ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯ ގެ މައްޗަށް ވެނެޒުއެލާގެ ވެރިކަން ބަޣާވާތަކުން ފުރޮޅާލުމަށް މަސައްކަތް ކުރުމުގެ ކުށުގައި ދައުވާ ކުރާނެ ކަމަށް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެއެވެ.
މަދޫރޯ މިހެން ވިދާޅުވެފައިވަނީ ލުބްނާނުގެ "އަލްމަޔާދީން" ޓިވީ ޗެނެލް އަށް ދެއްވި އިންޓަވިއުގައެވެ. މި އިންޓަވިއުގައި މަދޫރީ އިތުރަށް ވިދާޅުވެފައިވަނީ، އެމެރިކާގެ ސަބަބުން ލީބިޔާ އާއި ސޫރިޔާއަށް ވީގޮތް ވެނެޒުއެލާއަށް ވުމަށް ވެނެޒުއެލާގެ ރައްޔިތުން ނޭދޭކަމަށާ އެގޮތަށް ވުމަށް ގައުމު ދޫކޮށްނުލުމަށް ގައުމުގެ ގިނަ ބަޔަކު ތިބީ އަމިއްލަ ނަފްސު ގުރްބާން ކުރަންވެސް ތައްޔާރަށް ކަމުގައެވެ.
އެމެރިކާ އާއި ޔޫރަޕުގެ ގިނަ ގައުމުތަކަކުން ވެނެޒިއުލާގެ ރައީސްކަމަށް ބަލައިގެންފައިވަނީ އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯއެވެ.
ގުއައިޑޯ، އޭނާއަކީ ވެނެޒުއެލާގެ ރައީސް ކަމަށް އަމިއްލައަށް މިދިޔަ މަހު އިއްލާން ކުރެއްވީ މަދޫރޯ ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެފައިވަނީ ވޯޓު އޮޅުވާލައިގެން ކަމަށް ތުހުމަތު ކުރުމަށްފަހުގައެވެ.