ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ލ. ފޮނަދޫ ދާއިރާއަށް ކުރިމަތިލުމަށް ޕީއެންސީގެ ރައީސް، އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.
އެކަން ހާމަކުރުމަށް އަދުރޭ މިއަދު ކުރި ޓްވީޓުގައި ވިދާޅުވީ، ކުރިއަށް އޮތް 19 ވަނަ މަޖިލީހުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއެކު ފޮނަދޫ ދާއިރާއަށް (ފޮނަދު، މާމެންދޫ)އަށް ވާދަކުރުމަށް އީސީއަށް މިއަދު ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ އަދުރޭ، ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް ފުރަތަމަ އިންތިޚާބުވެ ވަޑައިގެންނެވީ 2009 ވަނަ އަހަރު ޕީޕަލް އެލައިންސް (ޕީއޭ) ގެ މެންބަރެއްގެ ގޮތުގައެވެ. ޕީޕީއެމް އުފެއްދުމަށް އޭނާ ޕީޕީއެމް އަށް ސޮއި ކުރައްވާ އެޕާޓީގެ ޓިކެޓްގައި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ވެސް ކާމިޔާބު ކުރެއްވިއެވެ.
ފޮނަދޫ ދާއިރާއަށް މިހާތަނަށް 3 ބޭފުޅަކު ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައި ވެއެވެ. އަދުރޭ ޕީއެންސީގެ ފަރާތުން ފޮނަދޫ ދާއިރާއަށް ނިކުންނަވާއިރު ކުރީގެ ރައީސް މައުމޫންގެ ފަރާތުން އަބްދުﷲ ކަމާލުއްދީން (އޭކޭ) އަދި ޖޭޕީ ކެނޑިޑޭޓް ޒައިމާ އަބްދުﷲ އަށް ވެސް ވަނީ އެ ދާއިރާގެ ޓިކެޓް ދީފައެވެ.



