ސްޕެއިންގެ ލަލީގާއިން އެލީގުގެ ޗެމްޕިއަން ބާސެލޯނާއިން ދާދިފަހުން އެކްލަބަށް ގެނައި ފްރާންސްގެ އެންޓޮއިން ގްރިޒްމަންގެ ޓްރާންސްފާ ބާތިލްކޮށްފާނެކަމަށް ލަލީގާގެ ރައީސް ހާވިއާ ޓެބާސް ބުނެފިއެވެ.
ޝަކުވާތަކާއެކު ބާސެލޯނާއާއި ދެކޮޅަށް އެތުލެޓިކޯއިން ލަލީގާއަށް މައްސަލަ ހުށައަޅާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
ބާސެލޯނާއިން ގްރިޒްމަންގެ ރިލީސް ކްލޯސް 120 މިލިއަން ޔޫރޯއަށް 1 ޖުލައިގައި ވެއްޓުނުފަހުން ދައްކާފައިވާއިރު، އެތުލެޓިކޯއިން ތުޙުމަތުކުރާގޮތުން ބާސެލޯނާއިންވަނީ އޭގެ ކުރިން ގްރިޒްމަންއާއެކު ބައްދަލުވުންތަކެއް ބާއްވާފައެވެ.
"ގްރިޒްމަންގެ ޓްރާންސްފާ ބާތިލްވެސް ކޮށްފާނެ. މިކަމުގައި ގޮތެއް ނިންމާނީ ލަލީގާއިން" ޓެބާސް ބުންޏެވެ.
ގްރިޒްމަން މިހާރުވަނީ ބާސެލޯނާއަށް އެއްމެޗުވެސް ކުޅެދީފައެވެ. ޗެލްސީއާއި ދެކޮޅަށް ކުޅުނު ރަޙްމަތެރިކަމުގެ އެމެޗުން ބާސެލޯނާ ދަށްވީ 2-1 ގެ ނަތީޖާއަކުންނެވެ.
މީގެ އިތުރުން ހުށައެޅިފައިވާ މައްސަލައިގެ ސަބަބުން ބާސެލޯނާއަށް ގްރިޒްމަން ލައިސެންސް ކުރެވިދާނެކަމާމެދު ސުވާލު އުފެދޭކަމަށްވެސް ލަލީގާގެ ރައީސްވަނީ ބުނެފައެވެ.
މީގެކުރިން މިދިޔަ ހޫނު މޫސުމުގައި ބާސެލޯނައިން ހުށަހެޅިހުށަހެޅުމަށް ގްރިޒްމަންވަނީ ނޫނެކޭ ބުނެފައެވެ. އެހެންނަމަވެސް އެތުލެޓިކޯއަށް އިޙްތިރާމްކުޑަކޮށް މިއަހަރުގެ މާރޗްމަހުން ފެށިގެން ބާސެލޯނާއިން ގްރިޒްމަން ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް އެތުލެޓިކޯއިން ބުނެއެވެ.




