މިއަދަކީ 40 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ބ. ފެހެނދޫއަށް ވަޑައިގެންނެވި ތާރީޚީ ދުވަހެކެވެ.
ފެހެނދޫއަށް އެންމެ ފަހުން ރާއްޖޭގެ ރައީސްއެއް ވަޑައިގެންފައިވަނީ 1979 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްއެވެ. އޭގެ ފަހުން މިވީ 40 އަހަރު ތެރޭގައި ރާއްޖޭގެ ރައީސެއް ވެރިކަމުގައި ހުއްނަވައި ފެހެންދުއަށް ވަޑައިގެންފައެއް ނުވެއެވެ.
ފެހެނދޫ ރައްޔިތުންގެ މިދިގު އިންތިޒާރައް ނިމުމެއް އައިސްފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އެރަށަށް ކުރެއްވި ތާރީޚީ ދަތުރާއިއެކުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފެހެންދޫއަށް ވަޑައިގެންފައި މިވަނީ މިހާރު މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައެވެ. އެމަނިކުފާނު މިއަދު އެރަށަށް ވަޑައިގެން, އެރަށުގެ ކައުންސިލަރުންނާއި މުއައްސަސާ ތަކުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި ވަނީ މަޝްވަރާ ކުރައްވައްވާފައެވެ.
ފެހެންދޫގެ އާބާދީގައި ގާތްގަނޑަކަށް 300 މީހުން އުޅޭ ރަށެއް ނަމަވެސް ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 150 ވަރަކަށް މީހުންނެވެ. އެ ރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން ސްކޫލު ބަންދުކުރިތާ މިހާރު ވަނީ އަހަރުތަކެއްވެފައެވެ. ފެހެންދޫގައި އުޅޭ ދަރިވަރުން ތަޢުލީމު ހާސިލް ކުރުމަށް ކޮންމެ ދުވަހަކު ދާންޖެހިފައިވަނީ ކައިރީގައި އޮންނަ ގޮއިދޫއަށް ޑިންގި ގަނޑެއްގައި ކަނޑު ހުރަސްކޮށްފައެވެ.
މިމަސް ތެރޭގައި ފެހެނދޫ ބަނދަރުހެދުމުގެ މަސައްކަތް ސަރުކާރުންވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.




