ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއަލްމެޑްރިޑްގައި އުޅުނު ދުވަސްވަރު ދެއްކި ފެންވަރަށް މިދިޔަ ޖޫން މަހު އެކްލަބާއި އަލަށްގުޅުނު ބެލްޖިއަމްގެތަރި އެޑެން ހަޒާޑަށް ނުދެއްކޭނެކަމަށް ކުރިން ރެއަލްމެޑްރިޑަށް ކުޅުނު ޕްރެޑްރަގް މިޗަޓޮވިޗް ބުނެފިއެވެ.
2018-19 ސީޒަންގައި ރެއަލްމެޑްރިޑްގެ ފަރާތުން ފެނުނު ދަށް ކުޅުމާއި ގުޅިގެން އެކްލަބުން ޒިދާން ކޯޗުކަމަށް ގެނެސް ޓީމު އިތުރަށް ވަރުގަދަކުރުމަށް އޭނާއަށް ފުރުޞަތުވަނީ ދީފައެވެ.
އެގޮތުން ޗެލްސީގައި ވަރުގަދަ ކުޅުމެއް ދައްކަމުންއައި ހަޒާޑު ރެއަލްމެޑްރިޑުން ގެނެސްފައިވަނީ މިދިޔަ ޖޫން މަހުއެވެ. ރެއާލުން ހަޒާޑްގެ ޓްރާންސްފާ ފީ އަކަށް އެންމެ ފުރަަތަމަ 100 މިލިއަން ޔޫރޯ ދައްކާފައިވާއިރު، ބޯނަސްގެ ގޮތުގައި އިތުރު 45 މިލިއަން ޔޫރޯ ދޭން ވަނީ އެއްބަސްވެފައެވެ. އަދި ހަޒާޑް ރެއާލާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ރެއަލްމެޑްރިޑާއެކު މިހާތަނަށް އެންމެގިނަ ކާމިޔާބީއެއް ހޯދާފައިވާ އެއް ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ރެއަލްމެޑްރިޑްގައި 10 އަހަރު ހޭދަކުރި ރޮނާލްޑޯ، އެކްލަބާއެކު ހަތަރު ޗެމްޕިއަންސް ލީގު އަދި ދެ ލަލީގާގެ އިތުރުން ދެ ކޮޕަޑެލްރޭވެސްވަނީ ކާމިޔާބުކޮށްފައެވެ. އަދި މިދުވަސްވަރު ހަތަރު ބެލެންޑޯ ކާމިޔާބުކޮށްފައިވާއިރު، އެކްލަބަށް ކުޅެދިން 438 މެޗުން 450 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
"ހަޒާޑަކީ މޮޅު ކުޅުންތެރިއެއް. ޔޫރަޕްގެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭ. އެކަމު އަހަރެން ދެކޭ ގޮތުގައި މެޑްރިޑްގައި ރޮނާލްޑޯ އެދެއްކި ކުޅުން ހަޒާޑަށް ނުދެއްކޭނެ. ރޮނާލްޑޯއާއި އެއްފެންވަރަށް ކުޅެވޭނެ އެހެން ކުޅުންތެރިއަކު ނެތް." މިޗަޓޮވިޗް ބުންޏެވެ.




