ނެއްލައިދޫ ކައުންސިލް ކަޕު 2019 ގައި އިއްޔެ ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ބައެއް ކުޅުންތެރިންނާއި ޓީމުތައް ޖޫރިމަނާކޮށް ސަސްޕެންޑް ކޮށްފިއެވެ.
އިއްޔެ އެރަށުގައި ކުރިއަށްދިޔަ މިމުބާރާތުގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި ހަމަނުޖެހުން ހިނގާފައިވަނީ އެއްކޮޅުން ކުޅުނު އެފްސީ ފްރެންޑްސްއިން ޖެހި ދެވަނަ ލަނޑާއެކުގައެވެ. މިލަނޑު ޖަހާފައިވަނީ އެޓީމަށް ލިބުނު ހިލޭޖެހުމެއް ކީޕަރު ދިފާޢުކުރަށް އުޅުމުގެ ތެރޭގައި އޭރިއާ ތެރެއަށް ވެއްޓުނު ވަގުތު ކައިރީ ހުރި ފްރެންޑްސްގެ ކުޅުންތެރިޔާއެވެ. ހަމަ އެވަގުތު އެކުޅުންތެރިޔާ ހުރީ އޮފްސައިޑްގައި ކަމަށްބުނެ ދުންމާރި ޓީމުގެ ކުޅުންތެރިންވަނީ ރެފްރީއަށް އެޕީލްކޮށްފައެވެ.
އެއާއެކު ދެޓީމުގެ ކުޅުންތެރިންގެ ދެމެދުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއެކު، ރެފްރީއަށާއި ކުޅުންތެރިންނަށްވެސް ހަމަލާދީފައިވާކަމުގެ މަޢުލޫމާތުވެސްވަނީ ލިބިފައެވެ.
ހަމަނުޖެހުން ހިނގައި އެމެޗު އެހިސާބުން ނިންމާލާފައިވާއިރު، ކުޅެމުން ދިޔައީ އިތުރު ވަގުތަށް ދެއްކި 5 މިނެޓުގެ ތެރެއިންވެސް ފަހު ދެ މިނެޓުގެ ކުޅުމެވެ. އިއްޔެ މެޗު ނިމުނީ 2-1 ގެ ނަތީޖާއަކުން އެފްސީ ދުންމާރީގެ މައްޗަށް އެފްސީ ފްރެންޑްސް ކުރި ހޯދައިގެންނެވެ.
އިއްޔެ ހިނގާދިޔަ ހާދިސާތަކާއި ގުޅިގެން އެފްސީ ދުންމާރިއަށް 5000 ރުފިޔާގެ ޖޫރިމަނާއެއް އައިސްފައިވާއިރު، އެފްސީ ފްރެންޑްސްއަށްވަނީ 2000 ރުފިޔާގެ ޖޫރިމަނާއެއް އައިސްފައެވެ. އަދި މީގެ އިތުރުން އެފްސީ ދުންމާރީގެ އަލީ ޝާމިލާއި އަހުމަދު ރަޝީދު ކޮންމެ ކުޅުންތެރިއަކު 500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، މުބާރާތް ނުކުޅެވޭ ގޮތަށް މިތިން ކުޅުންތެރިންނަށް 3 އަހަރުގެ ސަސްޕެންސަންއެއްވަނީ އައިސްފައެވެ.
މިމުބާރާތުގެ ފައިނަލް މެޗު މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، އެމެޗުގައި އެއްކޮޅުން ފްރެންޑްސް ބައްދަލުކުރާއިރު އަނެއްކޮޅުން ނުކުންނާނީ ނިކަ ސިޓީއެވެ.
2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ނެއްލައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މިފޯރިގަދަ މުބާރާތުގައި މީގެ ކުރިންވެސް މިފަދަ ހާދިސާއެއް ހިނގާފައިވެއެވެ.