އީޕީއެލް - އެންމެފަހުން ލަމްޕާޑަށް މޮޅެއް

އިންގްލިޝް ޕްރިމިއާ ލީގުގައި ނޯވިޗްއާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެ، ކޯޗު ލަމްޕާޑަށް ލީގުން މޮޅެއް ލިބެއްޖެއެވެ.

ނޯވިޗް ދަނޑުގައި ކުޅުނު މިފޯރިގަދަ މެޗު ޗެލްސީން ކާމިޔާބުކޮށްފައިވަނީ 2-3 ގެ ނަތީޖާއަކުންނެވެ.

ގިނަ އަދަދަކަށް ޒުވާން ކުޅުންތެރިން ޓީމުގައި ހިމަނައިގެން ސީޒަންފެށި ލަމްޕާޑުގެ ޗެލްސީއަށް ލީގުގެ ފުރަތަމަ ދެމެޗުންވެސް މޮޅެއް ލިބިފައިނުވާއިރު، ޔޫއެފާ ސުޕަ ކަޕް ފައިނަލް މެޗުން ލިވަޕޫލް އަތުންވަނީ ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ޗެލްސީންނެވެ. ނޯވިޗް ކުޅުންތެރިންނަށް ރަނގަޅަށް މެޗަށް ނުވަދެވި އުޅެނިކޮށް ފެނިގެން ދިޔަ މިލަނޑު މެޗުގެ 3 ވަނަ މިނަޓްގައި ޖަހައިދިނީ އުމުރުން 21 އަހަރުގެ ޓަމީ އަބްރަހަމްއެވެ. ޗެލްސީގެ ލަނޑަށްފަހު މާގިނައިރުތަކެއްނުވެ ނޯވިޗުން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށް މެޗުގެ ފޯރި ގަދަކޮށްލިއެވެ. 6 ވަނަ މިނަޓްގައި ޓޮޑް ކާންޓްވެލް ޖަހައިދިން މިލަނޑަކީ ޗެލްސީގެ އަބްރަހަމްއަށް ފައުލްކުރުމަށްފަހު ބޯޅަ ހިފައިގެންގޮސް ޖެހި ލަނޑެއްކަމަށްބުނެ ޗެލްސީ ކުޅުންތެރިންނާއި އޮފިޝަލުން މައްސަލަވެސް ޖެއްސިއެވެ. ނަމަވެސް ރެފްރީވަނީ އެއީ ލަނޑެއްކަމަށް ނިންމާފައެވެ.

އަނެއްކާވެސް ޗެލްސީން އިތުރު ލަނޑެއްޖަހައި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. 17 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުމުރުން 20 އަހަރުގެ މޭސަން މައުންޓްއެވެ. އޭގެ 13 މިނަޓްފަހުން ނޯވިޗްގެ ޓީމު ޕުކީ އިތުރު ލަނޑެއްޖަހައި ދެވަނަ ފަހަރަށް ނޯވިޗަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

މެޗުގެ ފުރަތަމަ ހާފު 2-2 ގެ ނަތީޖާގައި އޮވެ ނިމިގެންދިޔައިރު، ދެވަނަ ހާފުގައި ޗެލްސީއިންވަނީ ހަމަލާތައް ވަރުގަދަކޮށްފައެވެ. އެއާޚިލާފަށް ނޯވިޗުގެ ފަރާތުން ދެވަނަ ހާފުގައި ފެނިގެންދިޔައީ ޑިފެންސިވް ގޭމެކެވެ.

ޗެލްސީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުން އެޓީމު މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ޓަމީ އަބްރަހަމްއެވެ. މެޗުގެ 68 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ އަބްރަހަމްގެ ވަރަށް ހިތްގައިމު ނިންމާލުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ