އެއްގަމު އުޅަނދުފަހަރުގެ ލައިސެންސްއާއި ގުޅޭ ހިދުމަތްތަކަށް އޮންލައިންކޮށް އެޕްލައިކޮށް ފައިސާދެއްކޭނެ ގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ޤާއުމްކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު އިޢުލާނެއްގައި ވިދާޅުވީ، 21 ޖުލައި 2019 ވަނަ ދުވަހުން ފެށިގެން އެ އޮތޯރިޓީން ދެމުންގެންދާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާއި ގުޅޭ ޙިދުމަތްތަކަށް އޮންލައިކޮށް އެޕްލައިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން އޮންލައިކޮށް އެޕްލައިކޮށް ފައިސާ ދެއްކޭނެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާއި ގުޅޭ ޙިދުމަތްތަކަކު ތެރޭގައި ހިމެނެނީ، އެއްގަމު ލައިސަންސްގެ ތިއަރީ ޓެސްޓަށް ނަންނޯޓު ކުރުން، އެއްގަމު ލައިސްންސްގެ ޕްރެކްޓިކަލް ޓެސްޓަށް ނަންނޯޓު ކުރުން، އެއްގަމު ލައިސަންސް އަލަށް ނެގުމަށް ހުށައެޅުން، އެއްގަމު ލައިސަންސް މުއްދަތު ހަމަވެގެން އައުކުރުމަށް ހުށައެޅުން، އެއްގަމު ލައިސަންސްގެ ކެޓަގަރީ އިތުރުކުރުމަށް ހުށައެޅުން އަދި އެއްގަމު ލައިސަންސް ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ލައިސަންސް ހެދުމަށް ހުށައެޅުމެވެ.
މި ހިދުމަތްތައް އޮންލައިކޮށް ހޯއްދެވޭނީ (transportal.mta.gov.mv) މި ލިންކަށް ވަދެ ރަޖިސްޓްރީކުރެއްވުމަށް ފަހުގައިކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވިއެވެ.




