މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމު ރަންމެޑަލް ހޯދައިފިއެވެ.
ފައިނަލްގައި ރާއްޖެ ވާދަކޮށްފައިވަނީ އެންމެ ފަހުގެ ޗެމްޕިއަންކަމަށްވާ މޮރިޝަސްއާއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 3-2ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ގޭމް ރާއްޖެއަށް ގެއްލުނީ 3-1 ގެ ސެޓުންނެވެ. ދެވަނަ ގޭމް ރާއްޖެއިން 2-3 ގެ ސެޓުން ކާމިޔާބުކުރިއިރު، ތިން ވަނަ ގޭމުންވެސްވަނީ ރާއްޖެ ބަލިވެފައެވެ. އެގޭމުން ރާއްޖެބަލިވީ 3-0 ގެ ސެޓުންނެވެ.
ހަތަރުވަނަ ގޭމުން 1-3 ގެ ސެޓުން މޮޅުވެ ރާއްޖެއަށް އުންމީދުއާކޮށްދިނީ ދީމާއެވެ.
އަދި ފަސްވަނަ ގޭމް ކާމިޔާބުކޮށް ޓީޓީގެ ރަންމެޑަލް ރާއްޖެއިން ކާމިޔާބުކުރިއިރު އެގޭމް ރާއްޖެ ކާމިޔާބުކުރީ 2-3 ސެޓުންނެވެ.

މިއީ ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ދިވެހިރާއްޖެ ޓީމަކުން ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.
ރާއްޖެއަށް މިޝަރުވެރި އެވޯޑު ހޯދައިދިނުމުގައި ޙިއްސާވަނީ އުމުރުން އެންމެ 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި އުމުރުން 15 އަހަރުގެ އައިޝަތު ރަފާ ނާޒިމާގެ އިތުރުން ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލެވެ.



