ރައީސް ޔާމީންގެ ދައުރުގައި ހިނގާދިޔަ 1.4 ބިލިއަން ރުފިޔާއަށް އަރާ ބޮޑު ޚިޔާނާތުގައި އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ބަހާލި މައްސަލައިގެ، އޭސީސީއިން މިއަދު ޢާއްމުކުރި ތަޙްޤީޤު ރިޕޯޓް ބަލައި ނުގަންނާނެ ކަމަށް ބަންޑާރަ ނައިބު އޮފީހުގެ ކުރީގެ ވަކީލު މަރްޔަމް ޝުނާނާ ވިދާޅުވެއްޖެއެވެ.
ޝުނާނާ މިހެން ވިދާޅުވެފައިވަނީ، ކޮރޮޕްޝަންއާ ދެކޮޅަށް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއާ ބެހޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޝާނާނާ ވިދާޅުވީ، ރިޕޯޓް ހާމަކޮށްފައި ވަނީ ކޮރަޕްޝަނުގެ ފައިސާގައި ޖެހިފައިވާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ހުކުރު ދުވަހު މުޒާހަރާ ކުރަން ނިކުންނަން ލޯޔަރުންގެ ޓީމަކުން ނިންމުމުން ކަމަށާއި، އޭސީސީ ފެއިލްވެފައިވާ ކަމަށެވެ.
''މިއަދަކު ނޫން ތަހްގީގް ރިޕޯޓް ހާމަކުރާނީ. އެ އަށް ވުރެ ކުރިން ހާމަ ކުރަންޖެހޭ. ބަޔަކު އަޑު އުފުލައި ހަޅޭލަވާ ކަންތައްތައް ކުރީމަކާ ނޫން ކޮރަޕްޝަން ހާމަކުރަން ޖެހޭނީ. އޭގާ އޮންނާނެ ޒިންމާއެއް. އެކަމުގެ ޒިންމާ ބޮޑުވާ މުއްސަސާއަކީ އެސީސީ،'' ޝުނާނާ ވިދާޅުވިއެވެ.
އޭސީސީއަށް ހުށަހަޅާ އެތައް މައްސަލައެއް ނުބަލާ ދޫކޮށްލާ ކަމަށާއި، ޤައުމުގައި މިފަހަކަށް އައިސް ކޮރަޕްޝަން ޢާއްމުވެފައިވަނީ އޭސީސީގެ ޒިންމާ އަދާނުކުރެއްވުމުން ކަމަށްވެސް ޝުނާނާ ވިދާޅުވިއެވެ.
އޭސީސީން ކޮރަޕްޝަނުގެ ބޮޑު ތަޙްޤީޤުގެ ރިޕޯޓް މިއަދު ޢާއްމު ކުރެއްވިއިރު، ރިޕޯޓުން ހާމަވެފައިވާ ގޮތުގައި މަޖިލީހުގެ ބައެއް މެންބަރުންނާއި، ކުރީ ސަރުކާރުގެ އެކި ބޭފުޅުންނާއި، އަދުގެ ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން އަދި ބައެއް މީޑިއާތަކުގެ އެކައުންޓަށްވެސް އެސްއޯއެފް އިން ފައިސާ ޖަމާކޮށްފައިވެއެވެ.