3 ރަންމެޑަލްއާއެކު އެގާރަ އަހަރުގެ ދީމާ ތާރީޚުގެ ތެރެއަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ޓޭބަލް ޓެނިސް އަންހެން ސިންގަލްސް ބައިން ރާއްޖޭގެ އުމުރުން 11 އަހަރުގެ ފާޠިމަތު ދީމާ ޢަލީ ރަން މެޑަލް ހޯދައި ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ.

މިއީ މިއަހަރުގެ ގޭމްސްގައި ދީމާ ހޯދު ތިންވަނަ ރަންމެޑަލްއެވެ. ކުޅުނު ތިން އިވެންޓުގެ ވެސް ދީމާވަނީ ރަން މެޑަލް ހޯދާފައެވެ.

މީގެކުރިން ދީމާ ރަންމެޑަލް ހޯދައިވަނީ ޓޭބަލް ޓެނިސްގެ ޑަބަލްސް އިވެންޓުންނާއި ޓީމް އިވެންޓުންނެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއްކުޅުންތެރިއަކު ބައިނަލް އަޤުވާމީ މަލްޓި ޕާޕޯސް އިވެންޓުތަކަކުން މިހާގިނަ ރަންމެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

މިއަދު ކުރިއަށްދިޔަ ޓޭބަލް ޓެނިސް އަންހެން ސިންގަލްސް ބައިގެ ފައިނަލްގައި ދީމާ ބައްދަލުކޮށްފައިވަނީ ރާއްޖޭގެ ކުޅުންތެރިއެއްކަމަށްވާ އައިޝަތު ރަފާ ނާޒިމްއާއެވެ. މިފައިނަލްމެޗު ދީމާ ކާމިޔާބުކުރީ 4-1 ސެޓުން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު ދީމާއަށް ގެއްލުނުނަމަވެސް ފަހުންކުޅުނު ހަތަރު ސެޓްވެސް ދީމާވަނީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ ސެޓު 6-11 ދީމާ ބަލިވިއިރު، ބާކީ ހަތަރު ސެޓު ދީމާ ކާމިޔާބުކުރީ 7-11، 5-11، 7-11 އަދި 4-11 އިންނެވެ.

އަދި މިމެޗުން ލިބުނު ރަންމެޑަލްއާއެކު ރާއްޖެއަށް މިގޭމްސްގައި ހޯދި ރަންމެޑަލްގެ އަދަދުވަނީ 5 އަށް އަރާފައެވެ. ރާއްޖޭ މިއަހަރުގެ ގޭމްސްއަށް ދިޔައީވެސް 15 ރަންމެޑަލްގެ އަމާޒުގައެވެ.

ދީމާއާ އެކު ދިވެހި ރާއްޖޭގެ އައިއޯއައިޖީ ކޮންޓިންޖެންޓު އެނބުރި މާލެ އަންނާނީ މި މަހުގެ 29 ވާ ހޯމަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ