ފީފާ 20 ގެ ކަވަރުގައި ބޭރުގައި ހަޒާޑު އަދި ވެންޑައިކް

ފީފާ 2020 ގެ ކަވަރުން އަގުބޮޑު ޓްރާންސްފާއެއްގައި ޗެލްސީ ދޫކޮށް ރެއަލްމެޑްރިޑާއި ގުޅުނު ބެލްޖިއަމްގެ އެޑެން ހަޒާޑަށާއި، ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލޭންޑްގެ ޑިފެންޑަރު ވެންޑައިކަށް ފުރުޞަތު ލިބިއްޖެއެވެ.

ހަޒާޑު ފީފާ 20 ގެ ސްޓޭންޑާޑް އެޑިޝަންގެ ބޭރު ކަވަރުގައި ހިމަނާފައިވާއިރު، ވެންޑައިކް ހިމަނާފައިވަނީ ފީފާ ޗެމްޕިއަންސް އެޑިޝަން ކަވަރުގައެވެ.

މީގެއިތުރުން ފީފާ 20 ގެ އަލްޓިމޭޓް އެޑިޝަންގެ ހިމަނާ ކުޅުންތެރިއެއް ފީފާއިން އަދިހާމަކޮށްފައެއްނުވެއެވެ.

މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅުކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހަޒާޑު 100 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުން އިންގްލޭންޑްގެ ޗެލްސީ ދޫކޮށް ސްޕެއިންގެ ރެއަލްމެޑްރިޑާއި ގުޅުނީ މިދިޔަ ޖޫންމަހުއެވެ.

އަދި މިއީ ފީފާ ގޭމްގެ ކަވަރު ބޭރަށް ހަޒާޑުއެރި ފުރަތަމަ ފަހަރެއްވެސްނޫނެވެ. މީގެކުރިން ފީފާ 15 ގެ ބޭރުކަވަރުގައިވެސް ހަޒާޑު ހިމެނިފައިވާއިރު، ޗެލްސީ ޖާޒީއާގައިހުރި ހަޒާޑާއެކު ދެން އެކަވަރުގައި އާޖެންޓީނާގެ ލިއޮނަލް މެސީވެސް ހިމަނާފައިވެއެވެ.

"އީއޭ ސްޕޯޓްސްގެ ފީފާއަކީ މިޕްލެނެޓްގައިވާ ފުޓްބޯޅައިގެ އެންމަ ވަރުގަދަ ގޭމް. އަހަރެން ކޮއްކޮމެނާއެކު އެގޭމްކުޅޭތާ މިހާރު އަހަރުތަކެއްވެއްޖެ." ހަޒާޑު ބުންޏެވެ. މީގެއިތުރުން ފީފާގެ ކަވަރުގައި ހިމެނުމަކީ ލިބުނު ނަސީބެއްކަމަށާއި، ފީފާ 20 ގެ ކަވަރުގައި ހިމެނުމުން ވަރަށް ފަޚުރުވެރިވާކަމަށްވެސް ހަޒާޑުބުނެފައިވެއެވެ.

ނެދަލެންޑެގެ ކެޕްޓަން ވެންޑައިކްއަކީ ފީފާގެ ކަވަރަކުން ފުރުޞަތު ލިބުނު ނެދަލެންޑްގެ ފުރަތަމަ ކުޅުންތެރިޔާއެވެ. ދުނިޔޭގައި މިވަގުތުހުރި އެންމެ މޮޅެތި ޑިފެންޑަރުންގެ ތެރޭގައި ގުނާލެވޭ ވެންޑައިކް ބުނެފައިވާގޮތުން އޭނާ ހަނދާންހުންނަށް ފެށީއްސުރެ ފީފާ ކުޅެމުންއަންނައިރު، ފީފާ 20 ގެ ބޭރު ކަވަރުން ފުރުޞަތު ލިބިގެންދިއުމަކީ ލިބުނު ފަޚުރެކެވެ.

ފީފާ 20 މާކެޓަށް އަންނާނީ ސެޕްޓެމްބަރު 27 ގައެވެ. މިގޭމްގެ ޕީއެސް، އެކްބޮކްސް އަދި ޕީސީ ގޭމްވެސް ނެރުމަށް ހަމަޖެހިފާއިރު، އޮގަސްޓް 5 ގެ ކުރިން މިގޭމަށް ޕްރި އޯޑަރ ކުރާފަރާތްކަށް ޚާއްސަ ފީޗާތަކެއްވެސް ލިބިގެންދާނެކަމަށް ފީފާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް