ސުއަރޭޒް އެނބުރި އަޔޭކްސްއަށް އަންނާނެ - ސްވާޓް

ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއާއީގެ ފޯވާޑު ލުއިސް ސުއަރޭޒް އެނާ ކުރިން ކުޅުނު ކްލަބު ނެދަލެންޑްގެ އަޔޭކްސްއަށް އެނބުރި އަންނާނެކަމަށް އެކްލަބުގެ ލެޖެންޑް ޖާކް ސްވާޓް ބުނެފިއެވެ.

ސުއަރޭޒްވަނީ އޭނާގެ ކެރިއަރުގެ ކުރީކޮޅު އަޔޭކްސްގައި 4 އަހަރު ހޭދަކޮށްފައެވެ. މިދުވަސްތަކުގައި އަޔޭކްސްއަށް 111 ލަނޑު ކާމިޔާބުކޮށްދިން ސުއަރޭޒްވަނީ އަޔޭކްސްއާއެކު ނެދަލެންޑްގެ ލީގު އެއްފަހަރު ކާމިޔާބުކޮށްފައެވެ.

އަޔޭކްސް ދޫކޮށް އިންގްލޭންޑްގެ ލިވަޕޫލާއި ސުއަރޭޒް ގުޅުނީ 2011 ވަނަ އަހަރުއެވެ.

ސުއަރޭޒްގެ ހިތުގައި އަޔޭކްސްއަށް ޚާއްސަ މަޤާމެއް ދެވިފައިވާކަން ޔަޤީންވެގެންދަނީ ދާދިފަހުން އޭނާ ކުރި ޓްވީޓުންނެވެ. އަޔޭކްސް އޭނާއަށް ހުރިހާ ގޮތަކުން އެހީތެރިވެދީފައިވާކަމަށް ސުއަރޭޒްގެ މިޓްވީޓުގައިވެއެވެ.

"ސުއަރޭޒް އަޔޭކްސްއަށް އަންނަށް ބޭނުންވާހެން އަހަންނަށް ހީވޭ. އޭނާ އެނބުރި އަންނާނެ. އެކަމު އަދި އެއީ ކޮންދުވަހަކުންކަމެއް ނޭނގޭ" ސްވާޓް ބުންޏެވެ.

ސްޕެއިންގެ ބާސެލޯނާއަށް މިހާރު ކުޅެމުން އަންނަ ސުއަރޭޒް މިހާރު ކުޅެމުންދަނީ އެކްލަބުގެ ޖާޒީގައި ކުޅޭ ހަވަނަ ސީޒަންއެވެ. އުމުރުން 33 އަހަރުގެ ސުއަރޭޒް ބާސެލޯނާގައި މިހޭދަކުރި ދުވަސްވަރުގައި ކޮންމެ ސީޒަނެއްގައި މަދުވެގެން 25 ލަނޑު އެކްލަބަށް ކާމިޔާބުކޮށްދީފައިވެއެވެ. އަދި ބާސެލޯނާއާއެކު ސުއަރޭޒްވަނީ އެއް ޗެމްޕިއަންސް ލީގު، ހަތަރު ލަލީގާ، 4 ކޮޕަޑެލްރޭ، ތިން ސްޕެނިޝް ސުޕަރ ކަޕް، ދެ ކްލަބު ވޯލްޑް ކަޕް އަދި އެއް ޔޫއެފާ ސުޕަރ ކަޕްގެ އިތުރުން 15/16 ސީޒަންގައި ލަލީގާގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.

މިސީޒަންގެ ލަލީގާގައި ރޭ ކުޅުނު ފުރަތަމަ މެޗުން އެތުލެޓިކޯ ބިލްބާއޯއާއި ބައްދަލަކޮށް ބާސެލޯނާވަނީ 1-0 ގެ ނަތީޖާއަކުން ދަށްވެފައެވެ. އަދި މިއީ ދިހަ އަހަރަށް ފަހު ލީގުގެ ފުރަތަމަ މެޗުން ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ. ރޭގެ މެޗުން ސުއަރޭޒަށް 40 މިނަޓް ކުޅެން ލިބިފައިވާއިރު ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާވަނީ ބަދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް