އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކިރްގިސްތާނާ ވާދަކޮށް ސީދާ ތިން ސެޓުން ރާއްޖެ މިރޭ ބަލިވެއްޖެ އެވެ.
ސެޓުތައް ކުރިޔަށް ދިޔަގޮތަށް ބަލައިލާއިރު ފުރަތަމަ ސެޓު ފަސޭހަކަމާއެކު ކިރްގިސްތާން ކާމިޔާބުކުރީ 25-15 އިންނެވެ. ދެވަނަ ސެޓު ކިރިގިސްތާނުން ކާމިޔާބުކުރީ 26-24 ހުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓު ކިރްގިސްތާން ކާމިޔާބު ކުރީ 25-19 ހުންނެވެ.
މިއީ މިމުބާރާތުގައި ކިރިގިސްތާން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ނޭޕާލާއި ވާދަކޮށް ކިރިގިސްތާން މެޗު ކާމިޔާބުކޮށްފައި ވަނީވެސް ސީދާ ތިން ސެޓުންނެވެ. މިނަތީޖާއެކު ކިރިގިސްތާން މިހާރުވަނީ މިމުބާރާތުގެ ސެމީ ފައިނަލްގެ ޖާގަޔެއް ކަށަވަރު ކޮށްފައެވެ.
ރާއްޖެ ހިމެނޭ ގުރޫޕުގައި ހިމެނެނީ، ރާއްޖޭގެ އިތުރުން ކިރިގިސްތާން އަދި ނޭޕާލެވެ. ކިރިގިސްތާނަކީ މިމުބާރާތް އެންމެ ފަހުންވެސް ކާމިޔާބުކުރި ގައުމުކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން 2017 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭވީސީ މުބާރާތުގެ ތަށިވެސް އުފުލާލީ ކިރިގިސްތާނުންނެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ނޭޕާލާ ދެކޮޅަށެވެ.