ވޭތުވެދިޔަ ތިން އަހަރު މިތަށި އުފުލާލި ބަޔާން މިއުނިކް ބަލިކޮށް ބޮރޯސިއާ ޑޯޓުމުންޑްއިން ޖަރުމަން ސުޕަރ ކަޕް ކާމިޔާބުކޮށްފިއެވެ.
ސީޒަން ފެއްޓުމުގެ ގޮތުން ޖަރުމަން ކަޕްގެ ޗެމްޕިއަނުންނާއި ލީގު ޗެމްޕިއަން ބައްދަލުކުރާ މިމެޗު ރޭ ކުޅެވުނުއިރު، މިމެޗު ޑޯޓުމުންޑްއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ޑޯޓުމުންޑްގެ ދެލަނޑުވެސް ފެނިގެންގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު މެޗުގެ 48 ވަނަ މިނަޓްގައި އަލްކެސާ ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ސަންޗޯ ކާމިޔާބުކޮށްދިނީ 69 ވަނަ މިނަޓްގައެވެ.
ރޭގެ މެޗުގައި ބަޔާންގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު، ގިނަވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތައް އުފައްދާފައިވަނީވެސް ބަޔާންއިންނެވެ.
އެހެންނަމަވެސް ލަނޑުޖަހަން ލިބުނު ފުރުޞަތުތަކުގެ ބޭނުން ބަޔާނަށްވަނީ ހިފޭގޮތް ނުވެފައެވެ.
"މެޗު ކޮންޓްރޯލްކުރީ އަހަރެމެން. ހެދުނު ދެގޯހެއްގެ ފައިދާނގައި ޑޯޓުމުންޑްއިން ލަނޑުޖެހީ. އަދި މެޗުން ދަށްވުމަށް ދިމާވި ސަބަބަކީ ލިބުނު ފުރުޞަތުތަކުގެ ބޭނުން ހިފޭގޮތްނުވުން" ބަޔާންގެ ކޯޗު ނިކޯ ކޮވަޗް ބުންޏެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޑޯޓުމުންޑްގެ ކެޕްޓަން މާކޯ ރުއީސް ބުނީ، މިއީ ރަނގަޅު ފެށުމެއްކަމަށާއި، މެޗުގައި މާތަފާތު ކުޅުމެއް ޓީމަށް ދެއްކިފައިނުވިނަމަވެސް، ޓީމުގެ ފަރާތުން ފައިދާކުރަނިވި ކުޅުމެއް ފެނިގެންދިޔައިރު މިއީ ޙައްޤު މޮޅެއްކަމަށެވެ.
މިޑޯޓުމުންޑްއިން މިތަށި ކާމިޔާބުކުރި ހަވަނަ ފަހަރެވެ.