ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިއޯން އަދި ބާސާ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި 0-0 ގެ ނަތީޖާއަކުން ނިމުނުއިރު މެޗުގައި ލަނޑެއްޖެހޭތޯ ކުރި މަސައްކަތުން ބާސާއިން ގޯލަށް ފޮނުވާލި 25 ހަމަލާވެސްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
ބޯޅަ ގިނަވަގުތު ގެންގުޅެ ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް އުފެއްދިނަމަވެސް ލަނޑުޖެހުމަށް ކުޅަދާނަ ބާސާގެ ވަރުގަދަ ކުރި މެސީ، ސުއަރޭޒް އަދި ކުޓީނިއޯ ހުއްޓުވީ ލިއޯންގެ ކީޕަރ އެންތަނީ ލޮޕެސްއެވެ.
ބާސާއިން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެއްވަރުވެފައިވާއިރު މެޗުގެ ފުރަތަމަ ހަތަރުވަނަ މިނަޓްތެރޭ ލަނޑުޖާހާނެ ރަނގަޅު ދެފުރުޞަތު ލިބުނެވެ. ޑެމްބެލޭގެ ހަމަލާ ބޭރަށް ދިޔައިރު ޕެނަލްޓީ އޭރިއާ ބޭރުން މެސީ ފޮނުވާލި ހިލޭ ޖެހުންދިޔައީ ގޯލްގެ މަތިންނެވެ.
މިސީޒަންގައި ޕީއެސްޖީ ބަލިކުރުމުގެ ޝަރަފުއޮތް ލިއޯން ގަދަ 16އަށް އައީ ގްރޫޕް އެފްގެ ދެވަނައިގެ ގޮތުގައެވެ. ލިއޯންއަށް މިމެޗުގައި ލަނޑުޖަހާނެ މާގިނަ ފުރުޞަތުތަކެއް ނުލިބެއެވެ. އޯވާރް ދުރުން ފޮނުވާލި ހޫނު ހަމަލާ ބާސާ ކީޕަރ ސްޓެގެން ދިފާއުކުރިއިރު، މެމްފިސްގެ ހަމަލާދިޔައީ ގޯލާ މާދުރުންނެވެ.
މިމެޗުގެ ދެވަނަ ލެގު 13 މާރޗްގައި ކުޅެވޭނީ ބާސާ ދަނޑުގައެވެ.




