a

ޓެކްސީ ޑްރައިވަރުން، ސަރުކާރުގެ ބަލިފައި

ރާއްޖޭގެ އާބާދީގެ ދެބައިކޮށްފައި އެއްބައި ރައްޔިތުން ދިރިއުޅެނީ ވެރިރަށް މާލޭގަޔޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. މިބޮޑު އާބާދީއާއެކު ދަތުރުފަތުރުކުރުމުގެ މުހިންމުކަށްވެސް ބޮޑުވެފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ރާއްޖެތެރެއިން މާލެއަށްދާ ރައްޔިތުމީހާގެ ޖީބަށް ލުއިވާނެ ގޮތަކަށް ޓެކްސީގެ އަގުތައް ހިފެހެއްޓޭތޯ ކެނޑިނޭޅި އަދުގެ ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. ވެރިކަމުގައި މިވީ 8 މަހުގައިވެސް ސަރުކާރަށްވަނީ ޓެކްސީ ޑްރައިވަރުންގެ ސަބަބުން މިމަސައްކަތް ކާމިޔާބުވާގޮތްނުވެފައެވެ.

އެގޮތުން ޓެކްސީގެ ދަތުރުތަކުގެ އަގުތަކަށް ސަރުކާރުން ބަދަލެއް ގެންނަ ކޮންމެ ފަހަރެއްގައި ޓެކްސީ ޑުރައިވަރުންގެ ރުޅިގަނޑު ފަޅައިގެން ދެއެވެ.

ދާދި ފަހަކުން ސަރުކާރުން ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމާއި ގުޅިގެން އަނެއްކާ މިވަނީ ބޮޑު ކުޅިގަނޑެއް ފެށިފައެވެ. މާދަމާއިން ފެށިގެން މި އަގުތަކަށް ދަތުރުތައް ކުރަން ފެށޭނެއެވެ. ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކާއި ހިތްހަމަ ނުޖެހިގެން ޓެކްސީ ޑްރައިވަރުންގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ. މި އުޞޫލާއި ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާ އިން މިއަދު ވަނީ ސިވިލްކޯޓަށް މައްސަލައެއްވެސް ހުށަހަޅައިފައެވެ.

މިދިޔައަހަރުގެ ނޮވެންބަރު މަހު އާސަރުކާރު ހިނގަން ފެށިފަހުން އަބަދުވެސް ޓެކްސީ ޑްރައިވަރުންނާއި ސަރުކާރާއި ދެމެދު ހިތްހަމަ ނުޖެހުން ތަކެއް ފެނިގެން ދެއެވެ. ފުރަތަމަ ސަރުކާރުން ބުރިޖްމަތީ ކުރާ ދަތުރު ތަކުގެ އަގު ކަނޑައެޅުމާއި އެކު މި މައްސަލަ ހޫނުވެ، ސީދާ މިނިސްޓަރ ނަހުލާއާއި ޓެކްސީ ޑްރައިވަރުން ވަނީ މި މައްސަލާގައި ބޮޑެތި ބަހުސްތަކެއް ކޮށްފައެވެ.

އަދި ސަރުކާރުގެ ނިންމުންމާއި ޚިލާފަށް ޓެކްސީ ޑްރައިވަރުން ދިޔައީ އެމީހުންނަށް ފެންނަ އަގުތަކެއް ނަގަމުންނެވެ. ބްރިޖް މަތީ ކުރާދަތުރުގެ އަގުތަކާމެދު ބޮޑު މައްސަލައަކަށް ވެފައިވާއިރު ބައެއް ޑްރައިވަރުން ދިޔައީ ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ނުހަނު އިޙްތިރާމު ކުރަމުންނެވެ. ނަމަވެސް ގިނަ ޑްރައިވަރުން ދިޔައީ ދަތުރު ތަކަށް ބޮޑު އަގުނަގަމުންނެވެ.

މިކަން ތަޖުރިބާ ކޮށްފައިވާ އަޅުގަނޑުގެ ރަހުމަތްތެރިޔަކު ކިޔައިދިން ގޮތުގައި މާލެއިން ޓެކްސީ އެއްގައި ހުޅުމާލެއަށް ދިޔައީ ތިން ކުދިންނެވެ. ތިން ކުދިންވެސް ފޭބީ ހުޅުމާލެ އަށެވެ. ނަމަވެސް ތަފާތު ހިސާބުތަކަށެވެ. އެކުއްޖާ ބުނި ގޮތުގައި އޭނާ އަތުން 100 ރުފިޔާ ނެގިއެވެ. އަދި އޭނާއާއެކު ދަތުރުކުރި އަނެއް ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ އަތުން 100 ރުފިޔާ ނެގި އިރު ތިންވަނަ ކުއްޖާ އަތުން ނަގާފައި ވަނީ 25 ރުފިޔާކަމަށެވެ. ވިސްނާލަންވީ މާލެއިން ހުޅުމާލެއަށް ކުރީ އެންމެ ދަތުރެކެވެ. ދެން ދިޔައީ ހުޅުމާލޭގައި ކުރި ދެ ދަތުރެވެ. ނަމަވެސް ދަތުރުގެ އަގަށް 225 ރުފިޔާ ނެގިއެވެ. މިފަދަ ކިތައްމެ ހާދިސާތަކެއް ހިނގާފައި ވާނެކަން ޔަޤީނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އަލަށް ކަނޑައެޅި އުޞޫލާއި ގުޅިގެން މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރުތައް ކުރެވޭނެ އެންމެ ބޮޑު އަގުގެ ގޮތުގައި މިނިސްޓްރިއިން ކަނޑައަޅާފައިވަނީ 75 ރުފިޔާއެވެ. އެގޮތުން މާލެއާއި ހުޅުލެ އާއި ހުޅުލެއާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށް ނެގުމަށް ކަނޑައަޅާފައިވަނީ 60 ރުފިޔާއެވެ. އަދި މާލެއާއި ހުޅުމާލެއާއި، އަދި ހުޅުމާލެއާއި މާލެއާ ދެމެދު ކުރާ ދަތުރުތަކަށް ނެގުމަށް ކަނޑައަޅާފައިވަނީ 75 ރުފިޔާއެވެ. މާލެ އާއި ހުޅުމާލޭގެ އެތެރޭގައިކުރާ ދަތުރުތަކަށް ނެގޭނީ 25 ރުފިޔާއެވެ. މި އުޞޫލުގައި ވާގޮތުން ޓެކްސީގެ ޑިކީއަށް ދާގީނާ އެރުވިޔަސް މި އަގުތަކަށްވުރެ އިތުރަށް އަގު ނެގުމަކީ މަނާކަމެކެވެ.

މީގެ އިތުރުން މި އަގުތަށް ކަނޑައަޅާފައިވަނީ ރައްޔިތުންނާއި ޓެކްސީ ޑްރައިވަރުންނާއި މަޝްވަރާކުރުމަށްފަހު، އެންމެ އެކަށީގެންވާ އަގެއް ބެލުމަށް ފަހުކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި އޮންލައިން އެޕްލިކޭޝަން ބޭނުންކުރުމަށް ހަމަޖައްސާފައެވެ. އެއީ "އަވަސް ރައިޑް" އާއި "ޕިކްމީ" އަދި "އެއައީ" އެޕްލިކޭޝަނެވެ.

1200 ޓެކްސީ މާލޭގައި ޚިދުމަތް ދެމުންދާއިރުވެސް އަބަދުވެސް އޮންނަނީ ދަތުރެއް ކޮއްލާނެ ޓެކްސީއެއް ނުލިބިފައެވެ. މިއީ އަބަދާ އަބަދު ރައްޔިތުންގެ ޝަކުވާއެއްވެސް މެއެވެ. ޚާއްސަ ކޮށް އަތޮޅު ތެރެއިން މާލެއަށް ދާ ގިނަ ފަރާތްތަކަށް މި އުނދަގުލާ ކުރިމަތިލާން ޖެހެއެވެ.

ކޮންމެއަކަސް ޓެކްސީ ޑްރައިވަރުންގެ މި ނުތަނަވަސްކަން ވާނީ ސަރުކާރަށް ކުރިމަތިވާ ވަރަށް ބޮޑު ފިއްތުމަކަށެވެ. މީގެ ކުރިންވެސް ގަދަ ވެފައި އޮތީ ޓެކްސީ ޑްރައިވަރުންކަމަށް ވީމައެވެ. މި ފަހަރުވެސް އެ ގޮތުގައި ޓެކްސީ ޑްރައިވަރުން މި އުޞޫލާއި ދެކޮޅަށް ނުކުންނާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް