(ހުކުރު ދުވަހުގެ އަދަދާއި ގުޅޭ)
ސިޓިންގ ރޫމްގައި ޓީވީ އަޅުވައިގެން އިން ނީލް ސިއްސައިގެން ގޮސް ދުއްވައި ގަނެވުނު ގޮތްވެސް ނޭނގެއެވެ. ދިޔަގޮތަށްގޮސް ވިސްނާލުމެއް ނެތި ނޫރީން ކޮޓަރީގެ ފާހަނާ ދޮރުގައި ހިފާ ހުޅުވާލިއެވެ. އެއާއި އެކު ހަޅޭއްލަވައި ގަންނަމުން އަނެއްފަރާތަށް އެނބުރި ދޮރު ލައްޕާލަމުން މޫނުގައި އަތްއެޅިއެވެ.
"ނޫރީން." ނީލްއަށް ނިކަން އަޑުބާރުކޮށް ގޮވާލެވުނެވެ.
"ކިހިނެއްތަވީ؟ ވަދެބަލަ." ނޫރީން އެތެރެއިން ގޮވާލިއެވެ.
"ވަންނާށޭ. ކީއްކުރަން؟ ކޮން ބޭނުމަކު؟ ފުރަތަމަ ހެދުންލާބަލަ." ލަދުން ހަލާކުވާން ގާތްވެފައި ހުރި ނީލް ބުންޏެވެ.
"މަޑުކުރޭ އެބަ ހެދުންލަން." ނޫރީން އަވަސްއަވަސް ކޮއްލަމުން ހެދުން ބޮލުން ވައްޓާލިއެވެ.
ހެދުން ލުމައްފަހު ދޮރު ހުޅުވުމުން ނީލް ފާހާނާ ތެރެއަށް ޖެހިލިއެވެ.
"ކިހިނެއްވީ؟ ކީއްވެގެން މި ބިންދައިގެންދިޔައީ؟" ނީލް އިސްކުރަށް ބަލާލަމުން އަހާލިއެވެ.
"އަހަންނަށް އޭގެން ފެން އަންނަ ގޮތް ނޭނގިގެން ކުޅެނިކޮށް އޭތި ބިންދައިގެން ދިޔައީ. ދެންވެސް ނިކަން ތި ބަންދުކޮއްބަލަ." ނޫރީން ދެރަވެލާފައި ބުންޏެވެ.
ފެން ބަންދުކޮށް އިސްކުރު ބަދަލުކޮއް ނީލް ހެދިއެވެ. ހުރިހާ ކަމެއް ކުރިއިރުވެސް ނޫރީންއަށް ބަލައެއް ނުލައެވެ. އިސްކުރު ހަރުކޮއްފައި މާގަނޑު ދޫކުރާގޮތް ނޫރީންއަށް ކިޔާދިނެވެ. ފްލަޝް ކުރާގޮތްވެސް ކިޔާދިނެވެ. އެހެންކަމުން މިފަހަރު ފެންވަރަން އުނދަގޫކަމަކަށް ނުވިއެވެ. މާގަނޑު ދޫކޮއްގެން މާގަނޑުގެ ދަށުގައި އެތަށް އިރެއް ފުންމަން ހުއްޓެވެ. ސައިބޯނިން ބޮކިއަރުވަން ހުރީއެވެ.
"މީގެން ފެންއަންނަ އިރު ހީވަނީ ހަމަ އަސްލަށްވެސް ވާރޭ ވެހެނީހެން. އަހަރެން ބޭނުމެއް ނޫން ފާހާނައިން ނުކުންނަންވެސް. އަނެއްކާ މިސައިބޯންޏޭ ކިޔާ އެތިންވެސް ހާދަ މީރުވަސް ދުވައޭ. މިކަހަލަ އެއްޗެހި ބޭނުން ކުރާތީ ދޯ އިންސާނުން ގައިން އެހާ މީރުވަސް ދުވަނީ؟" ވެގެންދިޔަ ކަންތައް އަދިވެސް ނީލްގެ ލޯ މައްޗަށް ފެންނަހެން ހީވަނީއެވެ. ލަދުގަންނަނީއެވެ.
"ނޫރީން އަކީ ނަޓެއް މަދު ކުއްޖެއްކަން އެނގެއެއްނު. ކޮންމެހެން އޭނަ ގޮވާލާއިރަށް ދުވެފައި ގޮސް ފާހާނައަށް ވަންނަން ޖެހޭތަ. ދެން ލަދުން ނުކެރޭނެ އެ މަންޖެ ކުރިމައްޗަށް އަރަންވެސް. ހަމަ އެއްގޮތަކަށްވެސް ވިސްނުމެއް ނުހުންނަނީ އޭ އެމަންޖެގެ. ނޫރީންމެންގޭގައި ހަމަ އަސްލަށްވެސް ފާހާނާއެއް ނުހުންނަނީ ބާ؟ އެހާވެސް ފަގީރު އާއިލާއަކުން އައި ކުއްޖެއްބާ؟" ނީލް ވިސްނަމުންދިޔައެވެ.
އެތަށްއިރެއްގައި އިންތިޒާރުގެ ނިމުމަށް އައީ ނޫރީން ފެންވަރައިގެން ނުކުތީމައެވެ. ވަރަށް ހަމަޖެހިލައިގެން ނީލްގެ ގަމީހަކާއި ޖިންސެއް ލައިގެން ނޫރީން ނުކުމެގެން އައެވެ. ކަކުލަށްވުރެ ތިރިއަށް އޮތް ދިގު އިސްތަށިގަނޑުން ފެންތިކިތައް ޖަހަމުން ދިޔައެވެ.
"ނޫރީން ބޮލުގައި ތުވާލި އޮޅާލަބަލަ." ނީލް ބުންޏެވެ.
"ތުވާލި އޮޅާށޭ؟ ކިހިނެއް؟" ނޫރީން ހައިރާންވިއެވެ.
ނޫރީން ގާތަށް ގޮސް ހުއްޓިލަމުން ނޫރީން އަތުން ތުވާލި ނެގިއެވެ. އަދި ހަމޖެހިލާފައި ނޫރީންގެ ބޯ ކުޑަކޮށް ހިއްކަ ދީފައި ތުވާލި އޮޅާލަ ދިނެވެ.
"މިހެން ތުވާލި އޮޅާނީ. ދެން އިރުކޮޅަކުން ތުވާލި ނައްޓާލާ ފުނާއަޅާލާ. އެކަން ކުރަން އެނގޭނެ ކަމަށް މިބަލަނީ." ނީލް ނޫރީންއަށް ބަލާލިއެވެ.
"މަޑުކޮއްބަލަ! ކިހިނެއް ގަމީހުގައި ގޮއް އަޅުވާފައި ތިހުރީ. ތިހެން ގަމީހުގައި ގޮއް އަޅުވައިގެން ނުކުތީމަ މީހުން ބުނާނެ ނާސްތާ ނުކޮށް ގޮށްއަޅުވާފައޭ ތިހުރީ. ތި ރަނގަޅު ކޮއްބަލަ. ނޫރީން. ކުޑަކުދިންނަށްވެސް އެނގޭނެ ތިއަށްވުރެ ރަނގަޅަށް ތިކަންތައް ކުރަން." ނީލްގާތަށް ހިނިއަންނަ ގޮތްވިއެވެ.
"ދެން އަހަންނަކަށް ނޭނގެއޭ. އެނގޭ މީހާ ބުނެދިން ނަމަ ދޯ." ނޫރީން ތުންދަމާލަމުން ސޯފާގައި އިށީންނަމުން ބުންޏެވެ.
އެހެން ބުނުމުން ނީލްއަށް ނޫރީންއަށް އަނެއްކާވެސް ބަލާލެވުނެވެ. ހަމައެއާއި އެކު އަނެއް ފަރާތަށް އެނބުރުނެވެ.
"ހަމަ ރަނގަޅަށްވެސް ތީ ހަންޑިއެއް. އެއްވެސް ޝައްކެއް ވަސްވާހެއް ނެތް ގޮތަށް އަހަންނަށް ޔަގީންވެއްޖެ. ތި ގަމީހުގެ އަޑިން އަދި ޖިންސުގެ އަޑިން އެއްވެސް އެއްޗެއް ލިންތަ؟ މިބުނީ އެޅިންހޭ؟ ނޫނީ ބޭނުންކުރިންހޭ؟ އަރގް. އެނގިއްޖެތަ އަހަރެން ބުނަން މިއުޅޭ އެއްޗެއް؟" ނީލް ލަދުން ހުރެ ވާހަކަ ދެއްކިއެވެ.
"އައިން. ކީކޭ ތިކިޔަނީ؟ ނީލް އަހަންނަށް ދިނީ މި ދޭއްޗެއްނު؟ އިތުރު އެއްޗެއް ނުދެމެންނު؟ ދެން ކޮން އެއްޗެއްގެ ވާހަކައެއް؟" ނޫރީން ހައިރާންވިއެވެ. ނީލް އެބުނާ އެއްޗެއް ނުވިސްނޭ ހާލުގައެވެ.
"ބަލަ އެއީ ފިރިހެން ކުދިން ގެންގުޅޭ އެއްޗެއްސެއް ނޫނެއްނު؟ އެހެން ނޫނަސް ފިރިހެން ކުއްޖަކު އެކަލަ ވާހަކަ އަންހެން ކުއްޖެއްގާތުގައި ދައްކަންވެސް ލަދުގަންނާނެ އެއްނު؟" ނީލް އެހެން ބުނަމުން ބޮލުގައި ދެއަތުން އަތްއަޅާ ހިފަހައްޓާލިއެވެ.
ނޫރީން އެގޮތަށް ހުއްޓާ ނޫރީން ގޮވައިގެން ބޭރަށްދާކަށް ނީލްއަކަށް ނުކެރުނެވެ. އެހެން ކަމުން ދެން ގުޅީ ނީލްގެ އެންމެ ގާތް ރަހުމަތްތެރިޔާ އިހްސާންއަށެވެ.
"ނިކަން ބޮޑު ކަމަކު މި ގުޅީ. އެކަނިތަ އަނެއްކާ؟ ނީލް ފޯނުން ވާހަކަ ދެއްކިއެވެ.
"އަނެއްހެން އެކަނި. ރައިނާ އެބައުޅޭ މިތާ ކައިރީގައި. ކަމެއް ވީތަ؟" އިހްސާން އަހާލިއެވެ.
"ތިވީ އަދި މާ ރަނގަޅަށް. އަހަންނަށް ކޮށްދޭންވީ ކަމަކީ ރައިނާ ގޮވައިގެން މިގެއަށް އައިސް ދޭންވީ. ރައިނާ އަތުގައި ނުލާ ހެދުމެއް އިނިއްޔާ ހިފައިން އަންނާތި. އަދި އަނެއް. ހެދުމުގެ އެތެރޭ ސާމާނުވެސް ބޭނުންވޭ." ލަދުން ހުރެ ނީލް ބުންޏެވެ.
"ނިލް ކީއްކުރާ އަންހެން ހެދުމެއް؟ އެވެސް އަޑީ ސާމާނާއެކު؟ ކީއްކޮއްގެން ތިއުޅެނީ؟" އިހްސާންގާތަށް ހިނިއައެވެ.
"ތިހުރިހާ ވާހަކައެއް ކިޔާދޭނަން އައީމަ. ނިކަން އަވަހަށް އަންނައްޗޭ އިނގޭ." ނީލް އެދުނެވެ.
"މަޑުކޮއްބަލަ. އަޑީ ސާމާނު ގަންނަން ކިހިނެއް ރައިނާއަށް އެނގޭނީ؟ ސައިޒުއެނގޭތަ؟" އިހްސާން ހެމުން ހެމުން ވާހަކަ ދެއްކިއެވެ.
"އެވެސް ތެދެކޭ. އަހަރެން ކިހިނެއް ސައިޒު ބަލާނީ؟" ނީލްއަށް ކުރެވުނީ ސުވާލެކެވެ.
"ނުފެނޭތަ އަދި؟" އިހްސާންގެ ހުނުން ހުއްޓޭކަށް ނޫޅެއެވެ.
"ދެން ނުހީ ހުރެބަލަ. ފެނިފައޭ ހުރީ. އެކަމަކުވެސް.. އެ މަންޖެ ހުންނަނީ ރައިނާ ހުންނަ ގޮތަށް. ހިކިކޮށް. އެ ދިގުމިނުގައި. ރައިނާގެ ސައިޒު ގެނެބަލަ. އެނގިދާނެ އެއްނު." ނީލް ގާތަށްވެސް ހިނި އަންނަގޮތްވިއެވެ.
"އާނ އެބަ ދަން. ރައިނާ ވަރަށް އުފާވާނެ ނީލް އަންހެން ކުއްޖެއް ގޮވައިން އުޅޭ ވާހަކަ ބުނީމަ." އިހްސާން އެހެން ބުނަމުން ފޯނު ބޭއްވިއެވެ.
އިހްސާންއަކީ ނީލް އެރަށަށް އައިފަހުން ލިބުނު ފުރަތަމަ ރަހުމަތްތެރިޔާއެވެ. އެއީ މީގެ ދިހަވަރަކަށް އަހަރު ކުރިއެވެ. އެހެން ކަމުން ދެ މީހުން އެކަކު އަނެކަކު ދެކެނީ އާއިލާގެ ގޮތުގައެވެ. އިހްސާންގެ އަންހެނުން ރައިނާވެސް ނީލް ދެކެނީ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ގޮތުގައެވެ. ޖެހޭ ކޮންމެ ކަމެއްގައި އެކަކަށް އަނެކަކުގެ އެހީތެރިކަން އަބަދުވެސް ލިބެއެވެ.
އިހްސާންއާއި ރައިނާ އަންނާކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. ރައިނާ އައިސް ގެއަށް ވަނީވެސް ހެވި ދިއްލިފައި ހުރެގެންނެވެ.
"ކޮބާ ކޮބާ. މަންޖެ ކޮބާ" ރައިނާ އުފަލުން ދޮރުން ވަންނަމުން އަހާލިއެވެ.
"އެބަ އުޅޭ ކޮޓަރީގައި. ނިކަން އެތެރެއަށް ގޮސް ހެދުންލާންވާ ގޮތް ކިޔާދީ ނިކަން އަންހެނެއްގެ ސިފަ ގެނެސްބަލަ. މިހާރު އުޅެނީ މާ ހަންޑިވެފައި. ބުނަން އިނާ.. ނޫރީންއަށް އަލިފުން ޔާއަށް ކިޔާދޭތި ހަދަންވާ ގޮތް. އަހަންނަކަށް ހިއެއް ނުވޭ އެއްވެސް ކަމެއް އެނގޭހެނެއް" ނީލް ރައިނާއާއި ދިމާއަށް ބުންޏެވެ.
"ހަންޑިއެކޭ. އެ މަންޖެވެސް ދެރަވާނެއެއްނު އެހެން ކިޔަންޏާ. އެންމެ ރަނގަޅޭ. އަހަރެން ހުރިހާ އެއްޗެއް ކިޔާދޭނަން." ނޫރީންއަކީ ކޮން ކުއްޖެއް ކަމެއް ނޭނގޭ ހާލުގައިވެސް ރައިނާ ނޫރީންއާއި އެއްކޮޅަށް ހިފިއެވެ.
"އަވަހަށް ދޭބަލަ. އޭރަށް ނު ތި މަންޖެ އަހަންނަށް ދެން ފެންނާނީ." އިހްސާންވެސް ހުރީ ނޫރީން ދެކިލާހިތުން ކެތްމަދުވެފައެވެ. ވާނީވެސް އެހެންނެވެ. ރަހުމަތްތެރިޔާ އަންހެން ކުއްޖެއްގެ ކަމަކު އުޅުނު މިއީ ފުރަތަމަ ފަހަރެވެ. ނީލްއާއި އިހްސާން މަޑުކޮއްލީ ސިޓިންގ ރޫމްގައެވެ. ރާއިނާ ވަދެ ހުރީ ނޫރީން ކައިރީގައެވެ.
"އަހަންނަކީ ރައިނާ. ނީލްގެ ބެސްޓް ފްރެންޑްގެ އަންހެނުން. ނޫރީން ކިހިނެއްތަ؟ ކޮން ރަށެއްގެ ކުއްޖެއް ތީ؟ ކިހިނެއް ނީލްއާއި ދިމާވީ." ރާއިނާ އޯގާތެރިކަމާއި އެކު ނޫރީންއާއި ވާހަކަ ދެއްކިއެވެ.
"އަހަންނަކީ މިރަށު ކުއްޖެއް. އެކަމަކު ނީލް އެކަމެއް ގަބޫލެއް ނުކުރޭ. އަހަރުމެން ދެމީހުން ދިމާވީ އަތިރި މަތިން. އަހަރެން ދާނެ ތަނެއް ނެތިގެން ކަރުނަ ބާލަން އިންދާ." ނޫރީން ރާއިނާއަށް ކިޔާދިނެވެ.
"ކަރުނަ ބާލަންށޭ؟ ހަހަހަ. ތިބުނީ ރޯންއިންވާހަކަ ދޯ؟" ރާއިނާގާތަށް ހިނިއައެވެ.
"ހޫމް. އެހެން ކަންނޭނގެ." ނޫރީންވެސް ރާއިނާއާއި އެއްކޮށް ހޭންފެށިއެވެ.
"އެންމެ ރަނގަޅު. ހިނގާބަ ނިކަން މި ހެދުންލާން. މިއޮތީ އަހަރެން ނޫރީންއަށް ގެނައި ހެދުން. ދެން މިއޮތީ ބްރާއަކާއި ޖަންޖިޔަލެއް. އެންމެ ފުރަތަމަ މި އެއްޗެހި ލާފައި ދެން މި ހެދުންލާނީ. މީގެ ބުޅިގަނޑު އަޅުވަން ހަދާނީ މިހެން. އަހަރެން މިހުރީ މިތާ އަނެއް ފަރާތަށް އެނބުރިގެން. ނޭނގިއްޖިއްޔާ ބުނެލާ. އޭރަށް އަހަރެން އެހީވާނަން." ރާއިނާ އަންނައުނުތަށް ނަގާ ނޫރީންއަށް ކިޔާދިނެވެ.
ރާއިނާ ކިޔާދިންގޮތަށް ކަންތައް ކުރަން މިފަހަރު ނޫރީންއަށް އުނދަގުލެއް ނުވިއެވެ. ވަރަށް ފަސޭހަކަމާއި އެކު ރާއިނާ ގެނެސްދިން ކުރުތާއާއި ޖިންސުވެސް ލައިފިއެވެ.
"އާޗާ. ނޫރީން ހާދަ ރީއްޗޭ ކުރުތާ ލީމަ. ދެން އަހަރެން ނޫރީން ރީތިކޮއްދޭނަން. ބޭރަށް ދާން ނޫންވީމަ ވަރަށް ކުޑަކޮށް ރީތިވެލާނީ. މޫނުގައި ފުއްކޮޅެއް ޖަހާލާ ލިޕްސްޓިކް ޖައްސާލީމަ އެ ނިމުނީ. އެހެން ނޫނަސް ނޫރީން މޭކަޕް ނުކުރިއަސް ވަރަށް ލޯބި." ރާއިނާ ތައުރީފް ކުރިއެވެ.
"އަސްލުވެސް އަހަރެން ރީތިތަ؟" ނޫރީން އުފަލުން ފޮޅުނެވެ.
ރާއިނާ އޯގާތެރިކަމާއި އެކު ނޫރީންގެ ދިގު އިސްތަށިގަނޑުގައި ތެޔޮލައި ފުނާއަޅާދިނެވެ. މޫނުގައި ފުއްޖަހާ ތުންފަތުގައި ލިޕްސްޓިކް ޖައްސާދިނެވެ.
ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ނީލްއާއި އިހްސާން އެކުއެކީގައި ބަލާލިއެވެ. ފުރަތަމަ ނުކުތީ ރާއިނާއެވެ. ރާއިނާގެ ފަހަތުން ނުކުތީ ނޫރީންއެވެ. ނީލްއަށް އިހްތިޔާރުން ބޭރުގައި ސޯފާއިން ތެދުވެވުނެވެ.
(ނުނިމޭ)
ހިޔާލު
??
Jinni kuhjeh Kan engunyma vaany kihinehba…salhi ingey story
ކޮމެންޓް ކުރުން ބަންދު