ޔުއެފާ އިން ހޮވާ ޔޫރަޕުގައި ކުޅޭ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ލިބިއްޖެއެވެ.
ވަރުގަދަ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީއާއި ވާދަކޮށް އުމުރުން 28 އަހަރުގެ ވެންޑައިކް މިއެވޯޑް ޙާސިލްކުރިއިރު، މިއީ ނެދަލެންޑްގެ ކުޅުންތެރިއަކު މިއެވޯޑް ޙާސިލްކުރި ފުރަތަމަ ފަހަރެވެ.
"މިހިސާބަށް އާދެވުނީ ވަރަށް ދިގު ރާސްތާއެއް ހުރަސްކުރުމަށްފަހު. މިއަދު މި ޓްރޮފީ ލިބުމުން ވަރަށް ފަޚުރުވެރިވޭ. އަދި މިހިސާބަށް އައުމަށް އެހީތެރިވެދިން އެންމެންނަށްވެސް ޝުކުރުއަދާކުރަން ބޭނުން." ވެންޑައިކް ބުންޏެވެ.
ފްރާންސްގެ މޮނާކޯގައި މިރޭ ބޭއްވި ރަސްމިޔާތުގައި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ޑިފެންޑަރުގެ މަޤާމުވެސް ވެންޑައިކްވަނީ ހޯދާފައެވެ.

ނިމުނު ސީޒަންގައި ވެންޑައިކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާއިރު، އޭނާވަނީ ލިވަޕޫލްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި ނެދަލެންޑާއިއެކު ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލަށްވެސް ދަތުރުކޮށްފައިވެއެވެ.
މިރޭގެ ރަސްމިއްޔާތުގައި ހޮވި އިތުރު މަޤާމުތަކަށް ބަލާލާއިރު، އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމު ހޯދީ ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ އެލިސަންއެވެ. އަދި އެންމެ މޮޅު މިޑްފީލްޑާރަކީ ދާދިފަހުން ބާސެލޯނާއާއި ގުޅުނު ފްރެންކީ ދިޖޮންއެވެ. އަދި އެންމެ މޮޅު ފޯވާޑަކީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ.
މީގެއިތުރުން އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ގެންދިޔައީ ލިޔޯން އަށް ކުޅެމުން އަންނަ އިންގްލޭންޑުގެ ލޫސީ ބްރޯންޒްއެވެ. އިންގެލޭންޑް އަދި ބެލްޖިއަމް ބައްދަލުކުރާ ރަޙްމަތްތެރިކަމުގެ މެޗެއް މިރޭ ކުޅެންޖެހިފައި އޮތުމުގެ ސަބަބުން ބްރޯންޒްއަށް މިރޭގެ ހަފްލާގައި ބައިވެރިވެވޭގޮތްވަނީ ނުވެފައެވެ.




