ކޮލަމް އަމާޒް ލަތީފް: ދިވެހިންނަށް ދިވެހިރާއްޖެ ދިފާޢު ކުރެވޭނެ!

ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން މަދު މީސްކޮޅެއް ދިރިއުޅޭ ކުޑަ ޖަޒީރާ ޤައުމެއް ނަމަވެސް މުއްސަނދި ޘަޤާފަތެއް، އަމިއްލަ ޙަޟާރަތެއް، މިނިވަން މުސްތަޤިއްލު ވެރިކަމެއް ޤާއިމު ކޮށްފައިވާ، ހިތްވަރުގަދަ، އަބުޠާލުންތަކެއް ދިރިއުޅެފައިވާ ޤައުމެކެވެ. އިސްލާމީ ދަޢުލަތެއްގެ ގޮތުގައި އަށްސަތޭކަ އެތައް އަހަރެއް ވޭތުވެފައިވާ މިކުޑަ ހައިބަތު ހުރި ދަޢުލަތުން ދިވެހި ޤައުމުގެ އަދުންވުންގެ ކުރިމަތީ ދުވަހަކުވެސް ކުޑަ ކަކޫ ޖަހާފައި  ނުވެއެވެ.  އަދި ދިވެހިންނަކީ މިޤައުމުގެ މިނިވަންކަން ގެއްލިގެންދާތަން ބަލަން ފުރުޞަތު ދީގެން ތިބޭނެ ބަޔެއް ނޫންކަން ތާރީޚުން އެނގެއެވެ. ދުނިޔޭގެ އާރާއި ބާރު ހުރި ދަޢުލަތްތަކުގެ ކުރިމަތީ ދިވެހިންގެ ވަނީ ސާބިތުކަން ދައްކުވައި ދީފައެވެ. ދިވެހިންނަށް ދިވެހިރާއްޖެ ދިފާޢު ކުރެވޭނެކަން ތާރީޚްގެ ޞަފްހާތަކުން ޝައްކެއްނެތް މިންވަރަށް ޔަޤީން ވެއެވެ. އުތީމު މަހާރަދުންގެ ޖިހާދުންނާއި، ދޮންބަންޑާރައިންގެ ޖިހާދުންނާއި، ބޮޑުރަސްގެފާނާއި، އިސްކަންދަރު ރަސްގެފާނާއި، މީރުބަހުރު އިސްމާއިލް ދީދީ ދިވެހި ސިފައިންގެ ފުރަތަމަ އޮފިސަރުގެ ހައިސިއްޔަތުން ޕިޝޯރީންނާއި ކުރެއްވި ހަނގުރާމައިން އަދި 3 ނޮވެމްބަރު 1988 ގައި ދިވެހި ސިފައިން ކުރެއްވި ވަރުގަދަ ޖިހާދުން، ދިވެހިންނަށް ދިވެހިރާއްޖެ ދިފާޢު ކުރެވޭނެކަން ސާބިތު ކޮށްދެއްވިއެވެ.

ކޮންމެ ޤައުމެއްގައިވެސް ބަޠަލުންނާއި މުޖާހިދުން އުފެދޭ ފަދައިން، ޚާއިނުންނާއި ޤައުމަށް ހިޔާނާތްތެރިވާ މީހުން ތިބޭނެކަން ދުނިޔޭގެ ތާރީޚުން އަދި ކީއްތޯ، ދިވެހިރާއްޖޭގެ ތާރީޚުންވެސް ފެންނަން އެބައޮތެވެ.  އަޅުގަނޑުމެންގެ ދިވެހި ޤައުމަށް މީގެކުރިން ބޭރުގެ ބާރުތަކުން ވެރިވެފައިވަނީ ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެނެވެ. ކާފަރުވި ނުވަ ވަނަ ހަސަން ރަސްގެފާނާއި، ޙަސަން ތާޖުއްދީންގެ ދެދަރިންނާއި، ނޮވެމްބަރު 3 ގެ އުދުވާނުގެ މޭސްތިރިންނަކީ ހަމަ ދިވެހި ޤައުމަށް އުފަން ދިވެހި ދަރިންނެވެ. ދިވެހި ފަސްގަނޑުގައި އުޅެ ބޮޑުވެފައިވާ ފަރާތްތަކެވެ. އިއްޔެ އެކަން އެގޮތަށް ދިޔަފަދައިން މިއަދު އަދި މާދަމާ އެމަގުން ހިނގާފާނެ ދިވެހިން ތިބޭނެކަން އަޅުގަނޑުމެން ދަންނަންޖެހެއެވެ. މިއަދުވެސް އެމޭރުމުން ގޮވާ ގޮވެލި ފަތިތައް އަޑުއިވޭލެއް މަދެކޭ ނުދެންނެވޭނެ އެވެ. މާތް ﷲ ގެ ހެޔޮރަޙުމަތްފުޅުން ދިވެހިންނަށް އަބަދުވެސް ލިބެނީ ނަޞްރާއި ކާމިޔާބެއެވެ.

ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބޮޑެތި ބަދަލުތަކުގެ ތެރޭގައި ދިވެހި ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ އުނގަށް ދިޔަ

ކަނޑުގެ ބާޒުގެ ނަމުން ދުނިޔެއަށް މަޝްހޫރު ޕޯޗްގީޒުން އަލިރަސްގެފާނު ޝަހީދުކޮށް 15 އަހަރެއްހާ ދުވަހު ދިވެހިރާއްޖެ އަޅުވެތި ކޮށްގެން ތިބިތިބުން ނިމުމަކަށް ގެންނެވީ އިސްލާމީ ދިވެހި ލޭހިނގާ ދިވެހި ދަރިއެވެ. ތިލަދުންމަތީ އުތީމުން ނުކުންނެވި ދިވެހި ފަހުލަވާނު، ޕޯޗްގީޒުންގެ ވަރުގަދަ ލަޝްކާރާއި ދެކޮޅަށް އަނގަމަތި މަސްދޯންޏެއްގައި އެތައް އަހަރެއް ވަންދެން ކުރެއްވި ހަނގުރާމައަކީ ދިވެހި ތާރީޚްގެ ޞަފްހާތަކުން ދުވަހަކުވެސް ފޮހެވިގެންދާނެ ކަމެއް ނޫނެވެ. ދިވެހި ކަނޑުތަކާއި ރަށްތަކުގައި ރެޔާއި ދުވާލު ކުރެއްވި ގެރިއްލާ ހަނގުރާމަ އަކީ ރަންމެޑަލް ޙައްޤުވާ ހަނގުރާމައެކެވެ. އާރާއި ބާރާއި، ހަތިޔާރާއި، އަސްކަރީ ބޮޑު ލަޝްކަރެއް އޮތް ޕޯޗްގީޒް ދަޢުލަތް ބަލިކުރެއްވެވި ޤައުމީ ބަޠަލު އުތީމު މުޙައްމަދު ތަކުރުފާނަކީ ހިތްވަރުގަދަ ދިވެހި ދަރިއެކެވެ. ހެވިކަމަށް ކުޅަދާނަ އަސްކަރީ ކޮމާންޑަރެކެވެ. މުޙައްމަދު ތަކުރުފާނުގެ ޖިހާދުން ހާމަވެގެންދަނީ، ދިވެހިފަސްގަނޑުގައި ބޭރުބަޔަކަށް ނުކިއްސަރު ގޮތަކަށް ފައިހަމަ ކޮށްލައިގެން ނުތިބެވޭނެކަމެވެ. ގދ. ތިނަދޫ، އަލިދޯދި، ޢަބްދުﷲ ޢަފީފުގެ ޅެމުން ތަންކޮޅެއް ކިޔާލަމާ ތޯއެވެ.

ނުބައިވީ ޕޯޗުގީޒުން އައިސް މި ޤައުމުގެ ވެރިކަމަށް އެރިޔޭ

              އެބައިމީހުން ވި މާތް ޢަލި ރަސްގެފާނު ޝަހީދު ވެސް ކުރިއޭ

މި އަނިޔާ ދެކިވަޑައިގެންފައި އުތީމުގެ ތިން ބެއިން އެކުގައި

              އެ އަނިޔާއިން ސަލާމަތް ވާން ޖިހާދުގެ ކަމަރު ބެންނެވިއޭ

ކުރެއްވި ޖިހާދު ކަޅުއޮށްފުންމި ނަމަކަށް ކިޔުނު އޮޑޮކޮޅުގައި

              ބިރެއް ނެތި ޕޯޗުގީޒުންނަށް ނިކަން ގޯނާ ކުރެއްވެވިއޭ

މުޙައްމަދު ތަކުރުފާނަށް ފަހު އައްސުލްޠާން މުޙައްމަދު އިމާދުއްދީން ނުވަތަ ބޮޑު ރަސްގެފާނުގެ ރަސްކަމުގެ 5 ވަނަ އަހަރު، ޕޯޗުގީޒުން މާލެ ހިފަން ފޮނުވި ހަތިޔާރުން ފުރިފައިވާ އެތައް ގުރާބެއްގެ މައްޗަށް އެކުލެވިގެންވާ ލަސްކަރު ބަލިކޮށް ފޮނުވާލެއްވީ ދިވެހިދަރިންގެ ހިތްވަރާއި މިންނަތުންނެވެ. މާލޭގައި އޭރު އޮތް އެންމެ 5 ބޮޑު ބަޑީގެ އެހީގައި ދިވެހި މުސްލިމު ދަރިން، އެ ބޮޑު ޕޯޗްގީޒް ލަޝްކަރު ބަލިކުރިއެވެ. ތާރީޚްގައިވާގޮތުން "ދެން އިސްލާމުން މިފަސް ބަޑިން ހަނގުރާމަ ފަށައިފިއެވެ. އަދުއްވުންގެ މީހުންވެސް ބަޑިޖަހަން ފަށައިފިއެވެ. މާތް ﷲގެ މިންވަރު ފުޅުން ދިވެހީންނަކަށް ބޮޑުގެއްލުމެއް ނުލިބެއެވެ. ޕޯޗްގީޒުން އައި ކާފަރުންގެ ލަސްކަރު ބަލިވެގެން ދިޔައީއެވެ."

އުތީމު ގަނޑުވަރު - ފޮޓޯ: ސަން

ހަނގުރާމައަށްފަހު އެރަދުން މާލޭގެ ދިފާޢު ވަރުގަދަ ކުރެއްވިއެވެ. އެގޮތުން ކޯއްޓޭތައް ހައްދަވައި، ބުރުޒުތައް ޤާއިމުކުރެއްވިއެވެ.  އޭގެ އިތުރުން ދެ ބުރުޒު ދޭތެރޭ ބޮޑެތި ފާރުތައް ލައްވާ މާލޭގެ ދިފާޢު ވަރުގަދަކުރެއްވިއެވެ. އަދި ކުނބުރުދޫ ޢަލީ މާލިމީގެ ނެވިކަމުގައި އިންޑޮނޭޝިއާގެ އަސޭކަރަޔަށް ނަވެއް ފޮނުންވައިގެން ބޮޑު ބަޑީގެ އިތުރު ސާދަ ބަޑި މާލެ ގެންނެވިއެވެ. މީގެ އިތުރުން ރާއްޖޭގެ ސަރަހައްދުތަކަށް އުރުނު ބޭރުގެ ނާފަހަރުގައި ހުރި ބޮޑުބަޑިތައްވެސް މާލެ ގެންނަވައި މާލޭގެ ދިފާޢު ވަރުގަދަކޮށް ދިވެހިންނާއި ކުރިމަތިލާން އަންނަ ބޭރުގެ އަދުންވުންނާއި ކުރިމަތި ލެވޭވަރުގެ އާރާއި ބާރު ހުރި ބަޔަކަށް ދިވެހިން ހެއްދެވިއެވެ.

އާދެ! މިދައްކަނީ މީގެ 400 އަހަރު ކުރިން ދިވެހިން ދިވެހި ޤައުމު ދިފާޢު ކުރެއްވުމަށް ކުރެއްވި މަސައްކަތުގެ ވާހަކައެވެ. ޤައުމާއި ރައްޔިތުންގެ ސަލާމަތަށް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ވާހަކައެވެ. ޤައުމު ކުޑަ، މީސްކޮޅު މަދު، ވަޞީލަތްތައްނެތް ޒަމާނުގައި ދިވެހި ކާބަފައިން މި ޤައުމު ބޭރުގެ އުދުވާނު ތަކުން ދިފާޢު ކުރެއްވުމަށް ގެންގުޅުނު އަސްކަރީ ފަލްސަފާގެ ވާހަކައެވެ.

ބޮޑުރަސްގެފާނު އަވަހާރަވުމަށްފަހު، ދަރިކަލުން އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އަނެއްކާވެސް ޕޯޗުގީޒުންގެ ބޮޑު ލަޝްކަރެއް ދިވެހިރާއްޖެއާއި ހަނގުރާމައަށް އައެވެ. އުމުރުފުޅުން 20 އަހަރުގައި ޒުވާން އިސްކަންދަރު ރަސްގެފާނަށް ކުރިމަތިވި މި ނުރައްކަލުގެ ވަގުތުގައި ބޮޑުންނާއި މަޝްވަރާ ކުރައްވައި ހަނގުރާމައަށް ތައްޔާރުވިއެވެ. އިސްލާމްދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ފަސްޖެހުމެއްނެތި ހިތްވަރާއެކު ދިވެހި ލަޝްކަރު ތައްޔާރު ކުރެއްވިއެވެ. ލިބިހުރި ވަޞީލަތްތަކާއި ހަތިޔާރުގެ އެހީގައި، ނަޞާރާ ޕޯޗްގީޒު ކާފަރުންނާއި ހަނގުރާމަކޮށް އެބައިމީހުން ބަލިކޮށް ލެއްވިއެވެ. އެއަށްފަހު، ޒަމާނުންސުރެ ދިވެހިރާއްޖެއިން ޕޯޗްގީޒު ސަރުކާރަށާއި އިންޑިއާގެ ކަންނަންނޫރަށް ދެމުންއައި ޖިޒީ ހުއްޓާލެއްވިއެވެ. އޭގެ ފަހުން ދިވެހިރާއްޖެއާއި ހަނގުރާމަކުރުމުގެ ހިތްވަރެއް ޕޯޗްގީޒުންނަކަށް ލިބިފައެއް ނުވެއެވެ.

ކޮންފަދަ ހިތްވަރުގަދަ ނިންމެވުމެއްތޯއެވެ؟ މީ ދިވެހި ތާރީޚުން ފެންނަން ހުރި ޙަޤީގީ ޞަފްހާތަކެވެ. ދިވެހިންނަކީ އެއްވެސް އިރެއްގައި ބަޔެއްގެ އުނގަށް ފައިބާ ތިބި ބަޔެއް ނޫނެވެ. އަދި ބަޔެއްގެ އުނގަށް ފައިބަން ޖެހޭ ބަޔެއްވެސް ނުމެނޫން މެއެވެ. މީ ފަޚުރުވެރި ތާރީޚެއް އޮތް މިނިވަން ދިދައެއްގެ ހިޔާވަހިކަމުގެ ދަށުގައި އެތައް ޤަރުނެއް ހޭދަކޮށްފައިވާ މިނިވަން ޤައުމެކެވެ.

އަލިރަސްގެފާނުގެ މަޤުބަރާ - ފޮޓޯ: ސަން

ކަންނަންނޫރު ޢަލީ ރާޖާއަށް ދެމުންއައި ޖިޒީ ހުއްޓާލެއްވުމުން، ޢަލީ ރާޖާގެ ލަޝްކަރެއް ދިވެހިންނާއި ހަނގުރާމައަށް އައެވެ. މިފަހަރުވެސް އެބައި މީހުންނާއި ހަނގުރާމަކޮށް ދިވެހިންނަށް ނަޞްރު ލިބުނެއެވެ. އެހެންނަމަވެސް، ޢަލީ ރާޖާގެ އުނދަގޫ ބޮޑުވުމުން އިސްކަންދަރު ރަސްގެފާނު ހަނގުރާމަވެރި ދިވެހި ލަޝްކަރެއް ތައްޔާރުކުރައްވައި، އިންޑިއާގެ ކަންނަންނޫރު ޢަލީ ރާޖާގެ ބާރުގެ ދަށުގައިވާ ރަށްތަކާއި ހަނގުރާމައަށް ފޮނުއްވެވިއެވެ. އަދި އެރަށްރަށުގެ ވެރިން ހައްޔަރު ކުރައްވައިގެން ގެންނަވާ ދިވެހިރާއްޖެއަށް ޖިޒީދޭން ޝަރުތުކޮށް ފަހުން ފޮނުވާލެވުނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިސްކަންދަރު ރަސްގެފާނު ދުނިޔޭގައި ހުއްޓާ މަލާބާރުންނަކަށް ދިވެހިރާއްޖެއާއި ހަނގުރާމައަށް އަންނާކަށް ނުކެރުނެވެ. އެރަދުން 39 އަހަރާއި 6 މަސް ދުވަހު ދިގު މުއްދަތަކަށް ރަސްކަމުގައި ހުންނެވުމަށްފަހު އަވަހާރަވިއެވެ.

ނަމަވެސް އަނެއްކާ އިސްކަންދަރު ރަސްގެފާނުގެ ދަރިކަލުންގެ ރަސްކަމުގައި ދިވެހިރާއްޖެ ހިފަން އިންޑިއާގެ މަލާބާރުންގެ ލަޝްކަރެއް އައެވެ. މިލަޝްކަރާއި ކުރިމަތި ލެއްވުމަށް ދިޔަ ދިވެހި ހިތްވަރުގަދަ ލަޝްކަރު ފެނިފައި މަލާބާރުން ރާއްޖެ ދޫކޮށް ފިލިއެވެ. އޭގެ ފަހުން އެތައް އަހަރެއް ވަންދެން ރާއްޖެއަށް ބޭރުބަޔެއްގެ އުނދަގުލެއް ނުފޯރާ އޮވެފައި، ރާއްޖޭގައި ކުރިން ރަސްކަން ކުރެއްވި އިބްރާހިމް މުޒުހިރުއްދީން ރަސްކަން އަލުން އަތުލެއްވުމަށް ދެފަހަރެއްގެ މަތިން ހަނގުރާމައަށް އައެވެ. އެއީ ހިޖުރައިން 1123 އަދި 1124 ވަނައަހަރުއެވެ. މި ދެފަހަރުވެސް ދިވެހި ލަޝްކަރުގެ އަތުން މުޒުހިރުއްދީން ބަލިވީއެވެ. އެންމެ ފަހު ފަހަރު މާލޭގެ ފަސްގަނޑަށް ފައިބާ ހަނގުރާމަ ކުރިނަމަވެސް، ދިވެހި ލަޝްކަރުގެ ފަހުލަވާނުން އެބައި މީހުން ބަލިކޮށް ފަހާލިއެވެ.

އޭގެ 42 އަހަރު ފަހުން 1166 ގައި ދިވެހި ދެ ޚާއިނުންގެ އެހީއާއި އެކު ހޮޅިން ނުވަތަ މަލާބާރުން ރޭގަނޑު ސިއްރިޔާތުގައި މާލެ އަރައި، ގަނޑުވަރުގައި ހުޅުޖަހައި 3 މަހާއި 20 ދުވަހު އެބައިމީހުންގެ ވެރިކަން ވަރަށް އަނިޔާވެރި ގޮތެއްގައި ކުރިއެވެ. އެބައިމީހުންގެ 200 ވަރަކަށް މީހުންގެ ލަޝްކަރަކާއެކު "ކަނަތްކަފޫރު" ގެ ވެރިކަމުގެ ދަށުން ދިވެހިންނަށް އަނިޔާ ދެމުން ދަނިކޮށް، ހުރަވީ ދުވަހުގެ ބަޠަލު ދިވެހިންނަށް މިނިވަންކަން ހޯއްދަވައި ދެއްވިއެވެ. ދޮން ބަންޑާރައިން ސިއްރިޔާތުގައި އެބައިމީހުންގެ ކިއްލާ ތެރެއަށް ވަދެވަޑައިގެން، މާތް ﷲ ގެ ވާގިފުޅާއެކު އެބައިމީހުންނާއި ހަނގުރާމަކޮށް ދިވެހިންނަށް މިނިވަންކަން ހޯއްދަވައި ދެއްވިއެވެ.

އޭގެ ދުވަސްކޮޅެއްފަހުން، އަނެއްކާ އިންޑިއާގެ ކަންނަންނޫރު ޢަލީ ރާޖާގެ އުނދަގޫ ފޯރަން ފަށައިފިއެވެ. ނާފަހަރުގައި ރާއްޖޭގެ ރަށްރަށަށް އަރާ މީހުންގެ މުދާ ފޭރެން ފެށުމުން، ޚުދު ދޮންބަންޑާރައިން އިސްވެ ހުންނަވައި ދިވެހި ލަޝްކަރާއިގެން ހަތިޔާރާއެކު އޮޑިފަހަރުގައި ނުކުންނަވައި އެބައިމީހުންނާ މުގާބަލާ ކުރެއްވިއެވެ. އެބައިމީހުން ކިއްލާ ހަދައިގެންތިބި ހއ. ދޮނަކުޅިއަށް ހަމަލާދީ، ވަރުގަދަ ހަނގުރާމައެއްކޮށް މަލާބަރީން ބަލިކުރެއްވިއެވެ.

މިނިވަންކަމުގެ އެގްރިމެންޓުގައި ބޮޑުވަޒީރު އިބްރާހިމް ނާސިރު ސިލޯނުގައި ސޮއިކުރެއްވުން

މީގެ ދުއިސައްތަ އެތައް އަހަރެއް ކުރިން ދޮންބަނޑާރައިން ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވެވި ހަނގުރާމަ ތަކުން ލިބޭ ފިލާވަޅުތައް ނުހަނު ގިނައެވެ. އެހާމެ އަގުހުރި ފިލާވަޅުތަކެކެވެ. މިއަދުގެ ދިވެހި ދަރިން އެއިން ނަމޫނާ ލިބިގަންނަން ޖެހޭ އެތައް މިސާލެއް ހުރަވީ ބަޠަލުގެ ޖިހާދުން ފެނިގެން ދެއެވެ. ލޯބިވާ ދިވެހި ބިމުން އެންމެ ކައިވަތެއްވެސް ބޭރުގެ ހޮޅި ބާރަކަށް ދޫކޮށް ނުލައްވާނެކަން ސާބިތު ކޮށްދެއްވިއެވެ. ދިވެހި ލޭ ހިނގާ ދިވެހި ދަރިޔެއްގެ ނަމޫނާ ދައްކުވައިދިނުމުގެ އިތުރުން، އިންޑިއާގެ މަލާބާރުންގެ ކުރިމަތީ ދިވެހި ދަޢުލަތުގެ އާރާއި ބާރު ދެމެހެއްޓެވިއެވެ. ދިވެހި އޮޑިފަހަރުގައި މާކަނޑަށް މާރިޔާ ނަގައިގެން ލަޝްކަރާއިގެން ނުކުންނަވައި ދިވެހިންގެ ޝަރަފު ދެމެހެއްޓެވިއެވެ. ދިވެހި ދަޢުލަތުގެ ދިފާއީ އެންމެ އިސްވެރިޔާ ލަޤަބު ޙައްޤުވާކަން ދިވެހިންނަށާއި މުޅި ދުނިޔެއަށް ސާބިތު ކޮށްދެއްވިއެވެ. ޤައުމު ކިތަންމެ ކުޑަވެފައި، މީސްކޮޅު ކިތަންމެ މަދުވެފައި، ވަސީލަތް އަމުދުން ނެތަސް، ދިވެހިންނަށް ދިވެހިރާއްޖެ ދިފާޢު ކުރެވޭނެކަން މުޅި ދުނިޔެއަށް ސާބިތު ކޮށްދެއްވިއެވެ. އަޅުގަނޑުމެން މިއަދުގެ ދިވެހި ދަރިންނަކީ އަދި ވެރިންނަކީ ދޮން ބަންޑާރައިން ފަދަ އިޚުލާސްތެރި، ތެދުވެރި، ޤައުމުދެކެ ލޯބިވާ ބަޔެއް ކަމުގައި ލައްވާށި! އާމީން!

ލިޔުނީ: އަމާޒް ލަޠީފް

ނޯޓް: މިލިޔުމަށް މައުލޫމާތު ހޯދީ " މަނަސް 18" ވަނަ ފޮތުންނެވެ.

މިލިޔުން ކިޔާލުމުން
23
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މަކުނުދޫ

    ވަރަށް ފުރިހަމަ ލިޔުމެއް

    7
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ