ރެއަލްމެޑްރިޑުން ބޭލް ވިއްކާލަށް ތައްޔާރުވަމުން އަންނަކަމަށް އެކްލަބުގެ ކޯޗު ޒިދާން ދާދިފަހުން ބުނެފައިވާއިރު، ޗައިނާގެ އެންމެ އަގު ބޮޑު ކުޅުންތެރިއަކަށް ބޭލް ހަދަން ޗައިނާ ލީގުގެ ބެއިޖިން ގޯން އޮތީ ތައްޔާރަށްކަމަށް ބުނެފިއެވެ.
ބޭލްއާ ދެމެދު ޒާތީ މައްސައެއް ނެތްކަމަށް ޒިދާންބުނިއިރު، ޒިދާން ބޭނުންވަނީ ވީހާވެސް އަވަހަކަށް ބޭލް ވިއްކާލާށެވެ.
އުމުރުން 30 އަހަރުގެ ގެރެތު ބޭލްއަށް ޝައުޤުވެރިވާކަމަށް ބެއިޖިން ގޯން ހާމަކޮށްފައިވާއިރު، އެކްލަބުގެ އިތުރުން ވަރުގަދަ އެތަށް ކްލަބެއް ބޭލު ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.
އެހެންނަމަވެސް ރެއަލްމެޑްރިޑުން ބޭލަށް ހަފްތާއަކުދޭ ހަލަންކަ ޕައުންޑް ދެވޭނެ ޓީމުތައް ވަރަށް މަދެވެ.
ޗައިނާގެ ބެއިޖިން ގޯންގައި ބޮޑެތި ޚަރަދުތައް ކުރުމުގެ ޤާބިލުކަންހުރިކަން އަންގައިދެނީ އެކްލަބުން 35 މިލިއަން ޕައުންޑް ޚަރަދުކޮށްފައި ދާދިފަހުން ވިލަރެއާލްއަށް ކުޅެމުންއައި ސްޓްރައިކަރު ސެޑްރިކް ބަކަމްބޫ ގެނެސްފައިވުމުންނެވެ.
އަނެއްކޮޅުން ޕީއެސްޖީން ނޭމާއާއި ބޭލް ބަދަލުކޮށްލަން ތައްޔާރަށްހުރިކަމަށް ރިޕޯޓްތައް ބުނާއިރު، ކޮންމެ ގޮތެއްވިޔަސް ޕީއެސްޖީއަށްވުރެ ބޮޑު މުސާރައެއް ބޭލްއަށް ޗައިނާއިން ދޭނެއެވެ.
ޗައިނާ ލީގުގައި މިހާރުހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ އާޖެންޓީނާގެ ކުރީގެ ފޯވާޑު އެޒެކިއެލް ލަވޭޒީއެވެ. ހެބެއި ޗައިނާ ފޯޗުން އެފްސީއިން އޭނާއަށް ހަފްތާއަކު ފަސް ލައްކަ ޕައުންޑް ދެއެވެ.
ޗައިނާގެ ޓްރާންސްފާ ވިންޑޯ ބަންދުވާނީ ޖުލައި 31 ގައެވެ. މާނައަކީ ބެއިޖިން ގޯން ބޭލް ހޯދަށް ބޭނުންނަމަ ބާކީ މިއޮތް 9 ވަރަކަށްދުވަހު ބޭލްގެ ސޮއި ހޯދަން ޖެހޭނެއެވެ.
އެހެންނަމަވެސް ބޭލް މީގެ ކުރިންވަނީ ޗައިނާ ލީގަށް އެއްވެސް ޝައުޤުވެރިކަމެއް ނެތްކަމަށް ބުނެފައެވެ.



