އަންނަ އަހަރު ރިޓަޔާކޮށްފާނެކަމުގެ އިޝާރާތެއް ރޮނާލްޑޯ ދީފި

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލަފާނެކަމުގެ އިޝާރާތެއް ދީފިއެވެ.

ޓީވީއަކަށް ދިން އިންޓަވިއުއްގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައިވަނީ އޭނާ ކުޅުން ހުއްޓާލާނެ ވަކިއުމުރެއް ނޭނގޭކަމަށާއި، އެއީ ފަހަރުގައި އަންނަ އަހަރު ކަމަށްވެސް ވެދާނެކަމަށެވެ. މީގެ އިތުރުން އުމުރުން 40ގެ އަހަރުތަކުގައިވެސް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެވިދާނެކަމަށް ރޮނާލްޑޯ ބުންޏެވެ.

"އަންނަ އަހަރުވެސް ކުޅުން ހުއްޓާލެވިދާނެ. އެކަމަކު އުމުރުން 40 ނުވަތަ 41 އަހަރު ވަންދެންވެސް އަހަންނަށް ކުޅެވޭނެ." ރޮނާލްޑޯ ބުންޏެވެ.

މީގެ އިތުރުން ކުޅުން ހުއްޓާލުމާމެދު ނުވިސްނާކަމަށް ރޮނާލްޑޯ ބުނެފައިވާއިރު، އުމުރުން 34 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއާއެކު މިދިޔަ ސީޒަންގެ ސީރީއާ ކާމިޔާބުކޮށްފައިވާއިރު، ޔުވެންޓަސްއަށް ކުޅެދިން 43 މެޗުން 28 ލަނޑުވަނީ ކާމިޔާބުކޮށްދީފައެވެ. އަދި މިދިޔަ ސީޒަންގެ ސީރީއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ރޮނާލްޑޯ ހޯދާފައިވާއިރު، ވޭތުވެދިޔަ ސީޒަންއަކީ ސީރީއާގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ ސީޒަންކަންވެސް ފާހަގަކޮށްލެވެއެވެ.

ފަސް ފަހަރެއްގެ މަތިން ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ ރޮނާލްޑޯ ކެރިއަރުގައި 5 ޗެމްޕިއަންސް ލީގު، ތިން ޕްރިމިއާ ލީގު، ދެ ލަލީގާ އަދި އެއް ސީރީއާވަނީ ކާމިޔާބުކޮށްފައެވެ.

ރޮނާލްޑޯގެ އުންމީދަކީ ވީހާވެސް ގިނަ ރެކޯޑްތަކެއް މުޤުރާލައި ތާރީޚްގެ ތެރެއަށް ވަނުންކަމަށްވާއިރު، އޭނާއަށްވުރެ ގިނައިން ރެކޯޑު އޮންނަ އެހެން ކުޅުންތެރިއަކުވޭތޯވެސް ރޮނާލްޑޯވަނީ ސުވާލުކޮށްފައެވެ.

ސީރީއާގެ އާ ސީޒަން އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ސީޒަން ހުޅުވާމެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއާއި ޕަރްމާއެވެ. އެމެޗު ފެށުމަށް ހަމަޖެހިފައިވަނީ އެރޭ ރާއްޖެ ގަނޑިން 21:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ