އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގެ ތަޙްޤީޤު ރިޕޯޓް އާއްމު ކޮށްފި

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު ޚިޔާނާތް، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަޙްޤީޤު ރިޕޯޓް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމު ކޮށްފިއެވެ.

އެމް.އެމް.ޕީ.އާރު.ސީ އިން އެކިފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއާއި އެރަށްތަކާއި ފަޅުތައް ދޫކުރުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިނގާފައިވާކަމަށް ބެލެވޭކަމަށް ބުނާ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤު ރިޕޯޓް އޭސީސީން އާއްމު ކޮށްފައިވަނީ ދާދި ދެންމެއެވެ.

އޭސީސީގެ މި ރިޕޯޓުގައި ވަނީ އެ ކުންފުނީގެ ކޮރަޕްޝަންގެ ފައިސާ ޖަމާވި އެކައުންޓްތަކާއި އެ މީހުން ވަނަވަރު ހާމަ ކޮށްފައެވެ. ހަތްސަތޭކަ ފަންސާސް ނުވަ ސަފްހާގެ މައްޗަށް އެކުލެވޭ މި ރިޕޯޓުގައި އެމްއެމްޕީއާރުސީން ވިއްކި ރަށްތައްވެސް ވަނީ ހިމަނާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގިއިރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި، ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް 7 ފެބްރުވަރީ 2017 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދެއްވާފައިވާ ބަޔާނުގައި، ޤާނޫނާއި ކަނޑައެޅިފައިވާ އިޖުރަޢާތާ ޚިލާފަށް ރަށެއް ފަޅެއް ނުވަތަ އެނޫންވެސް މުދަލެއް ނުވަތަ ޢިނާޔަތެއް އެއްވެސް ފަރާތަކަށް ދިނުމަށް ކުރީގެ ނާއިބު ރައީސްއަށް ނުވަތަ މިނިސްޓަރ އޮފް ޓުރިޒަމަށް ނުވަތަ އެނޫންވެސް ބޭފުޅަކަށް އަންގަވާފައި ނުވާނޭކަމަށް ބުނެފައިވާކަމަށް މި ރިޕޯޓްގައި ބުނެފައިވެއެވެ.

ތަޙްޤީޤު ރިޕޯޓް ބުނާގޮތުން ބޮޑު ޚިޔާނާތުގައި ބައިވެރިވާކަމަށް ބުނާ އެސް.އޯ.އެފް މެދުވެރިކޮށް އެމް.އެމް.ޕީ.އާރް.ސީއަށް ލިބެންޖެހޭ އެންމެ ގިނަ އެމެރިކާ ޑޮލަރު ދީފައިވަނީ ސ.ފޭދޫ، ބާނި، ޢަބްދުالله ރަޝީދަށެވެ. އޭނާއަށް ހަތަރު މިލިއަން ޑޮލަރު ދީފައިވާ ކަމަށް ތަޙްޤީޤުން ދައްކާއިރު، ޢަބްދުالله ރަޝީދުގެ ނަމުގައި 2014 އަދި 2015 ވަނަ އަހަރު އެއްވެސް ވިޔަފާރިއެއް އޮންނަކަމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ މަޢުލޫމާތުން އެނގެން ނެތް ކަމަށް ވެސް އޭސީސީން ވިދާޅުވެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް އެންމެ ފުރަތަމަ ރަށެއްގެ ގޮތުގައި 2014 މެއި 21 ގައި ކުއްޔަށް ދޫކޮށްފައިވަނީ ދ.މާގައުއެވެ. އެމްއެންޕީއާރުސީ މެދުވެރިކޮށް ތަރައްޤީކުރުމަށްޓަކައި ރަށާއި ފަޅު ހިމެނޭގޮތަށް ޖުމުލަ 49 އެގްރީމެންޓްގެ ދަށުން 57 ތަނެއް ދޫކޮށްފައިވާއިރު، އޭގެ އިތުރަށް އޮފަރ ލެޓަރ ދޫކޮށް، ފައިސާގެ މުޢާމަލާތް ކޮށްފައިވާ 8 ތަނެއްގެ އެގްރީމެންޓް ހެދިފައިނުވާކަމަށް ރިޕޯޓްގައިވެއެވެ.

776 ސަފްހާގެ މައްޗަށް އެކުލެވޭ މި ރިޕޯޓަކީ 2017 ވަނަ އަހަރު އެކުލަވާލައި ނެރުނު ރިޕޯޓެއް ނަމަވެސް މިހާތަނަށްވެސް އެ ރިޕޯޓު އޮތީ އާންމު ނުކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ