ދިވެހިރާއްޖޭޣެ މާޒިޔާ ޔޫތު ޓީމުން އިންޑީއާގައި ކުރިއަށްދިޔަ 14 އަހަރުން ދަށުގެ އިންޓަނޭޝަން ކަޕް އޮފް ޖޯއީ ޔޫތު މުބާރާތް ކާމިޔާނުކޮށްފިއެވެ.
މިއަދު ކުޅެވުނު މުބާރާތުގެ ފައިނަލްގައި މާޒިޔާގެ ޔޫތު ޓީމުން ބެންގަލޫރުގެ އެފްއޭއާ ދެކޮޅަށް ނުކުތްއއިރު، އެމެޗު މާޒިޔާ ޔޫތު ޓީމުން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
މާޒިޔާ އަކީ މިފަދަ މުބާރާތެއްގައި ބައިވެރިވި ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ނިސްބަތްވާ ފުރަތަމަ ކްލަބުކަން ފާހަގަކޮށްލެވޭއިރު، އެކްލަބުން މިމުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްފައެވެ. އެކްލަބު ބަލިވެފައިވަނީ މުބާރާތުގެ ފުރަތަމަ މެޗުންނެވެ. ރިލަޔަންސް އެކެޑެމީއާ ބައްދަލުކޮށް މާޒިޔާ އެމެޗުން ދަށްވީ 2-1ގެ ނަތީޖާއަކުންނެވެ.
ދެވަނަ މެޗު ފަސްޓް ކިކް އެސްއެސްއޭއާ ވާދަކޮށް 6-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ތިންވަނަ މެޗު އެކްލަބަށްލިބުނީ ބައްދަލުކުރަންޖެހޭ ސްޕޯޓްޒް ނޭޝަން ދަނޑަށް ހާޟިރުވެފައިނުވުމުންނެވެ.
އަދި މުބާރުގައި ފައިނަލަށް މާޒިޔާ ޔޫތު ޓީމު ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގައި ޗެންނާއިޔެން އެފްސީގެ މައްޗަށް 2-1ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.