ޔޫސީއެލް – ދެވަނަ ހާފުގައި ދެއްކި މޮޅުކުޅުމާއެކު ޓޮޓޭންހާމް މޮޅުވިއިރު، ޗެމްޕިއަން ރެއަލް މޮޅުވީ ވީއޭއާރު ގެ އެހީގައި

ޗެމްޕިއަންސް ލީގުގެ ގަދަ 16 ސޯޅައިގައި ޓޮޓޭންހާމް އަދި ޑޯރޓްމުންޑް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއަކުން ޓޮޓޭންހާމް ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ފުރަތަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ޓޮޓޭންހާމްއިން ކުޅުން ރަނގަޅުކޮށް އެމީހުންގެ ހަމަލާތައް އިތުރު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ދެވަނަ މިނަޓްގައި ލަނޑެއްޖައި ޓޮޓޭންހާމްއިން ލީޑުނެގިއެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ސޮންއެވެ. ސޮންގެ މިލަނޑާއެކު އޭނާ ޓޮޓޭންހާމްއަށް ކުޅުނު 9 މެޗުން ޖަހައިދިން ލަނޑު 11 އަށް އެރީއެވެ. އަދި އަނެއް ދެ ލަނޑު މެޗުގެ ފަހު ދިހަވަނަ މިނަޓްތެރޭ ކާމިޔާބުކޮށްދިނީ ވާޓޮންހެންއާއި ލޮރެންޓޭއެވެ. ލޮރެންޓޭ މެޗުގެ ފަހު ލަނޑު ކާމިޔާބުކޮށްދިންއިރު ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރައި ވީ އެންމެ ދެމިނެޓާއި 26 ސިކުންތެވެ.

މިއީ ޗެމްޕިއަންސް ލީގުގައި މިހާތަފާތު ބޮޑުކޮށް ޓޮޓޭންހާމް މޮޅިވި ފަސްވަނަ ފަހަރެވެ. އަދި ޗެމްޕިއަންސް ލީގުގައި މިހާތަފާތު ބޮޑުކޮށް ޑޯޓުމުންޑް ބަލިވި ފަސްވަނަ ފަހަރެވެ. އަދި 11-2010 ގެ ސެމިފައިނަލްގައި ޔުނައިޓެޑް ޝަލްކޭ ބަލިކުރި ފަހުން ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖްގައި އަމިއްލަ ދަނޑުގައި އިނގިރޭސި ކުލަބަކަށް ޖަރުމަން ކްލަބެއް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުައި ޖެހި ލަނޑަށްފަހު ކަރިމް ބެންޒެމާ އުފާފާޅުކުތަނީ

ޗެމްޕިއަންސް ލީގުގެ ގަދަ 16 ސޯޅައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއަލްއިން ކުޅުނު ފުރަތަމަ މެޗު ވީއޭއާރު ގެ އެހީގައި ކާމިޔާބުކޮށްފިއެވެ. މިމެޗުގައި މޮޅުކުޅުމެއްދެއްކި އަޔެކްސްގެ ނިކޮލަސް ޖެހި ލަނޑު ލަނޑެއް ނޫންކަމަށް ވީއޭއާރު ގެ އެހީގައި ނިންމިއިރު، މިއީ ޗެމްޕިއަންސް ލީގުގައި ވީއޭއާރު ގެ އެހީގައި ކެންސަލްކުރި ފުރަތަމަ ލަނޑެވެ.

ވިނިޝިއަސްގެ ފުރިހަމަ މަސައްކަތާއެކު ރެއަލް އިން ލީޑުނެގީ މެޗުގެ 60 ވަނަ މިނަޓްގައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ކަރިމް ބެންޒިމާއެވެ. ނަމަވެސް އޭގެ ފަނަރަ މިނަޓް ފަހުން އަޔެކްސްގެ ޒިޔެކް ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ލަނޑުޖަހާނެ އެންމެ ހުސް ފުރުޞަތު ލިބިގެންދިޔައީ މެޗުގައި މޮޅު ކުޅުމެއްދެއްކި އަޔެކްސްއަށެވެ. ޓަޑިކް އަދި ނެރެސް އަށް ލަނޑުޖަހާނެ  ހުސް ފުރުޞަތުތަކެއް ލިބިގެން ދިޔައިރު އެއްހަމަލާ އަމާޒުވީ ދަނޑިއާއެވެ. އަދި އަނެއްހަމަލާ ރިއަލްގެ އިތުބާރު ކީޕަރ ކޯޓުއާ ދިފާއުކުރީއެވެ.

އަޔެކްއިން މެޗުގެ ނަތީޖާ ހަމަހަކޮށް ހިތްވަރާއެކު މަސައްކަތް ކުރީ އަނެއްކާވެސް އަނެއް ގޯލް ޖެހުމަށެވެ. އަދި އަޔެކްސް އިތުރު ލަނޑެއްނަޖަހައި ފުރަތަމަ ފަހަރަށް އެމީހުނަށް ލީޑުނެގުނީކަމަށް ހީކުރިއެވެ. ނަމަވެސް ވީއޭއާރު ގެ އެހީގައި މިލަނޑު ރެފްރީ ކެންސަލްކުރީއެވެ. ރެއަލް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާކަސް އެސެންސިއޯއެވެ.

ރެއަލްއާ ދެކޮޅަށް އަޔެކްސްއިން ޔޫރަޕްގެ މުބާރާތްތަކުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުންވެސް އަޔެކްސް ބަލިވެފައިވާއިރު އެމީހުންނަށް ޖެހުނީ އެންމެ 3 ލަނޑެވެ. އަދި ބައިކޮޅަށް 22 ލަނޑު ވަދެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ