ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ "ސިނަމާލެ ބުރިޖް" ރަސްމީކޮށް ހުޅުވި ފަހުން މިއަދަށް އަހަރެއްވީއެވެ. ދިވެހިންގެ ފޮނި އުންމީދު ތަކަކާއި ހުވަފެންތަކެއްގައި ކުލަ ޖެހުނު ފަނުން އަހަރެއްވެގެން ދިޔަ އިރު، ސިނަމާލެ ބުރިޖް ވެގެން ގޮސްފައިވަނީ އެތައް ދިވެހިންނަކަށް ބޮޑު ފަސޭހައެއް ލިއްބައިދެމުން އަންނަ ތަނަކަށެވެ.
ކަނޑުމަގުގައި ފެރީން ހުޅުމާލެއަށް ކުރި ދަތުރުތައް ކާރާއި ސައިކަލް އަދި ބަސް ތަކުގައި މިހާރު ދަނީ ކުރެވެމުންނެވެ. ކަނޑު ގަދަ ވެއްޖެ ނަމަ އެތައް އުނދަނގުލެއް ކުރިމަތިވި ދުވަސްތައް މާޒީގެ ތެރެއަށް ދޫވެގެން ދިޔައީއެވެ. ނަމަވެސް ބުރިޖް މަތީ ކުރާ ދަތުރު ތަކުގައިވެސް ބަލަން ވާވަރަށް ނުބެލުމުގެ ސަބަބުން ވަނީ ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގާފައިކަން ފާހަގަ ކޮށްލަމެވެ. ކިތައްމެ ފަސޭހަކަމާއި އަރާމެއްގައި ކަމެއް ކުރެވެން އޮތް ނަމަވެސް އެކަމެއްގައި ބަލަންވާރަށް ނުބަލައިފި ނަމަ އޭގެ ނުރައްކާ ކުރިމަތިވެދާނެއެވެ.

ދިވެހިރާއްޖެއާއި ޗައިނާ ސަރުކާރު ގުޅިގެން ހަދާފައިވާ ސިނަމާލެ ބުރިޖަށް ފުރަތަމަ ކިޔަމުން އައީ "ޗައިނާ-މޯލްޑިވްސް ފްރެންޑް ޝިޕް" ބުރިޖް އެވެ. މި ބުރިޖަށް ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. އޭގެ ތެރޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީއާއި، ޗައިނާގެ ލޯނު އެހީގެ އިތުރުން ދިވެހި ސަރުކާރުން ވެސް ވަނީ ޚަރަދު ކޮށްފައެވެ.

ސިނަމާލެ ބުރިޖަކީ ރާއްޖޭގައި އެޅިގެންދިޔަ މިފަދަ ފުރަތަމަ ބްރިޖެވެ. ބުރިޖްގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ ސަރުކާރުގެ ޙިއްސާ އޮންނަ ޗައިނާގެ އެސް.އެޗް.އީ.ސީ ކުންފުނީގެ ފަރާތުންނެވެ. މި މަޝްރޫޢު 2015 ވަނަ އަހަރުގެ 30 ޑިސެންބަރުގައި ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވީ އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މި މަސައްކަތައް ފުރަތަމަ ކޮޅު ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވީނަމަވެސް، ބުރިޖްގެ މަސައްކަތް ނިމި ބޭނުން ކުރެވެން ފެށުމާއެކު ހުރިހާ ދިވެހިންވެސް ވަނީ އެކަމާއި އުފާކޮށްފައެވެ.

ދިވެހިރާއްޖެ އުފެދިފައިވަނީ ކުދި ކުދި ޖަޒީރާ ރައްތަކެއްގެ މައްޗަށް ކަމަށް ވާތީ ދަތުރު ފަތުރުގެ ފަސޭހަ ރަނގަޅު ނިޒާމަކުން ރަށްތައް ގުޅިފައި އޮތުމަކީ އިގްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުން ވެސް ޤައުމަށް ލިބިގެންދާ ބޮޑު ކުރިއެރުމަކަށެވެ.
އެގޮތުން ވެރިރަށް މާލެއާއި މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލެއާއި ދެމެދު އެޅުނު ބުރިޖާއެކު މި ދޭތެރޭގެ ދަތުރު ފަތުރަށް ވަނީ ބޮޑު އިންގިލާބެއްއައިސްފައެވެ. އަދި ހަމައެހެންމެ ދިވެހިރާއްޖޭގެ މައި އެއަރޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާވެސް އެއްގަމު މަގުން ވަނީ ގުޅިފައެވެ. މިއީވެސް ހުރިހާ ދިވެހިންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައަކާއި ހިތްހަމަ ޖެހުމެއްކަން ޔަގީނެވެ.



