މިއަހަރު ބްރެޒިލްގައި ބޭއްވުނު ކޮޕާ އެމެރިކާގައި ކޮރަޕްޝަން ހިމެނޭކަމަށްބުނެ، ސައުތު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ފާޑުކިޔުމާއި ގުޅިގެން، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޖޫރުމަނާ ކުރަން އެފެޑެރޭޝަނުން ނިންމައިފިއެވެ.
މެސީ ޖޫރުމަނާކޮށްފައިވަނީ 1500 އެމެރިކާ ޑޮލަރުންނެވެ. މީގެ އިތުރުން ތިންވަނަ ހޮވާމެޗުގައި މެސީއަށް ދެއްކި ރަތްކާޑާއެކު މެސީއަށް އެއް މެޗުގެ ސަސްޕެންޝަންއެއް އަންނާނެއެވެ. މީގެ އިތުރު ސަސްޕެންޝަނެއް މެސީއަށް ދޭން އަދި އެފެޑެރޭޝަނުން ނިންމާފައެއްނުވެއެވެ.
ކޮޕާ އެމެރިކާގައި ޗިލީއާއި ދެކޮޅަށް ކުޅުނު ތިންވަނަ ހޮވި މެޗުގައި މެސީއަށް ރަތްކާޑު ދައްކާފައިވާއިރު، އެ ރަތްކާޑަކީ ބްރެޒިލް މެޗަށްފަހު ދެއްކި ވާހަކަތަކާއި ގުޅިގެން ލިބުނު ކާޑެއްކަމަށްބުނެ، މެސީވަނީ ލޯ މެޑަލްއާއި ޙަވާލުމަށްވެސް ދެކޮޅުހަދާފައެވެ.

އެރަތްކާޑަކީ މެސީގެ ފުޓްބޯޅަ ކެރިއަރުގައި ދެއްކި ދެވަނަ ރަތްކާޑެވެ.
ސެމީ ފައިނަލްގައި ބްރެޒިލްއާ ބައްދަލުކޮށް އާޖެންޓީނާ ބަލިވި މެޗަށްފަހު މެސީ ބުނެފައިވަނީ މުޅި މުބާރާތްވެސް ރާވާފައިއޮތީ ބްރެޒިލްއަށް މުބާރާތް ކާމިޔާބުވާ ގޮތަށްކަމަށެވެ. އަދި މެސީގެ އެންމެ ބޮޑު ޝަކުވާއަކީ އެމެޗުގައި ރެފްރީ ވީއޭއާރުގެ ބޭނުން އެއްވެސް ވަރަކަށް ހިފާފައިނުވުމެވެ.
“ކަރަޕްޝަންގެ މިޢަމަލުގައި އަހަރެން ބައިވެރިވާކަން ނެތިން. އަދި އަހަރެމެން އެންމެންވެސް ނުޖެހޭ ބައިވެރިވާކަށް. އަހަރެން އަބަދުވެސް ހަދާނީ ތެދު. އަހަންނަށް މިހާ ހަމަޖެހިލައިގެން ހުރެވޭ ސަބަބަކީމީ.” ޗިލީއާ ބައްދަލުކުރި މެޗަށްފަހު މެސީ ބުންޏެވެ.
މެސީގެ މިފާޑުކިޔުންތަކަށްފަހު މެސީއަށް ބޮޑު އަދަބެއް އަންނާނެކަމަށް ގިނަބަޔަކަށް ހީކުރެވުނުނަމަވެސް ކޮންމެބޯލް މެސީއަށް ދީފައިމިވަނީ ހަޤީގަތުގައި ވަރަށް ކުޑަ އަދަބެކެވެ.



