ރެފްރީ ރާމޯސްއަށް ރަތްކާޑު ދައްކަނީ - ފޮޓޯ: ގޯލް.ކޮމް

ލަލީގާ - ރާމޯސްގެ 25 ވަނަ ރަތްކާޑު، ރެއަލް އަމިއްލަ ދަނޑުގައި ބަލި

ޖިރޯނާ އަތުން ބަލިވެ، ތާވަލްގެ ދެވަނައަށް އެރެން އޮތް ފުރުޞަތު ރެއަލްއިން ނަގާލައިފިއެވެ.

އިއްޔެ ހަވީރު ރެއަލްގެ އަމިއްލަ ދަނޑުގައި ޖިރޯނާއާ ބައްދަލުކޮށް 1-2 ނަތީޖާއަކުން ރެއަލް ބަލިވިއިރު، ރެއަލްގެ މައްޗަށް ޖިރޯނާ ކުރިހޯދީ ރެއަލް ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެލަނޑު ޖަހައިގެންނެވެ.

ޓޯނީ ކުރޫސްގެ ހުރަހަކުން ބޮލުން ލަނޑެއްޖައި ކަސެމީރޯ ރެއަލްއަށް މެޗުގެ 25ވަނަ މިނަޓްގައި ލީޑު ނަގައިދިނެވެ. މެޗުގެ އިތުރަށް ލީޑު ފުޅާކުރަން ރެއަލްއަށް ފުރުޞަތު ލިބިގެން ދިޔައިރު ކަރިމް ބެންޒެމާއާއި މާކަސް އެސެންސިއޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ޖިރޯނާއިން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 65ވަނަ މިނަޓްގައެވެ. މިލަނޑު ރާމޯސް އަތުގައި ޖެހުމުން ލިބުނު ޕެނެލްޓީން ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ސުޓުއާނީއެވެ. އަދި އޭގެ 10 މިނެޓްފަހުން ޖިރޯނާއިން އިތުރު ލަނޑެއްޖައި މެޗުގެ ނަތީޖާ ޖިރޯނާ ކޮޅަށް އަނބުރާލިއެވެ. 75ވަނަ މިނަޓްގައި ޕޯޓު މިލަނޑު ޖަހައިދިނީ ޑައިވިން ހެޑަރއަކުންނެވެ.

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ރާމޯސްއަށް ރަތް ކާޑު ދެއްކީ އޯވަހެޑެއް ޖަހަން މަސައްކަތް ކުރުމުގެ ތެރޭގައި ޖިރޯނާ ކުޅުންތެރިންތެރިޔަކު ބޮލުގައި ބޫޓުން ޖެހުމުން ރެފްރީ ދެއްކި ދެވަނަ ރީނދޫކާޑާއެކުގައެވެ. މިއީ ކެރިއަރުގައި ރާމޯސްއަށް ދެއްކި 25 ވަނަ ރަތްކާޑެވެ. އަދި ލަލީގާގައި ދެއްކި 19 ވަނަ ރަތްކާޑެވެ.

ރާމޯސްއަށް އިތުރު ރަތްކާޑެއް ދައްކާފައި މިވަނީ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި އަޔެކްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތްކާޑުގެ މައްސަލަ ޔޫއެފާއިން ތަޙުޤީގުކުރަމުންދާ ދުވަސްވަރެއްގައެވެ.  

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ