ޔުވެންޓަސްއަށް ކުޅެމުން އަންނަ ކޮރޭޝިއާގެ ތަރި މާރިއޯ މަންޒުކިޗަށް ޕީއެސްޖީން ހުށަހެޅި ހުށަހެޅުމަށް އޭނާ ނޫނެކޭ ބުނެފިއެވެ.
ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ކްލަބުގެ ކުރި ރަނގަޅުކުރުމަށް ޕީއެސްޖީއަށްވަނީ މަޖުބޫރުވެފައެވެ. އެހެނީ އެކްލަބުގެ ކުރިއަށް ކުޅެމުން އަންނަ ކަވާނީ އަދި އެމްބާޕޭއަށް އަނިޔާވެފައިވާއިރު، ނޭމާވެސް ކްލަބުގައި މަޑުކުރާނެ ކަމާމެދުވަނީ ސުވާލު އުފެދިފައެވެ.
އަނެއްކޮޅުން، ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ޗެމްޕިއަންސް ލީގަށް ނެގި ޓީމުގައި އުމުރުން 33 އަހަރުގެ މަންޒުކިޗް ހިމެނިފައެއް ނުވެއެވެ. ސާރީގެ ޕްލޭންގައި ޔުވެންޓަސްގެ ކުރި ބަލަހައްޓާނީ ހިގުއައިން، ޑިބާލާ އަދި ރޮނާލްޑޯއެވެ.
ނަމަވެސް މަންޒުކިޗްވަނީ ޕީއެސްޖީގެ ހުށަހެޅުމަށް ނޫނެކޭ ބުނެ، ޔުވެންޓަސްގައި މަޑުކުރަންވަނީ ނިންމާފައެވެ. އޭނާ ދެކޭގޮތުގައި ޗެމްޕިއަންސް ލީގު ލިސްޓްގައި އޭނާ ނެތްނަމަވެސް އެހެން މުބާރާތް ތަކުގައި އޭނާއަށް އަދިވެސް ކްލަބަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
ނިމުނު ސީޒަންގައި ޔުވެންޓަސްއަށް 33 މެޗު ކުޅެ 9 ލަނޑު މަންޒުކިޗްވަނީ ކާމިޔާބުކޮށްދީފައެވެ.
ޕީއެސްޖީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް އަދި ރޯމާވެސް މަންޒުކިޗަށް ޝަޢުޤުވެރިކަން ފާޅުކޮށްފައިވެއެވެ.




