ރާއްޖޭގެ ކާމިޔާބު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ކޯހުގައި ބައިވެރިވެއްޖެއެވެ.
އޭ ލައިސަންސް އަށް ފަހު ދެން ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސް ކޯހުގެ ފުރަތަމަ ބައި ފުރިހަމަކުރަން މޯހަން މިވަގުތު ހުރީ ތައިލެންޑުގަ އެވެ. އަދި މިކޯސް ނިމޭނީ އަންނަ އަހަރުގެ ޖުލައި މަހުގައިކަމަށްވެއެވެ.
މިކޯސް މިހާތަނަށް ފުރިހަމަކޮށްފައިވާ ހަމައެކަނި ދިވެހި ކޯޗަކީ މުހައްމަދު ޝާޒްލީ އެވެ. އެކަމަކު އޭނާ އަށް އަދި ލައިސަންސް ސެޓްފިކެޓް ނުލިބެ އެވެ.
މޯހަން ލިބުނު މިފުރުޞަތު އެފްއޭއެމް މެދުވެރިކޮށް ލިބިފައިވާއިރު އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) އަށް މޯހަން ޝުކުރުއަދާކޮށްފައިވެއެވެ.
1997 އިން 2008 އަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި މޯހަން ފާހަގަ ކޮށްލެވެނީ ރަސްމީކޮށް ފުޓްބޯޅަ ނުކުޅެ ކޯޗިން ދާއިރާއަށް ނިކުތް މަދު ދިވެހިންގެ ތެރެއިން އެންމެ ކާމިޔާބު ކޯޗުގެ ގޮތުގައެވެ.
ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި މޯހަންގެ ބޮޑު ހިއްސާއެއް އޮތްއިރު ކްލަބް ނިއު ރޭޑިއަންޓަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވެއެވެ. މޯހަންގެ ކޯޗިން ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ އެއްވެސް މެޗަކުން ބަލިނުވެ ނިއު އަށް 2012 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދިނުމެވެ.