"ޖަޒީރާ" ގޮވައިގެން "ވަގުތު" އިން ކޯޓަށް ދަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ) އިން ނެރުނު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ބޮޑު ބައެއް ބަހާލި އެސްއޯއެފްގެ އެކައުންޓުން ފައިސާ ފޮނުވާފައިވާ މީހުންގެ ތެރޭގައި "ވަގުތު" ނޫހުގެ ސީއީއޯ އަޙްމަދު އިމްރާން ހިމެނޭކަމަށް ބުނެ އޮންލައިން ނޫސް "ޖަޒީރާ" އިން ޝާއިޢުކުރި ޙަބަރާއި ގުޅިގެން އެ ނޫސް ގޮވައިގެން ކޯޓަށް ދިއުމަށް "ވަގުތު" އިން ނިންމައިފިއެވެ.

ވަގުތު އިން ރޭ ނުރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، އެ ނޫހުގެ ސީއީއޯގެ އެކައުންޓަށް ޚިޔާނާތުގެ ފައިސާ ވަތްކަމަށްބުނެ "ޖަޒީރާ" ނޫހުގައި ގެނެސްދީފައިވާ ޚަބަރަކީ ހަޤީޤަތް އޮޅުވާލުމަށް ގެނެސްދީފައިވާ ޚަބަރެއް ކަމަށެވެ.

"ވަގުތު" އިން ވިދާޅުވީ 2014 ގެ މެއި މަހުން ފެށިގެން 2015 ވަނަ އަހަރުގެ ނޮވެމްބަރާ ދެމެދު އެ ނޫހުގެ ސީއީއޯގެ މަޤާމުގައި ހުންނެވީ ހަސަން ޢަބްދުﷲ ކަމަށާއި، އޭގެ ފަހުން 3 ބޭފުޅަކު އެ މަޤާމް ފުރުއްވާފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އިމްރާންވެސް "ވަގުތު" ގެ ސީއީއޯކަމުގެ މަޤާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ހަމަ އެހެންމެ އެ ނޫސް މިހާރު ހިންމުން އަންނަ "ވަގުތު މީޑިއާ ޕްރައިވެޓް ލިމިޓެޑް" ގައި ސީއީއޯގެ މަޤާމުގައި ބޭފުޅަކު ނެތްކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"ވަގުތު" އިން ވިދާޅުވީ، "ޖަޒީރާ" ގައި ހަޤީގަތް އޮޅޭގޮތަށް ޚަބަރު ޝާއިއު ކުރުމާއެކު އެކަމުގެ ހަޤީގަތް އެ ނޫހަށް ސާފު ކޮށްދެއްވާފައިވާ ކަމަށާއި، ނަމަވެސް ޚަބަރު އިސްލާހު ކުރުމަށް "ޝަރުތުތަކެއް" ކޮށްފައިވާތީ، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

"މި ޚަބަރާއި ގުޅިގެން "ވަގުތު" އަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށްވެސް "ވަގުތު" އިން ވަނީ ނިންމާފައި." ރޭ ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

"ވަގުތު" އިން ވިދާޅުވީ، އެ ނޫހާ ބެހޭގޮތުން މީސްމީޑިއާގައި ދޮގު މަޢުލޫމާތު ފަތުރަމުން ގެންދާ ފަރާތްތަކާ މެދުގައި ފިޔަވަޅު އެޅުމަށްވެސް އެ ނޫހުގެ ޤާނޫނީ ޓީމުން ތައްޔާރުވަމުންދާ ކަމަށެވެ.

"އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް "ވަގުތު" އަށް އަދި "ވަގުތު" ގެ މެނޭޖްމަންޓްގައި މަސައްކަތްކުރާ އެއްވެސް ބޭފުޅަކަށް ލިބިފައި ނުވާކަމުގެ ކަށަވަރުކަން "ވަގުތު" ގެ އެންމެހާ ކިޔުންތެރިންނަށް "ވަގުތު" އިން އަރުވަން." ރޭ ނެރުނު ނޫސްބަޔާނުގައި އިތުރަށް ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ލާރި ބެހިކަމަށް ތުހުމަތުކުރާ އެސްއޯއެފްގެ އެކައުންޓުން 155 ފަރާތަކަށް އެކި އަދަދުތަކުން ފައިސާ ފޮނުވާފައިވާކަން އޭސީސީގެ ރިޕޯޓުން ވަނީ ހާމަވެފައެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
31

ހިޔާލު

  1. އިސްމާއިލް

    ޖާޒީރާ ގޮވައިގެން ކޯޓަށް ދިޔާމަ ވާނި ކިހިނެއްބާ

    • އަސްމާ

      ޖަޒީރާ ގޮވާއިގެން ވަގުތުން ކޯޓަށް ދިޔައަސް ނުވާނެ އެއވެސް ކަމެއް.

  2. Hehe

    Thiya hiyaanai hingi iru imraan huri kon magaameh ga tho bunebala? Eyrun thimeehuna e laari nulibeykan saafu vaani ?

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް