ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
މިއިސްލާޙާއިއެކު އިތުރު 02 ޤާނޫނާކަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ 2 ބިލެއް ރައީސްވަނީ މިއަދު ތަޞްދީޤު ކުރައްވާފައެވެ.
ރައީސް މިއަދު ތަޞްދީޤު ކުރެއްވި އަނެއް ދެބިލްތަކަކީ، މިއަހަރުގެ ޖުލައި މަހުގެ 24 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރެއްވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނަށް 2 ވަނަ އިޞްލާޙުގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ.
މިއަދު ތަޞްދީޤުކުރެވުނު، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނައި 5 ވަނަ އިޞްލާޙާއެކު ފަރުޟް ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން އެ އަހަރަކު ޙައްޖަށް ދިޔުމަށް ދައްކަންޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ޢަދަދަށްވާ ފައިސާގެ 80 އިންސައްތަ ދޫކުރެވޭގޮތަށް ހަމަޖެހިގެންދާނެއެވެ.
މިއަދު ތަޞްދީޤު ކުރެވުނު ތިންބިލުވެސް މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.