ޔޫސީއެލް – ބަޔާންއިން ލިވަޕޫލް ހުއްޓުވައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ރޭ އެންމެ ފަހުގެ ރަނަރސް އަޕް ލިވަޕޫލް އަދި ޖަރުމަނުގެ ޗެމްޕިއަން ބަޔާން ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅެވުނު މިމެޗުގައި ރަނގަޅަށްކުޅެ ގިނަ ހަމަލާ އުފެއްދީވެސް ލިވަޕޫލުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ މާނޭއަށް ލަނޑު ޖަހާނެ ގިނަ ފުރުޞަތު ތަކެއް ލިބިގެންދިޔައިރު އޭރިއާތެރޭ ހުހަށްހުރެ ފޮނުވާލި ބޯޅަދިޔައީ ބޭރަށެވެ. ފުރަތަމަ ހާފްގައި ލިވަޕޫލްގެ ފިރްމީނޯއާއި ސަލާހްގެ ހަމަލާތައްވެސް ބޭކާރުވި އިރު، ބަޔާންގެ ޑިފެންސްގައި މެޓްސް ހަމުލްސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މެޗުގެ 85ވަނަ މިނަޓްގައި މާނޭ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ ކީޕަރ ނޯޔާއެވެ.
ރޮބާޓޯ ފިރްމީނޯ ނެގި ހުރަހެއް ގޯލްއޭރިއާ ތެރޭއިން މެޓިޕްއަށް ނިންމާ ނުލެވުނުއިރު، މެޓިޕްއަށް ހެދުނު ގޯހެއްގެ ފައިދާ ބަޔާންއިން ނަގައި ގޯލަށް ފޮނުވާލި ހަމަލާ ދިފާއުކުރީ ލިވަޕޫލްގެ ކީޕަރު އެލިސަންއެވެ.
ޗެމްޕިއަންސް ލީގުގެ ތާރީޚަށް ބަލާއިރު ފުރަތަމަ ލެގު އަމިއްލަ ދަނޑުގައި ކުޅެ ލަނޑެއް ނުޖެހި އެއްވަރުވެގެން ނިންމާލި 31 ޓީމުގެ ތެރެއިން އަނެއް ބުރަށް ދިޔައީ އެންމެ 10 ޓީމެވެ.
އަންނަ މަހުގެ 13ގައި މިމެޗުގެ ދެވަނަ ލެގު ބަޔާންގައި ކުޅުމަށް ހަމަޖެހިފައިވާއިރު ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބަޔާން އެންމެ ފަހުން ކުޅުނު 26 މެޗުގެތެރެއިން ބަލިވީ އެންމެ ދެ މެޗުންނެވެ. ނަމަވެސް އެމެޗުގައި ލިވަޕޫލްއިން ޖަހާ ކޮންމެ ލަނޑަކީ ކުއާޓާއަށް ދިއުމަށް ލިވަޕޫލަށް އިތުރު އެހީއަކަށް ވެގެންދާނެއެވެ. އެއީ 0-0 ނޫންގޮތަކަށް މެޗު އެއްވަރު ވެއްޖެނަމަ އަވޭ ގޯލް ފައިދާ އޮންނާނީ ލިވަޕޫލްއަށެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ރަށުންބޭރުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވުމެވެ.
މިމެޗުގައި ލިވަޕޫލްގެ ފޯވާޑް ލައިންއަށް ލަނޑެއް ކާމިޔާބުކޮށްދެވިފައި ނުވިނަމަވެސް އެޓީމުގެ ޑިފެންސް ލައިންއިން ބަޔާންގެ ފޯވާޑުން ހިފެހެއްޓުމަށް ކުރި މަސައްކަތް ފާހަގަކޮށްލެވެއެވެ. ސަސްޕެންޝަނުގެ ސަބަބުން ލިވަޕޫލްގެ އެއް ނަމްބަރު ޑިފެންޑަރު ވާޖިލް ވެން ޑައިކް އަދި އިންޖަރީ ވެފައިވާ ލޮވްރަންއާއި ގޮމެޒް ނުލައި ކުޅުނު މި މެޗުގައި އެ ޓީމުގެ ފަހަތަށް ކުޅުނު ޔޮއެލް ޕަޓިޕް އާއި ފަބީނިއޯ ވަނީ ބަޔާނުގެ ރޮބާޓް ލެވަންޑޯސްކީ ކައިރީގައި ދެއްކި މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ބަޔާންގެ ކުޅުން ހުއްޓުވުމަށް މެދުތެރެއިން ލިވަޕޫލްގެ ހެންޑަސަންކުރި މަސައްކަތް ފާހަގަކޮށްލެވެއެވެ.
މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ޓޮޕް ސްކޯރަރ ރޮބާޓް ލެވަންޑޯސްކީއަށް މިމެޗުގައި ބޯޅައިގައި 34 ޓަޗް ކުރެވުނުއިރު އޭރިއާތެރެއިން ކުރެވުނީ އެންމެ ތިން ޓަޗެވެ. މިއީ މެޗެއްގައި ފުރަތަމަ 11ގައި ކުޅެންއަރާ އެންމެ މަދުން ކުޅުންތެރިއަކަށް ބޯޅައިގައި ޓަޗްކުރެވުނު އަދަދެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ