އިންޑިއާ އާއި ރާއްޖެއާ ދެމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދުވި ކަރަންސީ ސްވެޕް އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއި ކުރެއްވީ ގަވަރުނަރު އަހުމަދު ނަސީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާގެ އެގްޒެކްޓިވް ޑިރެކްޓަރު ރަބީ އެން މިޝްރާ އެވެ.
ރާއްޖެ އާއި އިންޑިއާއިން ސޮއިކުރި މި އެއްބަސްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޑިސެމްބަރު މަހު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖުގެ ބައެކެވެ.
ކަރަންސީ ސްވެޕް އެއްބަސްވުމަކީ ދެ ގައުމެއްގެ ފައިސާ ބަދަލު ކުރަން ހަދާ އެއްބަސްވުމެކެވެ. މި އެއްބަސްވުން ގާއިމްކުރާނީ ދެ ގައުމުގެ މަރުކަޒީ ބޭންކުގެ ދެމެދުގަ އެވެ.
މި ކަރަންސީ ސްވެޕް އެއްބަސްވުމުގެ ސަބަބުން އިންޑިއާގެ ސެންޓްރަލް ބޭންކުން ދިވެހި ރުފިޔާ ބަހައްޓާނެ އެވެ. އަދި އެ އަދަދުގެ އިންޑިއާ ރުޕީސް އެ ގައުމުން ރާއްޖޭ މަރުކަޒީ ބޭންކުގައި ވެސް ބަހައްޓާނެ އެވެ. މި ފަދަ އެއްބަސްވުންތައް އޮންނަ ގޮތުން ފަހުން އެއްބަސްވާ ތާރީހެއްގައި ދެ ގައުމުން ފައިސާ ބަދަލު ކުރާނެ އެވެ. މީގެ ސަބަބުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑު ކުޑަވެ، ރާއްޖެ އިން އިންޑިއާއަށް ދައްކަން ޖެހޭ ފައިސާ ދިވެހި ރުފިޔާ އިން ދެއްކުމަށް މަގު ފަހިވެގެންދެ އެވެ.
ރާއްޖެއިން މީގެ ކުރިންވެސް އިންޑިއާއާއެކު ކަރަންސީ ސްވެޕް އެއްބަސްވުން ހަދާފައި އެބަހުއްޓެވެ. ނިމިދިޔަ ސަރުކާރުން ވަނީ އިންޑިއާއެކު 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ.



