ހިތުގެ އެދުން (02)

(ހުކުރު ދުވަހުގެ އަދަދާއި ގުޅޭ)

ނީލް ހުއްޓިލައިގެން ހުރީ އިރުއޮއްސޭ މަންޒަރު ބަލާލުމައްފަހު ގެއަށް ދިއުމަށެވެ. އެއީ ނީލްގެ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އިރުއަރާ މަންޒަރާއި އޮއްސޭ މަންޒަރު ފެންނަ ކޮންމެ ފަހަރެއްގައި އޭނާގެ ހިތަށް ބުނެދޭން ނޭނގޭފަދަ ހިތްހަމަޖެހުމެއް ގެނެސްދެއެވެ. ނީލްއަކީ ރަށު ސްކޫލްގެ ދިވެހި ޓީޗަރެކެވެ. ކިޔަވާދިނުމަކީ، ނީލް ވަރަށް ކުރާހިތްވާ ކަމެކެވެ. ނީލްއަކީ އަންހެން ކުދިން ހިތްކިޔާފަދަ ސިފަތަކެއް ހުރި ޒުވާނެކެވެ. ހަމުގެ ކުލަ ދޮން ނޫނަސް އެ ކަޅުކަން ފެނުމުންވެސް ހިތްކިޔާ އަންހެން ކުދިން މަދެއް ނޫނެވެ. ރީތި ހިނިތުންވުމެކެވެ. ޒަމާނާއި ފެޝަނަށް ލޯބިކުރާ ނީލްއަކީ އަންހެން ކުދިން ޖަހާ ކޮންމެ ބެރަކަށް ނަށަމުންދާ ފިރިހެން ކުއްޖެއް ނޫނެވެ. ރަށަށް ބަދަލުވީއްސުރެވެސް ނީލް އަދި އެއްވެސް ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުން ބާއްވާފައެއް ނުވެއެވެ. ގޭދޮށުގައި ކިތަންމެ ވަރަކަށް މުގޯލިއެޅި ނަމަވެސް އަންހެން ކުއްޖަކާއި ދިމާއަށް ބަލާވެސް ނުލައެވެ. ނުވިތާކަށް ނީލްއަކީ މާގިނައިން މީހުންނާއި ވާހަކަ ދައްކާހަދާ ޒުވާނެއް ނޫނެވެ. އޭނާއުޅޭ ގެއަށްވެސް މީހަކު ވަދެ ނުކުންނަ މަންޒަރެއް ނުފެނެއެވެ. ނަތީޖާއަކަށް ވަނީ މަށަށް މަށަށް ކިޔާ އަންހެން ކުދިންތަށް ގިނަވުމެވެ. އެ އެކަނިވެރި ދިރިއުޅުމުގައި ކުލަ ޖައްސަދޭން ބޭނުންވާ ކުރެހުންތެރިން ދުވަހަކަށް ވުރެ ދުވަހަކު އިތުރު ވަމުން ދިޔައެވެ.

އޮއްސެމުންދާ އިރަށް ކަޅި ހުއްޓައިގެން ހުރި ނީލްއަށް އެނބުރިލެވުނީ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑަށެވެ. މާ ދުރުނޫން ހިސާބެއްގައި ވެލިގަނޑު މަތީ އިށީނދެލައިގެން އިނީ ބަލާބެލުމަށް ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ. ދެކަކުލުގައި ބޯ ޖަހާލައިގެން ރޮމުން ގެންދައިރު އެ ރުއިމުން ނީލްއަށް ފާހަގަ ކުރެވުނީ އިންތިހާއަށް ހިތްދަތި ކަމެވެ. އިހްތިޔާރުން ބޭރުގައި ނީލްއަށް އެ އަންހެން ކުއްޖާއާއި ދިމާއަށް ހިނގައި ގަނެވުނެވެ.

"ކޮން ކުއްޖެއް؟ މިތާ ކީއްކުރަން ރޮނީ؟ ތަނަކަށް ތަދުވަނީތަ؟" އެ ކުއްޖާ ކައިރިއަށް ހުއްޓިލައިގެން ހުރެ ނީލް އަހާލިއެވެ.

އެ އަންހެން ކުއްޖާ އިސް އުފުލާ ބަލާލިއެވެ. ފުރަތަމަ ނަޒަރުންވެސް ނީލްގެ ހިތް އެ ގޮތް ނޭނގޭ އަންހެން ކުއްޖާއަށްޓަކައި ތެޅިލިއެވެ.

"އަހަރެންނަކީ ނޫރީން. އަހަރެންގެ އެއްވެސް މީހަކު މީހާރު މިދުނިޔޭގައި ނެތް. ދާނެ ތަނެއްވެސް ނެތް. އެހެންވެގެން ރޮވެނީ؟" ނޫރީން ނީލްއަށް ކަރުނުން ފޯވެގެންވާ ދެލޮލުން ބަލާލަމުން ބުންޏެވެ.

"ތިއީ ކޮން ރަށެއްގެ ކުއްޖެއް؟ މިރަށު ކުއްޖެއް ނޫން ތީކީ" ނީލް ނޫރީންއާއި ތަންކޮޅެއް ދުރުގައި އިށީންނަމުން ބުންޏެވެ.

"އަހަންނަކީ މިރަށު ކުއްޖެއް" ނޫރީން ޖަވާބުދިނީ ކުރުކޮށެވެ.

"އެހެން ނުވާނެ. މިރަށު ކުއްޖެއް ވިއްޔާ އަހަންނަށްވެސް އެނގޭނެއެއްނު؟ މިއީ ވަރަށް ކުޑަކުޑަ ރަށެއް. އެކަކަށް އަނެކަކު ނޭނގި ނުހުންނާނެ. ދެން ބުނެބަލަ. ތިއީ ކޮން ރަށެއްގެ ކޮން ކުއްޖެއްތަ؟" ނީލްއަށް އަނެއްކާވެސް ސުވާލު ކޮއްލެވުނެވެ.

"އަޅޭ. އަހަންނަކީ މިރަށު ކުއްޖެކޭ. ގަބޫލު ކުރިޔަސް ނުކުރިޔަސް އެންމެ ރަނގަޅު. އަހަންނަކީ މިރަށު ވަލުގައި އުޅޭ ހަންޑިއެއް. ހިތް އެދޭ ކަހަލަ ޖަވާބެއްތަ މީ؟" ނޫރީން ހާމަކުރީ ހަގީގަތެވެ.

"ހަންޑިއެކޭ؟ އަސްލު؟ އަހަންނަށް ދުވަހަކުވެސް މިރަށުން އަދި ހަންޑިއަކާ ދިމައެއް ނުވޭ. ނަސީބެއްތާ" ނީލް ހީކުރީ ނޫރީން ސަމާސާ ކުރީ ކަމަށެވެ.

"އަހަންނަށް ކިޔަނީ ނީލް. އަހަންނަށް ނޫރީންއަށް ކޮށްދެވޭނީ ކޮން ކަމެއް؟" ނީލް ބޭނުންވީ ކޮންމެވެސް ގޮތަކުން ނޫރީންއަށް އެހީވާށެވެ. އިސްވެ އަނެއްކާވެސް ވާހަކަ ދެއްކުނީ އެހެންވެގެންނެވެ.

"އަހަރެން ބޯ ހިޔާ ކޮއްލާނެ ތަންކޮޅެއް ދެވިދާނެތަ؟ އަހަންނަށް އެހެން ތަނެއް ލިބެންދެން." ނޫރީން އިތުރު ވިސްނުމެއް ނެތި ބުނެލިއެވެ.

"އަހަރެން މިއީ އެކަނި ހުންނަ ފިރިހެނެއް، ފިރިހެނަކާއި އެކު އަންހެން ކުއްޖަކު އުޅޭތަން ފެނުނީމަ މީހުން ވަރަށް އެއްޗެހި ކިޔާނެ. މީހުން ދެކޭނީ އެހެން ގޮތަކަށް. މީހުން ވަރަށް ފާޑުފާޑުގެ ވާހަކަތައް ދައްކާނެ. އަހަންނަކަށް ހިއެއް ނުވޭ ތިއީ އެންމެ ރަނގަޅު ގޮތް ހެނެއް." ނީލް ވިސްނީ މީހުން ދެކޭނެ ގޮތަކާއި ދޭތެރޭގައެވެ.

"މީހުން ކޮންމެ ގޮތަކަށް ދެކުނަސް އަހަންނަށް މިވަގުތު އެންމެ މުހިއްމީ ހުންނާނެ ތަނެއް. އަހަންނެއް ނީލްއަކަށް އުނދަގުލެއް ނުކުރާނަން. އަހަންނަށް ކޮށްދެވުނު ކޮންމެ ކަމެއް އަހަރެން ނީލްއަށް ކޮށްދޭނަން. އަހަރެން ވަންނާނެ ތަނެއް ނުލިބުނިއްޔާ މިރޭ އަހަރެން އޮންނަން ޖެހޭނީ މިތާ. އަހަރެން މިތާ އޮއްވާ ހަންޑިއަކަށް ނޫނީ ޖިންނިއަކަށް ފެނިއްޖިއްޔާ ދެނޯ؟" ނޫރީން ލޯ ފުހެލިއެވެ.

"އަހަންނެއް ބިރެއް ނުގަނޭ ހަންޑިން އަދި ޖިންނިން ދެކެއެއް. ނޫރީން ބިރު ގަންނަން ޖެހޭނީ އިންސާނުންދެކެ. ދުނިޔޭގައި މިހާރު އިންސާނުގެ ބިރުވެރިކަން މާ ބޮޑު. އެކަކު އަނެކަކު މެރުމާ، އަންހެން ކުދިންގެ އިއްފަތްތެރިކަން ފޭރުމާ، ވައްކަން ކުރުމާ މިހެން ގޮސް ބޮޑު ލިސްޓެއް ހެދެންދެން އިންސާނުންގެ ކުށްތަށް ކީދާނެ." ލަދުން އިސްޖަހާލަމުން ނީލް ބުންޏެވެ.

"ދެން އަހަރެން ތިގޭގައި ބަހައްޓަ ދީބަލަ" ނޫރީން އާދޭސް ކުރާފަދަ ގޮތަކަށް ބުނުމުން ނީލްއަށް ނޫނެކޭ ބުނަން ނުކެރުނެވެ. އެހެން ކަމުން ނޫރީންއަށް ހުންނާނެ އެހެންތަނެއް ލިބެންދެން ނީލްގެ ގޭގައި ބެހެއްޓުމަށް ނިންމިއެވެ. ނޫރީންއަކީ ކާކުކަން، ނޫރީންގެ ހަގީގަތަކީ ކޮބައިކަން އެނގުނުނަމަ އެ ގޮތަށް އެ ނިންމުން ނިންމާނެ ހެއްޔެވެ؟ ނޫރީންގެ ހަގީގަތް ނީލްއަށް އެނގޭ ދުވަހަކުން ވާނީ ކިހިނެއް ހެއްޔެވެ؟

ނޫރީން ނީލްއާއި އެއްކޮށް އެގެއަށް ދިޔަ މަގުމަތިން ވަރަށް ގިނަ މީހުންގެ ނަޒަރު އެދެމީހުންނަށް ހުއްޓުނެވެ. ރަށުތެރެއިން ނުފެންނަ އަންހެން ކުއްޖަކު ފެނުމުންނެވެ. އެއަށްވުރެ ބޮޑަށް ނީލްއާއި އެކު ފެނުމުންނެވެ.

ލައިގެން ހުރި ބޮޑު ކަޅު ހެދުން ބިންމަތީގައި ދަމަމުން ނޫރީންދިޔައެވެ. ނީލްއަށް ބައެއް ފަހަރު ހެވެންވެސް ހެވެއެވެ. އެހާ ބޮޑު އަދި ދިގު ހެދުމެއް ލައިގެން ނޫރީން އެ އުޅެނީ ކީއްކުރަން ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އެ ހެދުމުގައި ނޫރީން ނިކަން ރީއްޗެވެ.

"ކީއްކުރާނީ. މިސޮރު މިއީ އަދި އަހަރެން ހޯދަން ބޭނުންވާ ކަހަލަ ސޮރެއް ނޫން ވިއްޔާ. އެހެން ނޫން ނަމައެއްނު މިސޮރާ ހުރެ އުޅެވޭނީ." ނޫރީން ހިތާހިތުން ކިޔާލިއެވެ.

ނީލް ގޮސް ގެއަށް ވަދެ މަޑުކޮއްލިއެވެ. ނޫރީން ވަންނަންދެނެވެ. ނަމަވެސް ނޫރީން ގޭގެ ދޮރުމަތީގައި މަޑުކޮއްލީއެވެ. ނީލްއަށް ބަލަހައްޓައިގެންނެވެ. އަދި އެގެއަށް ވަނުމުގެ ހުއްދަ ނޫރީންއަށް ނުލިބޭ ފަދައެވެ.

"ކިހިނެއްވެފައި ތި ހުރީ. ވަދެބަލަ" ނީލް ހައިރާންވިއެވެ.

"ޔަގީން ނޫރީން ވަންނަންވީކަން؟" ނޫރީން ބޭނުންވީ ނޫރީންގެ ނަން ބުނުވާށޭވެ.

"އާނ އޭ. ނޫރީން މިގެއަށް ވަދެބަލަ" ނީލް ހިނިގަނޑެއް ޖަހާލަމުން އެހެން ބުނެލިއެވެ. ބުނެލުމާއި އެކު ނޫރީން ދުވެފައި ކަހަލަ ގޮތަކަށް އެތެރެއަށް ވަނެއެވެ. އެއީ އިންސާނުންގެ ގެއަކަށް ނޫރީންއަށް ވަދެވުނު ފުރަތަމަ ފަހަރެވެ. އެހެން ކަމުން ނޫރީން ބޭނުންވީ ހުރިހާ ތަނެއް ބަލާލުމަށެވެ.

އެއީ ވަރަށް ތަރުތީބުން އެއްޗެހިތަށް ބެހެއްޓިފައިވާ ގެއެކެވެ. ނީލްއަކީ ސާފުތާހިރުކަމަށް ލޯބިލުރާ މީހެއްކަން އެހިސާބުން ނޫރީންއަށް ޔަގީންވިއެވެ. ގޭގެ ފެންޑާގައި ހުރީ އާދަޔާ ހިލާފަށް ހަދާފައިވާ އަށިތަކެކެވެ. ކަޅުކުލައިގެއެވެ.

"މިއީ އަށިތަކެއްތަ؟ މިއީ ކީއްކުރާ އަށިތަކެއް؟" ނޫރީން ހައިރާންވެފައި ނީލް ގާތުން އަހާލިއެވެ.

"ކޮން އައްޓެއް؟ ތީތަ؟ ތީ ސޯފާއެއްނު؟ އާއްމުކޮށް އިށީންނަން އަހަރުމެން ބޭނުން ކުރަނީ. އެކަމަކު ބައެއް ފަހަރު ވަރުބަލި ވެގެން ޖައްސާލީމަ ނިދަންވެސް ނިދޭ ތީގައި. ނޫރީން ދުވަހަކުވެސް ސޯފާއެއް ނުދެކެންތަ؟" ނީލް ހިނިތުންވެލިއެވެ.

"އަހަރުމެން ގޭގައި މިކަހަލަ އެއްވެސް އެއްޗެއް ނުހުރޭ. ދެން ކިހިނެއް އެނގޭނީ. އަހަރެން މީގައި އިށީންނަންތަ؟" ނޫރީން މައުސޫމްކަމާއި އެކުގައި ވާހަކަ ދެއްކިއެވެ.

އާނއެކޭ ބުނުމުގެ ގޮތުން ނީލް ބޯޖަހާލިއެވެ. ނޫރީން ވަރަށް މަޑުމަޑުން ސޯފާގައި އިށީނެވެ. އެއާއި އެކު ފުންމައިގެން ތެދުވިއެވެ.

"މީތި ވަރަށް މަޑު. އަހަރެން އަދިވެސް އިށީންނަންތަ؟" އަނެއްކާވެސް ނޫރީން އަހާލިއެވެ. ނީލް ބޯ ޖަހާލަމުން އައިސް ސޯފާގެ އެއް ފަރާތުގައި އިށީނެވެ. ނޫރީންވެސް އިށީނެވެ. ހަމަޖެހިލިއެވެ.

"ދެން އެހެރީނު މަންޒަރު ބަލާ ފޮށިގަނޑު. އޭގެން މަންޒަރެއް ދައްކަފާނަންތަ؟" ޓީވީއަށް އިނގިލި ދިއްކޮއްލަމުން ނޫރީން އެހެން ބުނުމުން ނީލް ގާތަށް ވަރަށް ހިނިއައެވެ. އެހެނަސް ހިނިގަނޑު ހިންދާލިއެވެ.

"މަންޒަރު ބަލާ ފޮށިގަނޑެއް ނޫނޭ އެއަށް ކިޔަނީ. އެއީ ޓީވީ." އެހެން ބުނަމުން ނީލް ޓީވީ ހުޅުވާދިނެވެ. އޭރު ޓީވީން އަންނަނީ އަށެއްގެ ހަބަރެވެ.

"އެމީހުން އުޅެނީ އެ ފޮށިގަނޑު ތެރޭގައިތަ؟ އެމީހުންގެ ދުނިޔެ ވަރަށް ކުޑަވާނެދޯ" ނޫރީން ޓީވީއަށް ބަލަން އިނދެގެން ނީލްއާއި ވާހަކަ ދެއްކިއެވެ.

"އަނެއްކާ މިއީ ސިކުނޑި ހަމަ ނުޖެހޭ ކުއްޖެއްބާ؟" ނީލްގެ ހިތަށް އެރިއެވެ.

"އެމީހުން އުޅެނީ އޭގެ ތެރޭގައޭ؟ ނޫނެކޭ ނޫރީން. އެއީ މީހުން ވީޑިއޯ ކޮއްފައި ހުންނަ އެއްޗެހިތަކެއް." ނީލް އުޅުނީ ނޫރީންއަށް ކިޔާދެވޭތޯއެވެ.

"ޥީ ޑި އޯ . އެއީ ކޮން އެއްޗެއް؟" ނޫރީންގެ ސުވާލުތަށް ދިޔައީ ގިނަވަމުންނެވެ.

ވާހަކަ ބަދަލުކޮއްލާ ކާން ދިޔުމަށް ނީލް ނޫރީންގާތުގައި އެދުނެވެ. އާނއެކޭ ބުނެފައި ނޫރީން އިނުމުން ނީލް ގޮސް ކާން ހެދިއެވެ. މޭޒުމައްޗަށް ތަށިތަށް ނެގުމައްފަހު ނޫރީންއަށް ކާންގޮވާލިއެވެ. ނަމަވެސް ނޫރީންގެ އަޑެއް ބަޑެއް ނީވުމުން ބަލާލަން ދެވުނެވެ.

ނޫރީންއަށް އޮތީ ނިދިފައެވެ. ހިނދުކޮޅަކަށް ނޫރީންގެ ރީތި ކަމަށް ބަލަން ނީލްއަށް ހުރެވުނެވެ. ދެފަރާތަށް ބޯ ހޫރުވާލަމުން ނީލް ހިނިތުންވެލިއެވެ. މޭގައި އަތްއަޅާލިއެވެ. އެހިތް މޭގެ ތެރޭގައި އޮވެގެން މާ ގަދަޔަކަށް ތެޅޭތީއެވެ. ކުރިން ދުވަހަކުވެސް ނުތެޅޭހާ ބާރަށް ތެޅޭތީއެވެ.

އަޑު ބާރުކޮއްފައި ހުރި ޓީވީ ނިއްވާލިއެވެ. ކޮޓަރިއަކަށްވަދެ ރަޖާގަނޑެއް ނެރި ނޫރީންގެ ގައިމަތީގައި އަޅާލިއެވެ. ފިނިވެދާނެތީއެވެ. ނީލް ހިނގައިގަތީ އެކަނި ނަމަވެސް ކޮންމެވެސް އެއްޗެއް ކާށެވެ. ނަމަވެސް ހުއްޓުން އެރީ ނޫރީން އޭނާގެ އަތުގައި ހިފުމުންނެވެ. ފަހަތަށް އެނބުރި ނީލްއަށް ބަލާލެވުނެވެ. އެއާއިއެކު ހިނިތުންވެލުނެވެ. ނިދީގައި އޮވެގެން ނޫރީން އޭނާގެ އަތުގައި ހިފުމުންނެވެ. ނީލް ހުރީ ހައިރާންވެފައެވެ. އެ މަޑުމަޑު އަތްތިލަ ގަނޑުފެންގަނޑެއްހާ ފިނިވީމައެވެ.

"ނޫރީން އެ އޮތީ ފިނިވެފަ ބާ؟ އަނެއްކާ ނޫރީންއަކީ ބަލި ކުއްޖަކީތަ؟ އަހަރެންގެ ހިތަށް މިހާ އަވަހަށް ބާރު ފޯރުވަން މިއީ ކޮން ކުއްޖެއް؟ ފުރަތަމަ ނަޒަރުން ގޮތް ނޭނގޭ ކުއްޖެއް ދެކެ ލޯބިވެވިދާނެތަ؟" ނީލްއަށް އަމިއްލަ ނަފްސާ ވާހަކަ ދައްކާލެވުނެވެ.

ފުރަތަމަ ނަޒަރުން ލޯބިވެވޭ ކަމަށް ބައެއް މީހުން ގަބޫލު ކުރާއިރު އަނެއް ބަޔަކު އެކަން ދޮގު ކުރެއެވެ. ފުރަތަމަ ނަޒަރުން ލޯބިވެގެން އެތަށް ބަޔަކު އެ ލޯބި ކާމިޔާބުވެސް ކުރެއެވެ. އެހެނަސް އެންމެންނަކީ އެހާ ނަސީބު ރަނގަޅު މީހުންނަށް ނުވެދެއެވެ. ހިތަށްއަރަނީ ނީލްއަށް ހަމަ އެ ވެވުނީ ފުރަތަމަ ނަޒަރުން ލޯބި ހެއްޔެވެ؟ ނުވަތަ ފުރަތަމަ ފެނިލުމާއި އެކު ނޫރީން ރީތިވީ ހެއްޔެވެ؟

ނުނިމޭ

މިލިޔުން ކިޔާލުމުން
8
ގުޅުންހުރި ލިޔުންތައް

4 Responses

  1. Fazil

    Hi natha. Alhugandu mee nathage stories gavaidhun kiyaa ekeh. Mifaharu thankolheh lasvee. Mibai varah furihama. 3 adi 4 kah inthizari kuran. Love the story girl. U are simply the best.

  2. Saaji

    Hama aslu kurin ves bunihen vr thafathu story eh ingey rythi vr ves rythi…next week ge bayah wait kuran?

  3. Maena

    A writer who never forgets to bring out the emotions in us. Im sure this story will be full of emotions too. Simply love how you bring out the story to us. The funny dialougues. The emotions. Keep up the great work girl . You got this ?

  4. Naanu

    This story makes me go awwnn. ❤

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ