ކުރީގެ ކްބަލު ބާސެލޯނާ ދޫކޮށްލެވުނީތީ އެކަމާ ހިތާމަނުކުރާކަމަށް މިހާރު ޖަޕާނުގެ ވިސެލް ކޯބޭއަށް ކުޅެމުން އަންނަ އެންޑްރެސް އިނިއެސްތާ ބުނެފިއެވެ.
ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ ދޫކޮށް ޖަޕާނުގެ ވިސެލް ކޯބޭއާއި އިނިއެސްތާ ގުޅުނީ 2018 ވަނަ އަހަރުއެވެ. އިނިއެސްތާވަނީ ބާސެލޯނާގައި 16 ސީޒަން ފުރިހަމަކޮށް އެކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
ހޮނިހިރު ދުވަހު ބާސެލޯނާއާއި ދެކޮޅަށް ކުޅުނު ރަޙްމަތްތެރިކަމުގެ މެޗުގައި އިނިއެސްތާގެ މިހާރުގެ ކްލަބު ވިސެލް ކޯބޭދަށްވީ 2-0 ގެ ނަތީޖާއަކުންނެވެ. އިނިއެސްތާވެސްވަނީ އެމެޗްގައި ބާސެލޯނާއާއި ދެކޮޅަށް ކުޅެފައެވެ.
"ބާސެލޯނާ ދޫކޮށްލެވުނީތީ ހިތާމައެއް ނުކުރަން. އަދި އެކްލަބު ދޫކޮށްލީ ކޮންމެހެން އެކްލަބަށް ކުޅެން ބޭނުންނުވާތީކީވެސްނޫން. އެހެންނަމަވެސް ބާސެލޯނާގައި ހުރެވުނުނަމަ އެކްލަބާއެކު ވިސެލްއާއި ދެކޮޅަށް ކުޅެން ބޭނުންވިސް." އިނިއެސްތާ ބުންޏެވެ.
މީގެއިތުރުން އުމުރުން 35 އަހަރުގެ އިނިއެސްތާބުނީ، މިހާރު ކުޅެމުންދަނީ އެހެން ތަނެއްގައި އެހެން ގޮތަކަށްކަމަށާއ،ި އަދި ބާސެލޯނާ ކުޅުންތެރިން ފެނުންމުން ވަރަށް އުފާވިކަމަށްވެސް އިނިއެސްތާ ބުނެފައިވާއިރު މިހަނދާންތައް އަބަދަށް ދެމިހުންނާނެކަމަށް އޭނާ ބުންޏެވެ.
2-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވި އެމެޗުގައި އެކްލަބުގެ ޖެހި ދެލަނޑުވެސް ޖަހައިދިނީ އުމުރުން 21 އަހަރުގެ ކާލެސް ޕެރޭޒްއެވެ.
ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރީ ސީޒަން ކުޅެމުންދާ ބާސެލޯނާ ދެން ނުކުންނާނީ ވަރުގަދަ އާސެނަލްއާއި ދެކޮޅަށެވެ. ޖޯން ގެމްޕާ ޓްރޮޕީއަށް ކުޅޭ މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ރޭ 11:00 ގައެވެ.




