ޤާރީންނާއި ޙާފިޡުން ބޭރުން ނުގެނެސް ރާއްޖެއިން ހަމަޖައްސަންޖެހޭ - ނައިބު ރައީސް

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއް ކަމުގައި ވީނަމަވެސް ކޮންމެ ރޯދަ މަހަކާ ދިމާކޮށް ޤާރީންނާއި ޙާފިޡުން ފަދަ ފަރާތްތައް ރާއްޖެއިން ބޭރުން ގެންނަންޖެހުމަކީ ވިސްނާލަންޖެހޭ ކަމެއްކަމަށާ، އޭގެ ބަދަލުގައި ރާއްޖެއިން އެކަންކުރެވޭނެ ގޮތެއް ހޯދަންޖެހޭކަމުގައި ރައީސުލްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ، ރާއްޖެއިން މިހާރުވެސް ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކާއި ބޭރުގެ އެކިއެކި މުބާރާތްތަކުގައި ބައިވެރިވަމުންދާކަން ފާހަގަކުރައްވައި ވިދާޅުވީ ރަމްޟާންމަހު ޤާރީން ބޭރުން ނުގެނެސް ރާއްޖެއިން އެކަން ހަމަޖެއްސުމުގެ މަޤްޞަދުގައި މަސައްކަތްކޮށްފިނަމަ ދާދި އަވަހަށް އެކަން ކާމިޔާބުވެދާނެ ކަމަށެވެ.

އެގޮތުން ސްކޫލްތަކާއި ޤުރުއާނާ ބެހޭ މަރުކަޒުން އިސްނަންގަވައިގެން މިކަންފުރިހަމަ ކުރުމުގައި ރަނގަޅު ޕްލޭނަކާއެކު މަސައްކަތްކޮށްދެއްވުމަށް އެފަރާތްތަކުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

ހަމައެހެންމެ ޤުރުއާން ކިޔަވައި އޭގެ މާނަ ދަސްކުރާ ބަޔަކަށް ވުމަށާއި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ދަރިންނަށް ނަޞޭޙަތްތެރިވެދެއްވައި އެކަމަށް ބާރުއަޅުއްވައި ދެއްވުމަށް ބެލެނިވެރިންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ޤުރުއާނަށް ކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ މަޤްޞަދުގައި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން މިއަހަރު މިފަށާ 33 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ޖުމްލަ 1273 ފަރާތަކުން ބައިވެރިވެއެވެ.

މިއީ މިފަދަ މުބާރާތެއްގައި މިހާގިނަ ދަރިވަރުން ބައިވެރިވާ ފުރަތަމަ ފަހަރުކަމަށްވުމުގެ އިތުރުން މިއީ އެއްފަރާ ދެތަނެއްގައި ޤައުމީ މުބާރާތުގެ ކިޔެވުން ކުރިޔަށްގެންދެވޭ ފުރަތަމަ ފަހަރުވެސް މެއެވެ. އެގޮތުން މުބާރާތުގެ ކިޔެވުން އިސްލާމީ މަރުކަޒުގެ ހޯލާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި އެއް ވަގުތެއްގައި ކުރިޔަށްގެންދެވޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ