އައިއޯއައިޖީ - ހުރިހާ މެޗަކުން ބަލިވެ ރާއްޖޭގެ ފުޓްބޯޅަ ޓީމު މުބާރާތުން ކަޓައިފި


މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު މުބާރާތުން ކަޓައިފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗު މިއަދު މަޔޯޓޭއާ ދެކޮޅަށް ރާއްޖެ ކުޅުނުއިރު އެމެޗުން ރާއްޖެ ދަށްވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް ހަމަހަމަކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑުނެގީވެސް މަޔޯޓޭއިންނެވެ. މަޔޯޓޭގެ މިލަނޑު މެޗުގެ 15 ވަނަ މިނަޓްގައި ފެނިގެންދިޔަނަމަވެސް، ހިތްވަރުދޫކޮށްނުލައި ކުޅެމުންއައި ރާއްޖެއިންވަނީ އޭގެ 7 މިނަޓް ފަހުން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ރާއްޖޭގެ މިލަނޑޫ އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ނާޢިމްއެވެ. މިއީ މިމުބާރާތުގައި ރާއްޖެއަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑެވެ. ރާއްޖެކޮޅަށްވަނީ ޖުމްލަ 10 ލަނޑުވަދެފައެވެ.

ރާއްޖޭއިން ނަތީޖާ ހަމަހަމަކުރިނަމަވެސް ވަރުގަދަ ހަމަލާތަކެއް އުފައްދަމުންއައި މަޔޯޓޭ ހުއްޓުވަން ރާއްޖެވަނީ ނުކުޅެދިފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއްޖަހައި އެޓީމުން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ.

އަދި ވަރުގަދަ މަޔޯޓޭގެ ތިންވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 55 ވަނަ މިނަޓްގައެވެ. ލަނޑުޖަހާނެ އިތުރު ފުރުޞަތުތަކެއް ލިބިގެންދިޔަނަމަވެސް މެޗު ނިމިގެންދިޔައީ މިނަތީޖާގައިއޮވެއެވެ.

މިނަތީޖާއާއެކު ކުޅުނު ހުރިހާ މެޗަކުންވެސް ދަށްވެ، ރާއްޖެ ގްރޫޕް ފުލަށް ދިޔައީ އެއްވެސް ޕޮއިންޓެއް ނުލިބެއެވެ. މިގްރޫޕްގެ އެއްވަނަ ރީޔޫނިއަންއަށް ލިބޭއިރު ދެވަނަ ލިބުނީ މަޔޯޓޭއަށެވެ. އަދި ތިން ޕޮއިންޓާއެކު ކޮމޯރަސްއަށް ގްރޫޕްގެ ތިންވަނަ ލިބުނުއިރު، މިގްރޫޕުން ސެމީއަށް ދަތުރުކޮށްފައިވަނީ ރީޔޫނިއަން އަދި މަޔޯޓޭއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ