ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޭމާގެ ލޯޔަރު ބާސެލޯނާގެ އޮފީހަށް މިއަދު ވަދެއްޖެއެވެ.
ނޭމާގެ ލޯޔަރު ޖުއާން ޑި ޑިއޮސް ކްރެސްޕޯއަކީ 2017 ވަނަ އަހަރު ޕީއެސްޖީއަށް ނޭމާ ގެންދިއުމަށް ބާސެލޯނާއާއެކު މަޝްވަރާތައް ކުރުމަށް ބާސެލޯނާގެ އޮފީހަށް އައި ލޯޔަރެވެ.
އެހެން ނަމަވެސް މިއަދުގެ ބައްދަލުވުމަކީ ނޭމާއާއި ބެހޭ ބައްދަލުވުމެއް ނޫންކަމަށް ކްރެސްޕޯވަނީ ބުނެފައެވެ.
"އެހެން ކްލައިންޓަކަށް. ޕީއެސްޖީއާއި ގުޅޭ އެއްވެސް ކަމަކާއި މިއަދު މަޝްވަރާ ނުކުރެވޭ." ކްރެސްޕޯ ބުންޏެވެ.
ކްރެސްޕޯއަކީ ފުޓްބޯޅައިގެ ފާހަގަކޮށްލެވޭ ލޯޔަރެކެވެ. 2014 ވަނަ އަހަރު ކުޑަކުދިން ތަކެއްގެ ސޮއި ޤަވާޢީދާއި ޚިލާފަށް ބާސެލޯނާއިން ހޯދަފައިވާކަމަށްބުނެ ފީފާއިން ޖެއްސި މައްސަލާގައި ކްރެސްޕޯވަނީ ބާސެލޯނާގެ ވަކީލެއްގެ ގޮތުގައި ވަކާލާތުކޮށްފައެވެ. އަދި އެދަޢުވާވަނީ ބާސެލޯނާއަށް ކާމިޔާބުވެފައެވެ.
ނޭމާއާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކުރެވެމުން އަންނައިރު، ނޭމާ ބާސެލޯނާއަށް އެނބުރި އަންނަން ބޭނުންވާކަމަށް ނޭމާ ބުނެފައިވާކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
ފްރެންޗް ލީގު 1 ރޭ ފެށިފައިވާއިރު، ނޭމާ ނުހިމަނައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގައި ނިމެސްއާއި ބައްދަލުކޮށް ޕީއެސްޖީ މޮޅުވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
އެމެޗުގެ ލަނޑުތައް ކަވާނީ، އެމްބާޕޭ އަދި ޑިމާރިއާ ޖަހާދީފައިވާއިރު، ނޭމާއާއި ދެކޮޅު މެސެޖުތަކާއެކުހުރި ބައެއް ސަޕޯޓަރުން ދަނޑުވަށައިގެން ހުރިތައްވަނީ ފެނިގެންގޮސްފައެވެ.
ނޭމާގެ ކުރިމަގު އޮތް ކްލަބެއް އަދިވެސް ޔަޤީންނުވާއިރު، ގިނަ ސަޕޯޓަރުން އަދިވެސްހުރީ ސުވާލުތަކެއްގެ ތެރޭގައެވެ.




