ނޫސްވެރިކަމުގެ އެވޯޑް ހަފްލާއެއްގެ ތެރެއިން - ފޮޓޯ: އަވަސް

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

2018 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މީޑިޔާ ކައުންސިލުން ހުޅުވާލައިފިއެވެ.

މިއަދު މެންދުރު މީޑިޔާ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިޔާ ކައުންސިލްގެ ރައީސް، ހިދާޔަތުﷲ ވިދާޅުވީ، އަންނަ މާރޗް މަހުގެ 14 ވަނަ ދުވަހަކާއި ހަމައަށް ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުރިހާ މީޑިޔާ ތަކަކަށްވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

ނޫސްވެރިކަމުގެ އެވޯޑް 2018 ދިނުމަށް ހަމަޖެހިފައިވާ ނުވަ ދާއިރާގެ ތެރޭގައި ހިމެނެނީ ސިޔާސީ ދާއިރާ، ޝަރުޢީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ އަދި އިޖްތިމާޢީ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފީޗާ ލިޔުމުގެ ދާއިރާގެ އިތުރުން ޕޮޓޯ ގްރަޕީ ގެ ދާއިރާ އަދި ވީޑިޔޯ ގްރަފީގެ ދާއިރާ ހިމެނެއެވެ.

މިއަހަރުގެ އޮގަސްޓް 29 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިކަމުގެ އެވޯޑުގައި ދާއިރާތަކުގެ އިތުރުން އެންމެ އުއްމީދީ ނޫސްވެރިޔާއަށްވެސް އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިޔާ ކައުންސިލް މެމްބަރު އަޙުމަދު ޖަދުވާން ވިދާޅުވީ، އެވޯޑުތަކަށް ދާއިރާތަށް ކަނޑައެޅުމުގައި ބަލާފައިވާނީ ވީހާވެސް އިންސާފުވެރިކަމާއި އެކު އެވޯޑު ދެވޭނެ އުޞޫލަކުން އެކަން ކުރުމަށް ކަމަށާއި، މީޑިޔާ ކައުންސިލްގެ މިވަގުތު ބަޖެޓް ތަންދޭ އެންމެ މަތީ މިންވަރަކަށް، އެވޯޑުތައް ނޫސްވެރިންނަށް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަސްތުކުރީ ކުރިން އަޅުގަނޑުމެން މި ދޭ ދާއިރާތައް، ކޮންމެ ދާއިރާއަކުންވެސް ބްރޯޑްކާސްޓިންގ ދާއިރާތަކަށްވެސް އިމާނު ދޭން. އަދި ޚާއްޞަކޮށް ޕްރިންޓް ނުވަތަ އޮންލައިން ދާއިރާ އަށްވެސް ދޭން. އެހެންކަމުން އަޅުގަނޑުމެން މި ކަނޑައަޅާފައިވާ ނުވަ ދާއިރާގެ ތެރެއިން ހަމަ ކޮންމެ ދާއިރާއަކުންވެސް އަޅުގަނޑުމެން ދެ ބަޔަކަށް ބަހާލާފަ މި އޮތީ. އޭގެތެރެއިން ދެ އިނާމެއް މި ދެވެނީ. ނުވަ ދާއިރާއިން ކޮންމެ ދާއިރާއަކަށް ދެ އިނާމު އަޅުގަނޑުމެން ދޭން ނިންމާފަ މި ވަނީ." ޖަދުވާން ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ އެވޯޑަކީ އަމިއްލައަށް ނަން ހުށަހަޅައިގެން ދޭ އެވޯޑަކަށްވާތީ ނިމިދިޔަ އަހަރުގެ ނޫސްވެރިންގެ އެވޯޑަށްވެސް ގިނަ މީޑިއާތަކުން ނަން ހުށަހަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް