ޝަރީއަތް ނިމެންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާނީ ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި އިސް ގާޒީ އަހުމަދު ހައިލަމްއެވެ.
އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލިފައިވާ މަނީ ލޯންޑަރިންގްގެ މައްސަލައާއި ގުޅިގެން، ހެކިންގެ މައްޗަށް ނުފޫޒު ފޯރުވަފާނެކަމުގެ ތުހުމަތުގައެވެ.
މި އަމުރާއެކު ރައީސް ޔާމީން ކްރިމިނަލް ކޯޓުން ސީދާ ގެންދެވޭނީ ފުލުހުންގެ ބެލުމުގެ ދަށަށެވެ.