށްވެސް ފޮނި ހުވަފެންތަކެކެވެ. ހިތުގެ ތެރެއަށް އެއްވެސް މީހަކަށް ވަނުމަށް އިޒުނަ ނުދެވިގެން އުޅެވުނީވެސް އެހެންވެގެންނެވެ. މިޒަމާނުގެ އަންހެން ކުދިންނަށް އަހަންނަށް އެހާ އިތުބާރެއް ނުކުރެވެއެވެ. އެއްދުވަހު ލޯބިން އުޅެފައި އަނެއްދުވަހު ކަމަކުން ކަމަކާއި ނުލާ ރުޅިއައިސްދާނެއެވެ. އަބަދާއި އަބަދު ކާން ބޭނުންވާނީ ބޭރުންނެވެ. އަގު ބޮޑެތި ހަދިޔާތަށް ހޯދާ ކުރިނާރާނެއެވެ. ޝަކުވާ ކުރުމުގައި އެވަރެއް ނުތިބޭނެއެވެ.
އަހަރެންގެ ދިރިއުޅުމަށް ޝަބާއައީ އަހަރެން ހީވެސް ނުކޮށް ހުއްޓައެވެ. އަހަރެން ވަރަށް ރަނގަޅަށް އެދުވަސް މަތިން ހަނދާން އެބަ ހުއްޓެވެ. ހުޅުމާލެއަށް އަހަރެން އެދުވަހު ދިޔައީ ވިޔަފާރީގެ ކަމެއްގައެވެ. އުޑުމަތި ބަނަކޮށް އޮތް ނަމަވެސް ވާރޭވެހޭނެކަމަށް އަހަރެން އުއްމީދެއް ނުކުރަމެވެ. ކޯޓެއް ނޫނީ ކުޑައެއްވެސް ނުގެންދިޔައީ އެހެންވެގެންނެވެ. ސައިކަލުގައި ދުއްވާފައި އަހަންނަށް ދެވުނީ ފްލެޓްތަކަކާއި ހަމައަށެވެ. އުޑުމަތީގައި ގިނަވެފައިވާ ވިއްސާރަ ވިލާތަށް ބަރުވެ ވާރޭ ތިކިތަށް ބިމަށް ފައިބަން ފެށިއެވެ. ސައިކަލު ޕާކުކޮއްލާ ގެއެއްގެ އަސްކަނިދޮށުގައި އަހަރެން ހުއްޓިލީ ގަދަޔަށް ވާރޭ ވެހެން ފެށުމުންނެވެ. ތެމެން ބޭނުންނުވާތީއެވެ.
އެތާ ހުންނަތާ އިރުކޮޅެއް ވީއިރުވެސް ވިއްސާރަ ހުއްޓަން ނޫޅުމުން އަހަރެން ފޫހިވާގޮތް ވާންފެށިއެވެ. އެކިތަންތަނަށް ނަޒަރު ހިންގަން ފެށުނީ އެހެންވެގެންނެވެ. އަހަންނަށް ފުރަތަމަ ފަހަރު ޝަބާ ފެނުނީ އެވަގުތުއެވެ. ފްލެޓް އެޕާރޓްމެންޓެއްގެ ބެލްކަންޏަށް ނުކުމެ ހުއްޓައެވެ. ވެހެމުން ދިޔަ ވިއްސާރައިން ޝަބާއަށް ހިތްހަމަޖެހުން ލިބެމުންދިޔަކަން އަހަންނަށް ދުރުންވެސް ޔަގީން ކުރެވުނެވެ. އެހާ ހިއްކެއް ނޫނެވެ. ނަމަވެސް ފަލައޭ ބުނާކަށްވެސް ނުވާނެއެވެ. މެދުމިނެކެވެ. އަޅާފައިވާ ބުރުގަލުގައި ވަނީ ގޮށެއް ޖަހާލާފައެވެ. އިސްކޮޅުގައި ފަސް ފޫޓަށް ވުރެ ތަންކޮޅެއް ދިގުވާނެއެވެ. އަޅާފައި ހުރި ރަތް ބުރުގަލުން އެ މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭފަދައެވެ. އަހަންނަށް އެގޮތަށް ޝަބާއަށް ބަލަން ހުރެވުނީ ކިހާއިރަކު ކަމެއް ހުދު އަހަންނަށްވެސް ނޭނގެއެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ ދިރިއުޅުމަށް އަންހެން ކުއްޖަކު ގެންނަން ބޭނުންވިއެވެ.
މާޔޫސްކަމެއް އަހަންނަށް ލިބުނީ ޝަބާ އެތެރެއަށް ވަނުމުންނެވެ. ދެން ނުފެންނާނެބާއެ ހިތަށްއަރާ އިސްޖަހާލެވުނީއެވެ. އެ ނުތަނަވަސްކަން ފިލާ ދިޔައީ "އަން" މިހެން ކިޔާފައި ޝަބާ އަހަންނަށް ކުޑައެއް ދިއްކޮއްލުމުންވެ.
އަހަންނާއި ދިމާއަށް ވަރަށް ގިނައިރު ވަންދެން ބަލަން ހުރިހެން " އެއީ ފެށުމެވެ.
އަހަރެން އެކަމަށް އިންކާރު ކުރިނަމަވެސް ޝަބާއަށް އަހަރެން އޭނާއަށް ބަލަން ހުއްޓާވަނީ ފެނިފައެވެ.
"އޯކޭ މަންމަ ހޯދާނެ. ކޮންމެވެސް ދުވަހަކުން ކުޑަ ރައްދުކުރަން އަންނާތި." އެހެން ބުނެފައި ޝަބާ ދުއްވައިގަތީ ފްލެޓަށް ވަނުމަށެވެ. ނަމަވެސް އަހަންނާއި ދިމާއަށް އެނބުރިލިއެވެ.
"ބައިދަވޭ ތީ ވަރަށް ލޯބި ބިޓެއް." އެހެން ބުނެފައި ޝަބާގޮސް ގެއްލިއްޖެއެވެ. އަހަރެން ގާތަށް ވަރަށް ހިނިވެސް އައެވެ. ޝަބާގެ ލާނެތްކަމުންނެވެ. ކުޑަ ހިފައިގެން އަހަރެންވެސް އަހަރެންގެ މަންޒިލަށް ދިޔުމަށް މިސްރާބު ޖެހީމެވެ. އުފަލުން ހުރެއެވެ. އެ ކުޑައިގެ އަރިމަތީގައި ނަންބަރެއް ޖެހުމަށްފަހު ޝަބާ ލިޔެފައި ވުމުންނެވެ. މިހާރުގެ އަންހެން ކުދިން އުޅެނީ ހާދަ ކުރިއެއްގައޭ އަހަރެންގެ ހިތަށް އެރިއެވެ.
ކޮންމެ ގޮތެއްވިޔަސް އަހަރެން އެރޭ އެ ނަންބަރަށް ގުޅާލީމެވެ. ކުޑަ ހަވާލުކުރަންށޭ ބުނުންވީ އަހަރެން ދެއްކި ބަހަނާއަށެވެ. އެންމެ ފުރަތަމަ ޝަބާ ބުނެލި "ހަލޯ" އިންވެސް އަހަރެންގެ ހިތުގެ ވިންދުއަވަސްވެގެން ދިޔައެވެ. އެކަން ސިއްރުކުރަމުން ޝަބާ ދައްކާ ކޮންމެ ވާހަކައަކަށް އަހަރެން އާނ ހޫނ ކިޔަމުން ދިޔައީމެވެ. ކުރިންވެސް ބުނިގޮތަށް އަހަންނަކީ އެހާ ބަސްގިނަ މީހެއް ނޫނެވެ. ޝަބާ ބުނީ އެއީ މައްސަލައެއް ނޫން ކަމަށެވެ. ޝަބާ ދައްކާ ކޮންމެ ވާހަކައެއް އަޑުއަހަން ހުންނަނިކޮށް މައްސަލައެއް ނުޖެހޭނެ ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރުންވެސް ޝަބާއަށް އެދި ގޮވަން ފެށިއެވެ. އަހަންނަށް އެއަޑު ކަމުދިޔައެވެ. ކަންފަތުގައި ހިތްގައިމު އަޑެއް ޖެހުމުން ކަމުނުދާނީ ފަހެ ކާކަށް ހެއްޔެވެ؟ ހީލާ ކޮންމެ ފަހަރަކު އަހަރެންނަށް ޝަބާގެ ހިނިތުންވުން ސިފަވަމުންދިޔައެވެ.
އެއް ފޯނުކޯލު ދެ ކޯލަށްވެ، ދެ ކޯލު ތިން ކޯލަށް ވަމުން ދިޔައެވެ. ހިތުގައި ސާފު ލޯތްބެއް ބިންވަޅު ނެގެމުން ދިޔައެވެ. ގިނަ ވަގުތު ވާ ޝަބާ ދެކިލުމަށް އަހަރެންގެ ދެލޯ އެދެމުންދިޔައެވެ. އެނޫން އަޑެއް އެހުމަށް އަހަރެންގެ ކަންފަތް ބޭނުން ނުވާފަދައެވެ. އަޅާ ކޮންމެ ފިޔަވަޅެއް އަޅާހިތްވަމުން ދިޔައީ ޝަބާ ގާތަށް ދިޔުމަށެވެ. ބޭނުންވަނީ އެ އަތުގައި ހިފާލައިގެން ހިނގާލަން ދިޔުމަށެވެ. އަހަންނެކޭ އެއްގޮތަށް ޝަބާގެ ހިތުގައިވެސް އަހަންނަށްޓަކައި ލޯބިވާކަން އަހަންނަށް ޔަގީންވަމުންދިޔައެވެ. ޝަބާވެސް އަބަދު އަހަރެންގެ ފޯނުކޯލަށް އިންތިޒާރު ކުރެއެވެ. ބައްދަލުކުރުމަށް އެދެއެވެ. އެހެން އަންހެން ކުއްޖަކާއި ވާހަކަ ދައްކައިފިނަމަ ކުޑަ ކުއްޖެއްފަދައިން ޝަކުވާ ކުރެއެވެ.
އަހަރެންގެ ދުނިޔެއަށް ޝަބާ ގެނައުން އަހަރެންގެ ހުވަފެނަކަށް ހެދުނެވެ. އަހަރެންގެ ދިރިއުޅުން ބިނާކުރަން ބޭނުންވަމުން އައީ ޝަބާއާއި އެކުގައެވެ. އުއްމީދަކީ ދެމީހުންގެ ގުޅުން ދުވަހަކުވެސް ހީނަރުވެގެން ނުދިޔުމެވެ. ޝަބާގެ ހައްގުގައި ގުރުބާން ވާން ޖެހިއްޖެ ހާލެއްގައި އެކަން ކުރަންވެސް އަހަރެން ހުރީ ތައްޔާރަށެވެ. ޝަބާގެ ހިނިތުންވުމައްޓަކައި ޖާނު ގުރުބާނެ ބުނަންވެސް އަހަރެން ބޭނުންވަމުން ދިޔައެވެ. އަހަރެންގެ ކުލަނެތް ދިރިއުޅުމުގައި މަޑުމަޑުން ކުލަ ޖެހެމުން އައެވެ. އެކަނި ހުރެގެން އަހަންނަށް ހިނިތުންވެވެން ފެށުނެވެ. ލޯބީގެ ލަވަތަށް އަޑުއަހާ އެ ލަވަތަށް ކިޔެމުން ދިޔައެވެ. އަހަރެން ލާ ކޮންމެ ނޭވާއޭއް ޝަބާއަށްޓަކައި ލެވެން ފެށުނެވެ. ހިތުގައި ވިންދު ޖަހާ ހިނދެއްގައި މި ލޯތްބަށް ބަދަލެއް ނާންނާނެކަން އަހަންނަށް އެނގުނެވެ.
މާގިނަ ދުވަހެއް ވަންދެން ހިތުގައި ލޯބި ފޮރުވައިގެން އަހަންނަކަށް ނުހުރެވުނެވެ. ތެޔޮ ނާށި ކާޅު ޖަހައިގަނެފާނެއޭވެސް އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ޝަބާއަށް ލޯބި ހުށައަޅަން އަހަރެން ވަރަށް މަސައްކަތްކުރީމެވެ. ޝަބާގެ މަންމަގެ ހުއްދައާއި އެކު ޝަބާ ގޮވައިން އަހަރެން ދިޔައީ ފުރަތަމަ ދުއްވާލާށެވެ. ޝަބާ އިނީ އަހަރެންގެ ގައިގާ ބައްދާލައިގެންނެވެ. އަހަންނަށް އެކަމުންވެސް ލިބުނީ އިތުރު ހިތްވަރެކެވެ.
ޝަބާ ހައިރާންވާނެ ވަރު އަހަރެން ވާނީ ކޮއްފައެވެ. ހޮޓަލެއްގެ ޓެރަސް މަތި އަހަރެން އެއްކޮށް ރިޒާރވް ކުރީމެވެ. ކުލަގަދަ ހަފްލާއަކަށް ތައްޔާރު ކުރާފަދައިން އެތަން ތައްޔާރު ކުރީމެވެ. މުޅި ތަނުގައި ތަފާތު އެކި ވައްތަރުގެ ކުދި ލައިޓްތަކުން ދިއްލާލީމެވެ. ޝަބާއަށް އެންމެ ކަމުދާ ހުދުފިނިގެންމަލުން މުޅިތަން ޖަރީ ކުރުވީމެވެ. އެކި ވަރުގެ ޑްރީމް ކެޗަރ ތަކެވެ. އަނެއްކާ އެރެއަކީ ރާއްޖެއަށް ކޭތައެއް ހިފާތަން ފެންނަ ރެއެކެވެ. އެ މަންޒަރު ބަލަން ޓެލެސްކޯޕެއްވެސް ބެހެއްޓީމެވެ. އެހެން އަންހެން ކުދިންނަށް ދޭ ހަދިޔާއަށްވުރެ ތަފާތު ހަދިޔާއެކެވެ. ހުދު ކުލައިގެ ލޯބި ލޯބި ބުޅަލެކެވެ. ޝަބާއަކީ ބުޅަލަށް މަރުދޭ އަންހެން ކުއްޖެކެވެ.
އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ. އެރޭ އުފަލުން ޝަބާ ފުންމި ފުންމުމެވެ. އުފަލުން ލެވި ހަޅޭކެވެ. އުފަލުން އަހަރެންވެސް ފޮޅުނެވެ. އަހަރެންގެ ލޯބި ޝަބާ ގަބޫލުކުރުން ވެގެން ދިޔައީ އަހަންނަށް ދުނިޔެއިން ލިބުނު އެންމެ ބޮޑު އުފަލަށެވެ.
ވަރަށް ލޯބިން އެކުއެކީގައި ދުވަސްތަށް ހޭދަވަމުން ދިޔައެވެ. ބައެއް ފަހަރު ކުނޑިފުށްތައް ޖެހުނު ނަމަވެސް ދެމީހުން ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ހައްލު ކުރަމުންއައިމެވެ. ދުވަހަކަށް ވުރެ ދުވަހަކު އަހަރެންގެ ހިތުގައި ޝަބާއަށްޓަކައި ވީ ލޯބި އައީ އިތުރު ވަމުންނެވެ. ކައިވެނީގެ ވާހަކަވެސް ދެކެވެން ފެށުނީ އެހެންވެގެންނެވެ.
"ކައިވެންޏަށްފަހު އަނެއްކާ އަހަރެން ދެކެ ފޫހި ނުވައްޗޭ. އަހަރެން ބޭނުންމީ ނިހާލްއާއި އެކު މުޅި އުމުރު ވޭތުކުރަން." ޝަބާ އަހަރެންގެ އަތުގައި ހިފާލައިގެން އިނދެ އެދުވަހު ބުންޏެވެ.
އަހަރެންނަށް ދުވަހަކުވެސް ޝަބާއާއި ދުރަށް ދެވޭނެ ހެއްޔެވެ؟ އަހަރެން އެއަށްވުރެ ބޮޑަށް ޝަބާދެކެ ލޯބިވެއެވެ.
ދިރިއުޅުމަށް ދެކެމުން އައި ހުވަފެން ވިއްސި ވިހާލިވެ، އުފާވެރި ހަޔާތެއް ބިނާކުރުމައްޓަކައި ކުރަހާ ކުލަޖައްސަމުން އައި ކުރެހުމަށް ފެންއެޅުނީ އަހަރެންގެ ބޮޑު ހިތުގެ ބައްޔެއް ހުރިކަން އެނގުމުންނެވެ. ހާރޓް ޓްރާންސްޕްލާންޓެއް ކުރަން ޖެހުމުންނެވެ. އަހަރެންގެ ބަލި ހާލަތު އެނގުމުން ޝަބާ ވަރަށް ރުޔެވެ. ކޮންމެ ގޮތެއް ވީނަމަވެސް ހިތްވަރު ދެރަ ނުކުރުމަށް އަހަންނަށް ނަސޭހަތްތެރި ވިއެވެ. އެއްވެސް އިންސާނަކަށް މާތް ﷲ ދެރަގޮތެއް މިންވަރު ނުކުރައްވާނެ ކަމަށް ބުނަމުންނެވެ.
މަޑުމަޑުން އަހަންނަށް ޝަބާއާއި ދުރުވެވެން ފެށުނެވެ. ލޯބި ނުވާތީއެއް ނޫނެވެ. ކުރިމަގެއް ފެންނަން ނެތުމުންނެވެ. ޑޯނާރއެއް ލިބުމަކީ ކިހާ އުނދަގޫ ކަމެއްކަން އަހަންނަށް އެނގޭތީއެވެ. ޝަބާގެ ކުށެއް ނެތްކަން އެނގޭއިރުވެސް އަހަންނަށް ކޮންމެ ކަމެއްގެ ރުޅި ޝަބާއަށް ބޭލެމުން ދެވުނެވެ. ހިނިތުންވެލަމުން އަހަރެން ކިޔާ ކޮންމެ އެއްޗަކަށް ޝަބާ ކެތްތެރިވަމުން ދިޔައީ އަހަރެން ދެކެ ވާ ލޯތްބެއްގެ ސަބަބުންނެވެ. އެކަން އަހަންނަށް އިހްސާސްކުރެވެމުން ދެއެވެ. ބައެއް ފަހަރު އެގޮތަށް ކަންތައް ކުރެވޭތީ އިންތިހާއަށް ދެރަވެސް ވެއެވެ. ކައިވެނިވެސް އަހަރެން ލަސްކުރީމެވެ. އަހަރެން " ރަނގަޅު " ވުމުން ކުރާ ގޮތަށެވެ. ކިތަންމެ ދެރައެއް ވީ ނަމަވެސް އެކަމަށްވެސް ޝަބާ އެއްބަސްވިއެވެ.
ދުވަސްތަށް މާޒީއާއި އެކުވަމުންދިޔައީ ހީވެސް ނުކުރާހާ ހަލުވިކަމާއި އެކުގައެވެ. ދެމީހުންގެ ގުޅުމަށް ބޮޑެތި ބަދަލުތަށް އަންނަމުން ދިޔައެވެ. އެކުގައި ހޭދަކުރެވޭ ވަގުތުތަށް މަދުވަމުންދިޔައެވެ. އެކަކު އަނެކަކަށް ގުޅާ ލޯބީގެ ވާހަކަތައް ދެއްކުންވެސް އައީ މަދުވަމުންނެވެ. ޝަބާ މަސައްކަތް ނުކުރާ ވާހަކައެއް ނޫނެވެ. ޝަބާ ކިތަންމެހާވެސް މަސައްކަތް ކުރެއެވެ. އަހަރެން ހޯދަން އަހަރެންގެ ގެއަށް އާދެއެވެ. ވަރުބައްޔޭ ކިޔާ އަހަރެން ޝަބާ ފޮނުވާލަނީއެވެ. ނޫނީ ނިދަން އޮތްކަމަށް ބުނެ ފޮނުވާލަނީއެވެ. ފޯނުން ގުޅާލިއަސް އަހަރެން ވާހަކަ ދައްކާ ހިތް ނުވަނީއެވެ. ޝަބާ ރޯ ރުއިން އަހަންނަށް ނޭނގެނީއެއް ނޫނެވެ. އިހްސާސް ނުކުރެވެނީއެއްވެސް ނޫނެވެ. އަހަންނަށް ވިސްނެނީ ދެތިން މަހެއްގެ ތެރޭގައި އަހަންނަށް ހިތެއް ނުލިބިއްޖެ ނަމަ ދެން ކަންތައް ވާނެ ގޮތަކާއި ދޭތެރޭގައެވެ. އެހެން އެކަންތައް ދިމާވެއްޖެ ނަމަވެސް ހަމަ ހިތްދަތިކަން ލިބޭނީ ޝަބާއަށެވެ.
ޝަބާ އަހަރެންގެ ގާތުގައި ކިތަންމެ ވަރަކަށް އާދޭސް ކުރި ނަމަވެސް އަހަރެންގެ ހިތް ވަނީ ހަރުވެފައެވެ. ވިންދެއްވެސް ނުޖަހާ ފަދައެވެ. ހިތަށް އެއްވެސް އެއްޗެއް އެރުމެއްނެތި އަހަރުމެން ދެމީހުންގެ ގުޅުން އަހަރެން ކަނޑާލީއެވެ. އިތުރަށް އަހަންނަށް ޝަބާއާއި އެކުގައި ނޫޅެވޭނެ ކަމަށް ބުނަމުންނެވެ. ހިތެއް ލިބިގެން އޮޕަރޭޝަން ކުރެވިއްޖެ ނަމަ އަނބުރާ ޝަބާގާތަށް ދިޔުމަށް ހިތުގެ އަޑިން އަޒުމް ކަނޑައަޅައިގެންނެވެ. ތަގްދީރުގެ ރޭވުން އޭރު އަހަންނަށް އެނގުނު ނަމަ އެގޮތަށް އެކަން ނުކުރީމުހެވެ.
"ބްރޭކް އަޕް" އަށްފަހުވެސް ޝަބާ އަހަރެންގެ ހާލު ބަލަމުން ގެންދިޔައެވެ. އުއްމީދު ގެއްލުވާ ނުލުމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ކިތަންމެ ފަހަރަކު ޝަބާގާތަށް ދިޔުމަށް ހިތަށް އަރަމުން ދިޔައެވެ. ޝަބާގައިގާ ބައްދާލާ އެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލަދޭން ހިތަށް އަރައެވެ. ހާއްސަކޮށް ޝަބާގެ މަންމަގެ ފަރާތުން ޝަބާގެ ހާލު އެނގުނު ފަހުން މާ ދެރަވިއެވެ. ޝަބާ އެއްވެސް ގޮތަކަށް ނުކާ ކަމަށާއި އަބަދުގެވެސް ކަމަކީ ރުއިން ކަމަށް ބުންޏެވެ. އަހަރެންގެ ހިތަށް ކިތަންމެ ވަރަކަށް ތަދުވިނަމަވެސް ޝަބާގެ ހަޔާތަށް ދިޔުމަށް އެއީ އެންމެ ރަނގަޅު ވަގުތު ނޫންކަމަށް އަހަރެން ނިންމީމެވެ.
އަހަރެންގެ އިންތިޒާރަށް ނިމުމެއް އައެވެ. އަހަންނަށް ޑޯނަރއެއް ލިބުނެވެ. އަހަންނަށް ލިބުނު އުފާވެރި ހަބަރު އެންމެ ފުރަތަމަވެސް ހިއްސާ ކުރަން ބޭނުންވީ ޝަބާއާއެވެ. ނަމަވެސް ޝަބާގެ ފޯނު އޮތީ ނިއްވާލާފައެވެ. ޝަބާގެ މަންމަވެސް ފޯނެއް ނުނަގައެވެ. އަހަރެން އިންތިހާއަށް ދެރަވިއެވެ. އަނެއްކާ ޝަބާއަށް އެހެން ކުއްޖެއް ލިބުނީބާއެވެ. ޝަބާގެ ހަބަރެއް ނުވާތާ އޭރު ދެތިން ދުވަސްވީއެވެ. އޮޕަރޭޝަން ނިމުމުން ޝަބާއަށް " ސަރޕްރައިޒް " އެއް ދޭން ހިތަށް އަރުވައިގެން އަހަރެން އޮޕަރޭޝަނަށް ދިޔައީމެވެ.
ކާމިޔާބު އޮޕަރޭޝަނަކަށް ފަހު އައިސީޔޫގައި ބޭއްވުމަށް ފަހު އަހަރެން ގެއަށް ދޫކޮއްލެވުނީ ހަފްތާއެއް ވަނިކޮށެވެ. ކޮންމެ ދުވަހަކުވެސް އަހަރެން ޝަބާއަށް ގުޅޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. ހީވަނީ ޝަބާގެ ހިތުން އަހަރެންގެ ނަން ފޮހެވުނީ ހެންނެވެ. ވާނީވެސް އެހެންނެވެ. އަހަރެން ކަންތައް ކުރި ގޮތުން ކޮންމެ މީހަކު ނަމަވެސް ފޫހިވީހެވެ. އެހެން ކަމުން އަހަންނަށް ޝަބާ ކުއްވެރި ކުރެވޭކަށް ނެތެވެ.
މާޔޫސްވެފައިވާ ހިތަކައިގެން އަހަރެން ޝަބާ ހޯދުމަށް އޭނާގެ ގެއަށް ދިޔައީ އިތުރު އެއްވެސް ގޮތަކުން ޝަބާއަށް ނުގުޅުމުންނެވެ. ޝަބާއަށް އެންމެ ކަމުދާ ހުދު ފިނިފެންމާ ބޮނޑިއެއްވެސް ހިފައިންނެވެ. ޝަބާ ފެންނާނެ ކަމުގެ ފޮނި އުއްމީދުގައި އަހަރެން ދިޔަ ނަމަވެސް އެކަން އަހަރެންގެ ނަސީބުގައި ނެތީއެވެ.
"ނިހާލް ޝަބާ ދޫކޮއްލީމަ އޭނަގެ ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދިޔަ. އަބަދުވެސް ދައްކަމުން އައީ ނިހާލްއަށް އޭނަގެ ހިތް ހަދިޔާ ކުރަން އެވާހަކަ. އަބަދުވެސް ބުނަމުންއައީ ޝަބާގެ ހިތަކީ ނިހާލްގެ ހައްގެކޭ. އެހެން ކިޔައިން އުޅެނިކޮށް އެއްދުވަހު މަގުމަތިން ހިނގާ ދިޔަ އެކްސިޑެންޓެއްގައި ޝަބާ ހޮސްޕިޓަލަށް ގެންދެވުނީ. ޑޮކްޓަރުންގެ ޓީމަކުން ބެލުމަށްފަހު ބުނީ ސިކުނޑިއަށް ލިބުނު ގެއްލުމުގެ ސަބަބުން ސިކުނޑި އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރެއޭ. ޝަބާ އަބަދުވެސް ބޭނުންވީ ނިހާލްއަށް އޭނާގެ ހިތްދޭން. އެހެންވެ އެގޮތަށް އެކަން ކޮއްދިނީ." އެދުވަހު ރޮމުން ޝަބާގެ މަންމަ އަހަންނަށް ކިޔާދިނެވެ.
އަހަންނަށް މިއަދު ދިރި މި ހުރެވެނީ ޝަބާގެ ހިތުގެ ސަބަބުންނެވެ. އަހަންނަށް އެހިތުގައި ޖެއްސުނީ ކިތަށް ފަހަރު ކަމެއް ހުދު އަހަންނަށްވެސް ނޭނގެއެވެ. އަހަންނަށްޓަކައި ރޭގަނޑާއި ދުވާލު ވިސްނަމުން ދިޔަ ޝަބާ، އަހަރެން ދުރުކޮއް އެއްލާލީ އަހަރެންގެ ދިރިއުޅުމުގެ އެއްވެސް ޔަގީން ކަމެއް ނެތުމުންނެވެ. ނަމަވެސް ޝަބާ ގެ ހިތްވެސް އެދިނީ އަހަންނަށެވެ. އަހަންނަށް އަމިއްލަ ނަފްސު ދެކެވެސް ރުޅި އާދެވެއެވެ. މައުސޫމް ލޯތްބަށް އެގޮތަށް ކަންތައް ކުރެވުމުންނެވެ.
ކޮންމެ ދުވަހަކު ބުރަ މަސައްކަތަށް ފަހު ގެއަށް އައިސް ފުރަތަމަ ދެކިލަން އަހަރެން ބޭނުންވި ޝަބާއެއް މިއަދު އަހަންނަށް ފެންނަ ފަށުގައެއް ނުވެއެވެ. ދުވަސް ދިޔަގޮތް ލޯބިން ކިޔާދޭން ބޭނުންވި އެ ބައިވެރިޔާއެއް ނެތެވެ. ހުރިހާ އުފަލަކާއި ހިތާމައެއް ހިއްސާކުރަން ބޭނުންވި ލޯބިވެރިޔާއެއް ނެތެވެ. އަހަންނާއި އެކު ވަނީ ހަމައެކަނި ޝަބާގެ ހަނދާންތަކެވެ. ހިތާމައިގެ ސާލެއްގެ ގޮތުގައި އަހަރެންގެ ވަށައިގެން ވަނީ އަހަންނަށް ކަންތައްކުރެވުނު ގޮތުގެ ހަނދާންތަކަވެ. ކިތަންމެ ކަމެއް ނުކުރެވުނު ނަމައޭ ހިތަށް އަރައެވެ. އެހެނަސް ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެ ނޫންހެއްޔެވެ؟
ތަގްދީރު އެނގޭނަމައީ އަހަރެން އެ ދުވަސް އަނބުރާ ގެންނާނަމެވެ. ޝަބާ އަހަރެންގެ ހަޔާތުން ވަކިކޮށް އެއްލައެއް ނުލާނަމެވެ. އަހަރެންގެ ހިތުގައި ޝަބާއަށްޓަކައި ވީ ލޯބި ކިތަންމެ ގޮތަކަށްވެސް އަންގަދިނީމުހެއެވެ. މިގޮތަށް ކަންތައް ވާނެކަން އެނގޭ ނަމަ އެދުވަހު، އަދި ކޮންމެ ދުވަހަކު އަހަރެން ޝަބާގެ ލޯބި އެހެން ހުރިހާ ކަމަށްވުރެ ބޮޑަށް އިސްކުރީމުހެވެ. އަހަރެންގެ ބަލީގެ ސަބަބުން ގަންނަ ބިރަށްވުރެ އެ ލޯބީގެ ބާރު ވަރުގަދަ ކުރީމުހެވެ. ނަމަވެސް އެއީ މިއަދު ވާން ނެތް ކަންކަމެވެ.
ދިރިއުޅުން މިހެން ބަދަލުވެގެން ގޮސްދާނެކަމަކަށް އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަމެވެ. އުފާވެރި ހަޔާތަކުން އަނދިރިވެފައިވާ ވަޅުގަނޑަކަށް އަހަރެން ވެއްޓިގެން ދިޔައީއެވެ. އަހަރެން ބޭނުންވެއެވެ. އެންމެ ފަހަރަކު ނަމަވެސް ޝަބާގެ ގާތުން މައާފަށް އެދުމަށެވެ. އަހަންނަށް ކަންތަށް ކުރެވުނު ގޮތުން އެކަމާ ލަދުގަންނަ ވާހަކައެވެ. ރޮއެ ރޮއެ މިއަދު އަހަރެންގެ ލޮލުން ކަރުނަ ހުސްވާން ގާތްވެއްޖެއެވެ. ލޯބި ވެވުނީ އެއްފަހަރުއެވެ. ދެވަނަ ފަހަރަކަށް އެ ލޯތްބެއް އެހެން އެއްވެސް މީހެއްދެކެ ނުއެއް ވެވޭނެއެވެ. އަހަރެންގެ މޭގައި ވާ ހިތުން ވިންދުޖަހާ ހިނދެއްގައި އަހަންނަށް ޝަބާ ނޫން އެހެން އެއްވެސް މީހަކު ބޭނުމެއް ނުވެވޭނެއެވެ.
ނިމުނީ
6 Responses
V reethi vaahaka ey . Heekuree ekaku maruvaane kamah ekam
ވ އަސަރު ގަދަ ރީތި ވާހަކައެއް. ދެން އޮތީވެސް މިފަދަ އަސަރުގަދަ ވާހަކައެށް ކަމަށް ގަބޫލުކުރން. ރޮއްވާލާފި
Loabiey
Natha mihaaru firihenun ves rohvany tha vaahaka kiyaa eru. Asluves rovijje. Varah reethi mivaahaka . Masha Allah. You are talented . Dont let anyone bring you down. You got people who supports you ?
Woow… Varah Reethi vaahaka eh.. rovijje.. true love.
Natha ge mivahaka ves vr rythi roveykahala vahakaeh konme week ehga natha ge vahaka kiyakan libunyma vr hiy Hama jehey ..next week ge story ah wait kuran