ޕްރައިމަރީން ބަލިވިޔަސް މަޖިލީހަށް ވާދަކުރެވޭނެގޮތް ހެދުމަށް ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ ބޭއްވުމަށް ސްޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.
ސްޕްރީމް ކޯޓުން ވިދާޅުވީ، ހ. ތިމާވެށި، ޢަބްދުﷲ ޖާބިރު އަދި ހއ. އިހަވަންދޫ، ޢަންބަރީގެ، އަބްދުލް މާނިއު ހުސެއިން، ދައުލަތުގެ މައްޗަށް ރައްދުވާގޮތަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ، 17 ފެބްރުވަރީ 2019 ވާ އާދިއްތަ ދުވަހުގެ 10:15 ގައި ކަމަށެވެ.
ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭ ގޮތް ހެދުމަށް ސްޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގައި ރައީސްގެ އެންވޯއީ ޖާބިރު ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަތުރުތަށް ގާނޫނު އަސާސީގައި ކަޅާއި ހުދުން ލިޔެވިފައިވާކަމަށާއި ސިޔާސީ ޕާޓީތަކުގައި ގާނޫނު އަސާސީއާއި ހިލާފަށް އިތުރުކޮށްފައިވާ މާއްދާ އުވާލައި، ޕްރައިމަރީން ބަލިވާ ފަރާތްތަކަށްވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލެވޭނެ ގޮތް ހެދުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.
އެމްޑީޕީ ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީސް އިންތިހާބުގެ ޕްރައިމަރީން އަބްދުﷲ ޖާބިރު ވަނީ ނާކާމިޔާބު ވެވަޑައިގަންފައެވެ.