އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލެސްއާއި ދެކޮޅަށް ކުޅުނު މެޗުގައި އިތުރުވަގުތު ކާމިޔާބުކޮށްދިން ލަނޑަކާއެކު ކްރިސްޓަލް ޕެލެސްއިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅެވުނު މިމެޗު ނިމިފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނަޓްގައި ކްރިސްޓަލް ޕެލެސްއިން ޖެހިއިރު، މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ޖޯޑަން އަޔޯއެވެ. އެކަނިމާއެކަނި ހުސްކޮށްއަރާ ޖޯޑަން މިލަނޑު ޖަހާފައިވަނީ ގޯލްގެ ތިރީކަނަށެވެ.
މެޗުގެ 70 ވަނަ މިނަޓްގައި ޔުނައިޓެޑަށް ލަނޑުޖަހަން ލިބުނު ރަނުގެ ފުރުޞަތެއް ރަޝްފޯޑް އަތުންވަނީ ނާކާމިޔާބުވެފައެވެ. ރަޝްފޯޑް ފޮނުވާލި މިޕެނަލްޓީ ބޭރަށްދިޔައީ ގޯލްގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
ޔުނައިޓެޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 89 ވަނަ މިނަޓްގައެވެ. ޑެނިއެލް ޖޭމްސްޖެހި މިލަނޑަކީ އޭރިއާތެރޭހުރެ ފޮނުވާލި ހިތްގައިމު ބަނާނާއަކުން ކާމިޔާބުކޮށްދިން ލަނޑެކެވެ.
ކްރިސްޓަލް ޕެލެސްއިން މޮޅުވި ލަނޑު ޖަހާފައިވަނީ 90 މިނަޓް ހަމަވެ، އިތުރުވަގުތަށް ދެއްކި ފަސް މިނަޓްގެ ތެރެއިން ތިންވަނަ މިނަޓްގައެވެ. އޭރިއާތެރޭހުރެ ކްރިސްޓަލް ޕެލެސްގެ ޕެޓްރިކް ވޭން ކާމިޔާބުކޮށްދިން މިލަނޑު ވަނީ ޔުނައިޓެޑްގެ ކީޕަރު ޑެހެއާ އަތުގައި ޖެހިފައެވެ.
ޔުނައިޓެޑުން މިފަހަރުގެ ސީޒަން ވަރަށް ވަރުގަދަކޮށް ފައްޓާފައިވާއިރު، ލީގުގެ ފުރަތަމަ މެޗުގައި ވަރުގަދަ ޗެލްސީއާއި ބައްދަލުކޮށް ޔުނައިޓެޑުން އެމެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާ އަކުންނެވެ.




