މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ސަންޗޭޒް އިންޓަރ މިލާންއާއި ގުޅެނީ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް، އެކްލަބު ދޫކޮށް އިޓަލީގެ އިންޓަރ މިލާންއާއި ގުޅެން އެއްބަސްވެއްޖެކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އާސެނަލް ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީމަހު މެންޗެސްޓާ ޔުނައިޓެޑާއި ގުޅުނު ސަންޗޭޒަށް އެކްލަބުގައިވަނީ އެދެވޭ ކުޅުމެއް ދެއްކޭގޮތް ނުވެފައެވެ. ސަންޗޭޒް މިހާތަނަށް ޔުނައިޓެޑަށް 45 މެޗު ކުޅެދީފައިވާއިރު، ކާމިޔާބުކޮށްދެވިފައިވަނީ އެންމެ ފަސް ލަނޑެވެ.

ޔުނައިޓެޑުން ސަންޗޭޒް އެކްލަބަށް ގެނެސްފައިވަނީ ބޮޑު ޚަރަދެއްކޮށްފައެވެ. އެގޮތުން އެކްލަބުން ސަންޗޭޒަށް ހަފްތާއަކު 500،000 ޕައުންޑްގެ މުސާރައެއް ދެއެވެ. ސަންޗޭޒްގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެންނައިރު، އޭނާ ވިއްކާލަށް ޔުނައިޓެޑުން އެންމެ ބޮޑަށް ބޭނުންވާ ސަބަބަކީވެސް މިއީއެވެ.

އަނެއްކޮޅުން ޔުނައިޓެޑާއި ގުޅުނުފަހުން ސަންޗޭޒަށްވަނީ އަނިޔާގެ ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ.

ރިޕޯރޓްތައް ބުނާގޮތުން ދެކްލަބުގެ ދެމެދު މަޝްވަރާކުރުމަށް ސަންޗޭޒްގެ ލޯޔަރުން މިހާރު ހުރީ މެންޗެސްޓާ ޔުނައިޓެޑްގައެވެ.

މަޢުލޫމާތު ލިބޭގޮތުގައި އިންޓަރ މިލާނުން ލޯނު އުޞޫލުން ސަންޗޭޒް އެކްލަބަށް ގެންދަން މަސައްކަތްކުރަނީ އޭނާ ގަނެވޭ ގޮތަށެވެ.

ސަންޗޭޒް އިންޓަރ މިލާންއަށް ދިއުމަށް އެއްބަސްވެފައިވާކަމުގެ ރިޕޯރޓްތައް ފެތުރިފައިވާއިރު ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާވަނީ ސަންޗޭޒް ދިފާޢުކޮށް ދާދިފަހުން ވާހަކަ ދައްކާފައެވެ.

"އެލިކްސިސްއަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއް. އޭނާ މިކްލަބުގެ ސްކޮޑުގައި ހިމެނުމަށް ކޮންމެ ދުވަހަކު ވަރަށް ބުރަކޮށް މަސައްކަތްކުރޭ. އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް." ސޯލްޝެއާ ބުންޏެވެ.

ދާދިފަހުން ޔުނައިޓެޑުންވަނީ އެކްލަބަށް ކުޅެމުންއައި ބެލްޖިއަމްގެ ފޯވާޑު ރޮމެލޫ ލުކާކޫވެސް އިންޓަރ މިލާންއަށް ވިއްކާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ