މެންޗެސްޓާ ޔުނައިޓެޑުގެ މެދުތެރެއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ޕައުލް ޕޮގްބާ އެކްލަބުގައި މަޑުކުރާނެކަމަށް ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.
ޕޮގްބާ ޔުނައިޓެޑްގައި މަޑުކުރާނެކަމަށް ސޯލްޝެއާ ބުނެފައިމިވަނީ އޭނާ އެހެން ކްލަބަކަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތައް މީޑިއާތަކުގައި ރިޕޯޓްކުރެވެމުންދާ ދުވަސްވަރެއްގައެވެ. އެގޮތުން ސްޕެއިންގެ ރެއަލްމެޑްރިޑާއި އިޓަލީގެ ޔުވެންޓަސް ޕޮގްބާއަށް ޝަޢުޤުވެރިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
"ރަނގަޅު ޕޮގްމާއާމެދު ސުވާލު އުފެދޭ. އަބަދުވެސް ސުވާލު އުފެދޭ. އެކަމު އަހަރެން އެކަމާ އަޅައެއް ނުލަން. އޭނާ ކްލަބުގައި މަޑު ކުރާނެ." ސޯލްޝެއާ ބުންޏެވެ.
މިސީޒަންގެ ޕްރިމިއަ ލީގުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި ޕޮގްބާވަނީ 90 މިނަޓް ހަމަކޮށްފައެވެ.
ޗެލްސީއާއި ދެކޮޅަށް ކުޅުނު އެމެޗު ޔުނައިޓެޑް ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި ޕޮގްބާގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެމެޗުގައި ޔުނައިޓެޑަށް ލަނޑުތައްޖަހައިދިނީ ރަޝްފޯޑް، މާޝިއާލް އަދި ޑެނިއަލް ޖޭމްސްއެވެ. ރަޝްފޯޑްވަނީ އެމެޗުގައި ދެލަނޑުޖަހާފައެވެ.
ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކުޅޭ ދެވަނަ މެޗުގައި ވޯލްވްސްއާ ދެކޮޅަށް މިރޭ ނުކުންނައިރު، ވޯލްވްސް ދަނޑުގައި ކުޅޭ އެމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެވެ.