ޕެނަލްޓީން ޗެލްސީ ބަލިކޮށް، ލިވަޕޫލް ސުޕަކަޕް ކާމިޔާބުކޮށްފި

ރޭ ކުޅުނު ޔޫއެފާ ސުޕަ ކަޕް މެޗުގައި ޗެލްސީ ބަލިކޮށް ލިވަޕޫލް ތަށި އުފުލާލައިފިއެވެ.

ޓާކީގެ އިސްތަންބުލްގައި ކުޅެވުނު މިފޯރިގަދަ މެޗުގަ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހާފައިވަނީ ޗެލްސީންނެވެ. ޕުލިސިޗްގެ ޕާހަކުން ޖިރޫޑް ކާމިޔާބުކޮށްދިން މިލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 36 ވަނަ މިނަޓްގައެވެ. އަދި ފުރަތަމަ ހާފު ނިމިގެން ދިޔައީ ޗެލްސީ ކުރީގައި އޮވެގެންނެވެ.

ޖިރޫޑް ލަނޑު ޖަހަނީ - ފޮޓޯ: އީއެސްޕީއެން

ދެވަނަ ހާފަށް ކުޅެއް ނުކުމެ ރަނގަޅަށް މެޗަށް ނުވަދެވި އުޅެނިކޮށް ލިވަޕޫލުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ 48 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު މާނޭ ކާމިޔާބުކޮށްދިންއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފު ކުޅެން ނުކުތް ފިރްމީނޯވަނީ އެލަނޑު ޖެހުމުގައި ބޮޑު އެހީތެރިކަމެއްވެފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ކުން ދެޓީމު އެއްވަރުވެގެންނެވެ. އެހެންކަމުން ނަތީޖާނެރުމަށް 15 މިނަޓްގެ އިތުރު ވަގުތުގެ ދެހާފު ކުޅުނެވެ.

މީގެ ތެރެއިން ފުރަތަމަ ހާފުގައި މާނޭ ލަނޑެއްޖަހައި ފުރަތަމަ ފަހަރަށް ލިވަޕޫލަށް ލީޑުނަގައިދިނެވެ. މިރީތި ހިތްގައިމު ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 95 ވަނަ މިނަޓްގައެވެ. އަދި އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީއިންވެސްވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ މިލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 101 ވަނަ މިނަޓްގައެވެ.

މާނޭ ޖެހި ފުރަތަމަ ލަނޑު - ފޮޓޯ: ފޮކްސް

އިތުރު ވަގުތުގެ ދެވަނަ ހާފުގައި އިތުރު ލަނޑެއް ނުފެނި މެޗުގެ ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

އެހެންކަމުން ނަތީޖާ ނެރުމަށް ދެންޖެހުނީ ޕެނަލްޓީޖަހާށެވެ. ލިވަޕޫލުންޖެހި ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފައިވާއިރު، ޗެލްސީއަށް ކާމިޔާބު ކުރެވިފައިނުވަނީ އެކްލަބުގެ ޒުވާން އަބްރަހަމް ފޮނުވާލި އެކްލަބުގެ ފަސްވަނަ ޕެނަލްޓީއެވެ.

ރޭގެ މެޗުގައި ރެފްރީކަން ކޮށްފައިވަނީ ފްރާންސްގެ އަންހެން ރެފްރީއެއްކަމަށްވާ ސްޓެފަނީ ފްރެޕާޓެވެ. މިއީ ފިރެހެނުން ކުޅޭ މިފެންވަރުގެ މެޗެއްގައި އަންހެނަކު ރެފްރީކަންކުރި ފުރަތަމަ ފަހަރެވެ. ރޭގެ މެޗު ރެފްރީގެ އިތުރުން ލައިންސްމަނުންނާއި ބަދަލު ރެފްރީގެ ގޮތުގައިވެސް ހަރަކާތްތެރިވެފައިވަނީ އަންހެން އޮފިޝަލުންނެވެ.

ރޭގެ މެޗުގެ ރެފްރީ ސްޓެފަނީ ފްރެޕާޓް - ފޮޓޯ: ފޮކްސް

ރޭގެ މެޗުން މޮޅުވެ މިއަހަރުގެ ޔޫއެފާ ސުޕަކަޕް ލިވަޕޫލް ކާމިޔާބުކޮށްފައިވާއިރު، މިއީ ލިވަޕޫލް މިތަށި ކާމިޔާބުކުރި 4 ވަނަ ފަހަރެވެ. ޗެލްސީވަނީ ސުޕަކަޕްގައި އެންމެފަހުން ކުޅުނު ތިން ފަހަރުވެސް ދަށްވެފައެވެ. އެއީ 2012، 2013 އަދި 2019 ވަނަ އަހަރުއެވެ.

ޔޫއެފާ ސުޕަކަޕަކީ ޔޫއެފާގެ ސީޒަން ފެށުމުގެ ގޮތުން އަހަރަކު އެއްފަހަރު ކުޅެވޭ މެޗެކެވެ. މިމެޗުގައި ބައްދަލުކުރާނީ ނިމުނު ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމާއި، ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކުރި ޓީމެވެ. ނިމުނު ސީޒަންގެ ޗެމްޕިއަންސް ލީގު ލިވަޕޫލް ކާމިޔާބުކޮށްފައިވާއިރު، ޔޫރޮޕާ ލީގު ކާމިޔާބުކުރީ ޗެލްސީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް