ސީދާ ތިން ސެޓުން ނޭޕާލް ބަލިކޮށް، ރާއްޖެ ސެމީއަށް

އޭވީސީ ސެންޓްރަލް ޒޯންގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި ސީދާ ތިން ސެޓުން ނޭޕާލް ބަލިކޮށް، ރާއްޖެއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިއީ 2016 ވަނަ އަހަރަށްފަހު ރާއްޖެއިން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މިއަދުގެ މެޗަކީ ދެޓީމަށްވެސް މޮޅުވުން މަޖުބޫރު މެޗެކެވެ. ނޭޕާލާއި ރާއްޖެވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ކިރިގިސްތާން އަތުން ތިން ސެޓުން ބަލިވެފައި އޮތްއިރު، ގްރޫޕްގައި ހިމެނެނީވެސް ތިން ޓީީމެވެ. މިއަދު މެޗަކީ ގްރޫޕް ސްޓޭޖުގެ ފަހު މެޗެވެ.

ނޭޕާލްގެ އެތައް ސަޕޯޓަރުންނާއެކު ލަގަންކެއި އާމީ ކަވާޑް ހޯލްގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ފެށީ ވަރުގަދަކޮށެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި ސެޓު ރާއްޖެއިން ގެންދިޔައީ 25-22 އިންނެވެ.

ދެވަނަ ސެޓު ނޭޕާލުން ފެށީ ރަނގަޅަށެވެ. ތިން ޕޮއިންޓްގެ ލީޑަކާއެކު ނޭޕާލުން ކުޅެމުންދިޔައިރު، ރެފްރީގެ ނިންމުމަކާ ޝަކުވާ ކުރުމުން ރާއްޖޭގެ އަހުސަނަށް ސެޓުގެ ކުރީކޮޅުގައި ރަތް ކާޑުވެސް ދެއްކިއެވެ. ކުޑަ ކާއްޓޭ ވަރަށް ރަނގަޅު ފޯމެއްގައި ކުޅެމުންދިޔައިރު، ދެވަނަ ސެޓުގެ ފަހުކޮޅުގައި ރާއްޖޭ ޓީމުގެ ވަރުގަދަ ބްލޮކްތަކެއްވެސް ފެނިގެންދިޔައެވެ. ހާއްސަކޮށް ސެޓުގެ ފަހު ދެތިން ޕޮއިންޓްގައި ރާއްޖެއަށް ޕްރެޝަރު އެންމެ ކުޑަކޮށްދިން ކުޅުންތެރިޔަކަށް ފާހަގަވީ ކާއްޓޭއެވެ. ކާއްޓޭ ބެކް ކޯޓުން ވަރުގަދަ އެޓޭކްތަކެއް ކުރިއިރު، ރާއްޖެއިން ދެވަނަ ސެޓު ގެންދިޔައީ 25-21 އިންނެވެ.

ތިންވަނަ ސެޓަށް ނުކުތްއިރު، ޓީމު ފެނުނީ ވަރަށް ވަރުގަދަ ހިތްވަރެއްގައި ކުޅެމުންދިޔަތަނެވެ. ނޭޕާލްގެ ކުޅުންތެރިންގެ ފަރާތުން އަމިއްލަ ގޯސްތައް ގިނަކޮށް ފެނުނުއިރު، ރާއްޖޭގެ ބްލޮކްވެސް ފެނުނީ ވަރަށް ވަރުގަދަކޮށެވެ. އޭގެ އިތުރުން އެޓޭކްގައި ކެޕްޓަން ހުޒަންޓޭއާއި ކުޑަ ކާއްޓޭގެ ރަނގަޅު ހަމަލާތަކެއް ފެނުނެވެ. ރާއްޖެއިން ގާތް ގަނޑަކަށް އަށް ޕޮއިންޓްގެ ލީޑެއްގައި ކުޅެމުން ގޮސް މެޗު ގެންދިޔައީ ތިންވަނަ ސެޓު 25-14 އިންނެވެ.

ރާއްޖެއިން ސެމީގައި ކުޅެން ޖެހޭ ޓީމު އެނގޭނީ މިރޭ ކުޅޭ ގްރޫޕް ބީގެ ފަހު މެޗުގައި ބަންގްލަދޭޝްއާއި ތުރުކެމެނިސްތާން ވާދަކުރާ މެޗަށްފަހުގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް