މަސްވެރިކަމަށް ނިކުތް ކުޑަ ދޯންޏެއް ބަންޑުންޖަހާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ބަންޑުން ޖަހާލާފައިވަނީ އައްޑޫ ސިޓީ އިސްމެހެލާގެ އިރު އުތުރު ފަރާތުގައި މަސްވެރިކަންކުރަން އުޅުނު ކުޑަ ދޯންޏެއް ކަމަށެވެ.
މިހާދިސާގެ މަޢުލޫމާތު މިއަދު 09:05 ހާއިރު ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު ކޯސްޓްގާޑް ހާބަރކްރާފްޓް 105 ނަންބަރު ލޯންޗް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި، މި ދޯނި ބަންޑުންޖަހާލުމާ ގުޅިގެން ދޯނީގައި ތިބި ދެ މީހުން އެސަރަހައްދުގައި ހަރަކާތްތެރިވި ޑިންގީއަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
"އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެސަރަހަށްދަށް ގޮސް ކުރި މަސައްކަތުން ބަންޑުންޖަހާލާފައިވާ ދޯނި ތެދުކުރުމަށްފަހު ވަނީ ދިޔަ ހިއްކާދީފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ދޯނި ސ.ހުޅުމީދޫއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، މިހާދިސާގައި އެހީތެރިވުމުގެ ގޮތުން ސ.ހުޅުމީދޫ ސީއެމްބިއުލާންސް ވެސް އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.



